ކުޅިވަރު / ދުނިޔޭގެ ކުޅިވަރު

ރެއާލާއި އާސެނަލް މޮޅުވި އިރު ޔުވެންޓަސް އާއި ޑޯޓްމަންޑްގެ ފެށުން އެއްވަރު

ވްލަހޯވިޗް (ވ)، ޔުވެންޓަސް އަށް ލަނޑެއް ޖެހުމަށް ފަހު، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ

17 ސެޕްޓެމްބަރ 2025 - 07:12

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު ރެއާލް މެޑްރިޑާއި އާސެނަލް ކާމިޔާބު ކުރިއިރު، ޔުވެންޓަސް އާއި ޑޯޓްމަންޑް އެއްވަރު ވެއްޖެ އެވެ.

އާސެނަލް ރަށުން ބޭރުގައި މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން 2-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކުރި އިރު، މާސޭއާ ވާދަކޮށް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މޮޅުވީ ލިބުނު ޕެނަލްޓީތަކަކުން 2-1 އިންނެވެ. އަމިއްލަ ދަނޑުގައި ޔުވެންޓަސް އެއްވަރުވީ ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް 4-4 އިންނެވެ.

މެޗުގެ ފަހު 20 މިނިޓުތެރޭ އާސެނަލް މޮޅުވީ ގެބްރިއެލް މާޓިނެއްލީ އާއި ލިއަންޑްރޯ ޓްރޮސާޑް ޖަހައިދިން ގޯލުތަކުންނެވެ.

މާޓިނެއްލީ (ކ) އާސެނަލަށް ލީޑު ނަގައިދިން ގޯލަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މާސޭއާ ވާދަކޮށް، ރެއާލަށް ޖެހުނީ ފަހަތުން އަރާށެވެ. މެޗުގެ 22 ވަނަ މިނިޓުގައި ޓިމޮތީ ވެއާ މާސޭއަށް ލީޑު ނަގައިދިން އިރު، އޭގެ ހަ މިނިޓު ފަހުން ލިބުނު ޕެނަލްޓިއައަކުން އެއްވަރު ކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ޑެނީ ކާވަހާލް އަށް ރަތް ކާޑެއް ދައްކާފައި ވަނިކޮށް ރެއާލް މޮޅުވި ޕެނަލްޓީ 81 ވަނަ މިނިޓުގައި ޖަހައިދިނީ ވެސް އެމްބާޕޭ އެވެ.

އެމްބާޕޭ (މ) ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި ފެނުނު އަށް ގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ކަރީމް އަޑެޔެމީ 52 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ 11 މިނިޓު ފަހުން ޔުވެންޓަސް އެއްވަރު ކުރީ ކެނާން ޔިލްޑިޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ ދެ މިނިޓު ފަހުން ފެލިކްސް އެންމެޗާ ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް ދެ މިނިޓު ތެރޭ ޔުވެންޓަސް އަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ ޑޫސާން ވްލަހޯވިޗެވެ.

ޑޯޓްމަންޑް ތިންވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 74 ވަނަ މިނިޓުގައި ޔާން ކައުޓޯ ޖަހައިދިން ގޯލުންނެވެ. ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރަމީ ބެންސެބައިނީ ވަނީ ޑޯޓްމަންޑަށް މެޗުގެ ހަތަރުވަނަ ގޯލު ޖަހައިދީފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްގެ ޔުވެންޓަސް ވަނީ ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.

އެގޮތުން ޔުވެންޓަސް ފަހަގު ކުރި ލަނޑު އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ޖަހައިދިނީ ވްލަހޯވިޗެވެ. އަދި އެއްވަރު ކުރި ލަނޑު އޭގެ ދެ މިނިޓު ފަހުން ޖަހައިދިނީ ލޮއިޑް ކެލީ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި ވިޔަރެއާލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލާ އެކު 1-0 އިން މޮޅުވެފަ އެވެ. މީގެ އިތުރުން ބެލްޖިއަމްގެ ޔޫނިއަން ސައިންޓް ގިލޮއިސް ވަނީ ރަށުން ބޭރުގައި 3-1 އިން ނެދަލެންޑްސްގެ ޕީއެސްވީ ބަލިކޮށްފަ އެވެ. އަދި އަޒަރުބައިޖާންގެ ޤަރަބާގް ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 3-2 އިން ޕޯޗުގަލްގެ ބެންފީކާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454