02 ޖުލައި 2025 - 09:17
މަޔާމީ (ޖުލައި 2) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރަން ޖެހިފައިވާއިރު ޖޫޑެ ބެލިންހަމްގެ ކޮއްކޮ، ޖޯބެ ބެލިންހަމް އެ މެޗަށް ސަސްޕެންޑް ވެއްޖެ އެވެ.
މިހާތަނަށް ފަސް ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް ކުއާޓާއަށް ދަތުރު ކުރީ 1-0 އިން ޔުވެންޓަސް ބަލިކޮށްގެންނެވެ.
ރޭ ކުޅުނު މި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު 54 ވަނަ މިނިޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ. މިއީ އޭނާ ކްލަބް ވޯލްޑް ކަޕްގައި ޖެހި ތިންވަނަ ލަނޑެވެ.
ޑޯޓްމަންޑް ވަނީ ގަދަ 16 ގައި މިއަދު ހެނދުނު މެކްސިކޯގެ މޮންޓެރޭއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި ސާހޫ ގިރާސީ ދެ ގޯލުގެ ލީޑެއް ނަގައިފައި ވަނިކޮށް މޮންޓެރޭގެ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ޖާމަން ބާޓްރާމޭ އެވެ.
ދެވަނަ ހާފުގައި މޮންޓެރޭ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކާމިޔާބެއް ނުވި އެވެ. ބާޓްރާމޭ އެއްވަރުކުރަން ޖެހި ލަނޑުގައި އޮފްސައިޑް ވުމުން ވީއޭއާރުން ގޯލު ކެންސަލް ކުރި އިރު، މެޗުގެ އިތުރު ވަގުތުގައި ސާޖިއޯ ރާމޯސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑީ ކައިރިން ބޭރަށެވެ.
އުމުރުން 19 އަހަރުގެ ޖޯބެ ސަސްޕެންޑް ވީ، އެ ޓީމުން ދެ ގޯލުގެ ލީޑު ނަގައިފައި ވަނިކޮށް، އޭނާ އަށް ރީނދޫ ކާޑެއް ދެއްކުމުން މި މުބާރާތުގައި ދެ ކާޑު ހަމަވެގެންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާގެ އުލްސަން އެޗްޑީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ އަށް ކާޑު ދައްކާފައިވެ އެވެ.
މިހާރު ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕްގައި، ޖޫޑެ އާއި ޖޯބެ ވެސް ވަނީ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ގޯލު ޖަހައިފަ އެވެ.
ސީދާ ކްލަބް ވޯލްޑް ކަޕް ފެށުމުގެ ކުރިން ޑޯޓްމަންޑުން، ޖޯބެ ގެނައީ 27.8 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާގެ ބޭބެ، ޖޫޑެ ވެސް އިންގްލެންޑު ދޫކޮށް އެންމެ ފުރަތަމަ ބަދަލުވީ ޑޯޓްމަންޑަށެވެ. އޭނާ ބަދަލުވީ އުމުރުން 17 އަހަރުގައި އޭރުގެ ރެކޯޑް 25 މިލިއަން ޕައުންޑަށެވެ.
ޑޯޓްމަންޑުން އުންމީދު ކުރަނީ ޖޫޑެ ބެލިންހަމް 2023 ވަނަ އަހަރު ކްލަބްގައި ދެއްކި ކުޅުން އޭނާގެ ކޮއްކޮ ތަކުރާރު ކުރުމެވެ. އެ ސީޒަންގެ ބުންޑެސްލިގާ ތަށި ޑޯޓްމަންޑަށް ގެއްލުނީ ފަހު މެޗުން މޮޅު ނުވެވުމުންނެވެ. އަނިޔާގެ ސަބަބުން ބެލިންހަމް އަށް އެ މެޗުގައި ނުކުޅެވުނެވެ. ޖެހިގެން އައި ސީޒަނުގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 103 މިލިއަން ޔޫރޯއަށެެވެ.
ގަދަ 16 ގެ މެޗުތައް ނިމިފައި ވާއިރު، ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ފަށާނީ ހުކުރު ދުވަހުގެ ރެއެވެ.
- ޖުލައި 5 / 00:00 : ފްލުމިނޭސީ - އަލް ހިލާލް
- ޖުލައި 5 / 06:00 : ޕަލްމެއިރާސް - ޗެލްސީ
- ޖުލައި5 / 21:00 : ޕީއެސްޖީ - ބެޔާން މިއުނިކް
- ޖުލައި 6 / 00:00 : ރެއާލް މެޑްރިޑް - ބޮރޫޝިއާ ޑޯޓްމަންޑް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy