ކުޅިވަރު / އެފްއޭއެމް

އެފްއޭއެމަށް އިންތިހާބުވާ އެކްސްކޯގެ މެންބަރުންނަށް ދޭނެ މުސާރަ ވެސް އާންމުކުރަން މަޖުބޫރުކޮށްފި

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓް އަހްމަދު ތޯރިގް އޭނާގެ ކެންޑިޑެސީ ފޯމު ހުށަހަޅާއިރު އޭނާގެ ހުށަހެޅި އެކްސްކޯ މެންބަރުންގެ ގޮތުގައި ހިމެނޭ ޓީމުގެ ބައެއް މެންބަރުން: އަލަށް އިންތިހާބުވާ އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ އާންމު ކުރަން ވަނީ މަޖުބޫރު ކޮށްފަ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެފްއޭއެމަށް އަލަށް އިންތިހާބުވާ އެކްސްކޯގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތެއް ދޭނަމަ، އެއީ ކިހާ އަދަދެއްކަން އާންމު ކުރަން މަޖުބޫރު ކޮށްފި އެވެ.

ހާމަކަން ބޮޑު މާލީ ނިޒާމަކަށް އެފްއޭއެމް ހިންގުމަށް މި މަހު 26 ގައި ބާއްވާ އިންތިހާބަށް ފަހު ހަވާލުވާ އެކްސްކޯ ވަނީ މަތިކޮށްފަ އެވެ. އެގޮތުން އާންމުކޮށް ފެންނަން ހުންނާނެހެން މާލީ މައުލޫމާތު ޝާއިއު ކުރަން ޖެހޭނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- މާލީ ހިންގުމާ ބެހޭ މައުލޫމާތު އާންމު ކުރުން

- އޮޑިޓް ރިޕޯޓް އާންމު ކުރުން

- އޮޑިޓް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓް އާންމު ކުރުން

- އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ އާއި އިނާޔަތް އާންމުކުރުން

އެ ކަންތައްތަކަކީ މީގެ ކުރިން އެފްއޭއެމުން ކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އޮޑިޓް ރިޕޯޓާއި އެކްސްކޯ މެންބަރުންނަށް ދޭ މުސާރަ ނުވަތަ އިނާޔަތަކީ ކިހާވރެއްކަން ވެސް އާންމުކޮށް ފެންނާކަށް ނުހުރެ އެވެ. އަހަރީ ކޮންގްރެސްގައި ފާސް ކުރާ އަހަރީ ރިޕޮޓާއި މާލީ ރިޕޯޓް ވެސް ކުރީގެ އެކްސްކޯއިން އާންމުކޮށް ފެންނަން ހުންނާނެހެން އާންމުކޮށްފައެއް ނުވެ އެވެ.

ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރުމުގެ ކުރިން އެކްސްކޯއިން އެކަން ފާސްކޮށްގެން ނޫނީ ނުކުރެވޭނެ ކަމަށް ވެސް ވަނީ މިދިޔަ މަހު 27 ގައި ބޭއްވި ކޮންގްރެސްގައި ކަނޑައަޅައިފަ އެވެ.

އޮޑިޓް އެންޑް ކްމްޕްލަޔަންސް ކޮމިޓީގެ މިނިވަންކަން ކަށަވަރު ކުރުމަށް، ފިޔަވަޅުތަކެއް އަޅަން ވެސް ކޮންގްރެސްގައި ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ ކުރިން، އެ މެންބަރުންގެ މަސްލަހަތު ފުށުއެރުންތަކުން ދުރުކުރުމާއި ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް "އިންޓަގްރީޓީ ޗެކްސް" ގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ލާޒިމު ކޮށްފަ އެވެ.

ހާމަކަން ބޮޑު މާލީ ނިޒާމަކަށް އެފްއޭއެމް ހިންގަން އެކްސްކޯ އަށް މަތި ކުރީ ކުރީގެ ލީޑާޝިޕްގައި ކޮރަޕްޝަނާއި މާލީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެ އެސޯސިއޭޝަންގެ ކުރީގެ ރައިސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން ދެ ޕެންޓްހައުސް އާއި އެޕާޓްމެންޓެއް ގަތުމުގެ އިތުރަށް ބޭރު ދަތުރުތަކަށް ހަރަދުކޮށްފައިވާކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކުރެވެ އެވެ. ބައެއް މައްސަލަތަކުގެ ޝަރީއަތް ވެސް އޭނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެ އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު އެފްއޭއެމް ހިންގުމާ ހަވާލުވި ފަހުން އެ އެސޯސިއޭޝަނުގައި ކުރާ މާލީ ކޮންމެ މުއާމަލާތެއް ކުރުމުގެ ކުރިން ފީފާއިން ކަނޑައަޅާފައިވާ ފައިނޭންޝިއަލް ކޮންސަލްޓިން ފާމް، "އަންކޫރާ" ގެ ހުއްދައާ އެކު އެވެ.

އަލަށް އިންތިހާބުވާ އެކްސްކޯ، އެފްއޭއެމްގެ ހިންގުމާ ހަވާލުވާ ފަހުން ވެސް، ވަކި މުއްދަތެއް ވަންދެން "އަންކޫރާ" ބެލުމުގެދަށުން ކުރިއަށްދާނެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވީ، މީގެކުރިން ވެސް ކުރު މުއްދަތެއްގައި އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަހްމަދު ތޯރިގް (ޓޮމް) އެކަންޏެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެނޭ ބޮކި އަލި

09 July 2025

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މާލޭ ގެ މަޤާމް ތަކަށް އައްޔަންކުރާ އެރަށު ކަންމަތީ ގުރޫޕް ތަކުގެ ލީޑަރުން އެމީހުންގެ ޖީބަށް ވަންނާނެ ފައިސާގެ އަދަދު ކަނޑައަޅަން މަސައްކަތް ފަށައިފި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454