ރާއްޖޭގެ ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން): އޭނާ ބުނީ މެޗުގެ ނަތީޖާ އަށް ވުރެ ކުޅުންތެރިން ކުރި މަސައްކަތް އޭނާ އަށް މާ މުހިންމު ކަމަށް --- ފޮޓޯ: އެފްއޭއެމް
06 ސެޕްޓެމްބަރ 2025 - 22:36
ލަންކާއާ ދެކޮޅަށް ރާއްޖޭން ހޯދި ތިން ލަނޑުގެ ލީޑަށް ވުރެ އޭނާ އަށް މުހިންމީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މިއަދުގެ މެޗަކީ، މިދިޔަ މަހު ފަހުކޮޅު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޯހަން ހެޑް ކޯޗުގެ ގޮތުގައި ރާއްޖެ ގޮވައިގެން ނުކުތް ފުރަތަމަ މެޗެވެ. ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އިންތިޒާމުކޮށް ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބު ކުރީ 3-0 ންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ މެޗުގެ ނަތީޖާ އަށް ވުރެ އޭނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކުޅުންތެރިން ކުރި މަސައްކަތް ފެނުމުންނެވެ. އޭނާ ބުނި ގޮތުގައި ލަންކާގެ މައްޗަށް ތިން ލަނޑުން މޮޅުވިޔަސް، އެ ގައުމާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވި އެވެ. އެކަމަކު އެ ނަތީޖާ ނުކުތީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަން އޭނާ ފާހަގަ ކުރި އެވެ.
ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ލކ) އަތުން ބޯޅަ ހޯދަން ލަންކާގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ: ފުޓްބޯލް ޝްރީ ލަންކާ
"ނަތީޖާ 3-0 ން ނިމުނަސް މިއީ ފަސޭހަ މެޗެއް ނޫން. މިއީ ވަރަށް އުނދަގޫ މެޗެއް. ޝްރީ ލަންކާއިން ވަރަށް ރަނގަޅަށް ކުޅުނު،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން ބުންޏެވެ.
"އެކަމަކު އަހަރެމެންގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި. މުހިންމު ކަމަކީ ބުރަ މަސައްކަތް. ކުޅުންތެރިން ގާތު މެޗުގެ ކުރިން ވެސް އަހަރެން ބުނިން، ނަތީޖާއެއް ނޫނޭ އަހަންނަށް މުހިންމީކީ."
އޭނާ ބުނީ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ކުޅުންތެރިންގެ ބުރަކޮށް މަސައްކަތްކޮށްފިނަމަ ހިތްހަމަޖެހުން ލިބޭނެކަން މެޗުގެ ކުރިން ވެސް ކުޅުންތެރިންގެ ގާތު ބުނެފައިވާނެ ކަމަށެވެ.
"މިއަދު އެ ކުޅުންތެރިންގެ މަސައްކަތް އެންމެ މަތީ ދަރަޖައިގައި ދަނޑުމަތީގައި ދައްކައިފި. އަދި އަހަރެމެން މެޗުން މޮޅު ވެސް ވެއްޖެ. އަލްހަމްދުލިﷲ،" މޯހަން ބުންޏެވެ.
ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ނަމުގައި ލަންކާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ހަތަރު ގައުމު ބައިވެރިވާ މުބާރާތެއް އިންތިޒާމު ކުރުމަށެވެ. އެކަމަކު ފުޓްބޯލް ޝްރީ ލަންކާއިން ދައުވަތު ފޮނުވި ބައެއް ގައުމުތަކުން މުބާރާތުގައި ބައިވެރި ވެވެން ނެތްކަން އެންގި އެވެ. އޭރު ވެސް ރާއްޖޭން އޮތީ ދައުވަތު ގަބޫލުކޮށް ލަންކާ އަށް ދަތުރު ކުރާނެކަން އަންގައިފަ އެވެ.
ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅު ކުރަނީ: ގައުމީ ކޯޗު މޯހަން ފާޙަގަ ކުރީ ކުޅުންތެރިން ކުރި މަސައްކަތް --- ފޮޓޯ: ފުޓްބޯލް ޝްރީ ލަންކާ
ރާއްޖޭން ދައުވަތަށް އިޖާބަ ދިނުމުން، ލަންކާއިން ނިންމީ ރާއްޖެއާ އެކު ދެ މެޗު ކުޅެ، ދެ މެޗުގެ ނަތީޖާއިން ކުރި ހޯދާ ޓީމަކަށް ތަށި ދިނުމަށެވެ. ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.
މިއަދުގެ މޮޅާ އެކު ރާއްޖެ އޮތީ ތައްޓާ ވަރަށް ގާތުގައިކަން ލަންކާގެ ނޫސްވެރިޔާ ފާހަގަކޮށް ސުވާލު ކުރުމުން، މޯހަން ބުނީ މިއަދުގެ މެޗުގެ މަތިން ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ.
އޭނާ ބުނީ ދެވަނަ މެޗަށް ދާއިރު ފުރަތަމަ މެޗުގެ ނަތީޖާ ހިމަނަން އޭނާ ބޭނުން ނުވާ ކަމަށެވެ.
"މުހިންމީ ކުރިއަށް އޮތް މެޗު،" މޯހަން ބުންޏެވެ.
"އަނެއް މެޗަށް ދަންޏާ މި މެޗުގެ ނަތީޖާ އަހަރެމެން ގުނައިގެން ނުވާނެ."
އޭނާ ބުނީ ޓީމުން ސަމާލުކަން ދޭނީ ވެސް އެ މެޗަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބސވސޗ
07 September 2025
މުޅިންވެސް މިކަހަލަ ސުރުހީ ފެންނަނީ. އަމަލީ ސިފަޖެހޭތަނެއް ނުފެނޭ ވޭތުވި 15 އަހަރުވެސް
ތިބޭފުޅާ
07 September 2025
ތާ އަބަދުވެސް ތިފެންވަރުގައި ޕްރެކްޓިސް މެޗްތައް ކުޅެ ތަޖުރިބާ ހޯދައި ތިފެންވަރުގައި ކުޅުންތެރިން ކުރަމުްނދާ މަސައްކަތައް ފަހުރުވެރިވީމަ ކޯޗެއްގެ ޒިންމާ އަދި ތި އަދާކުރެވެނީ. ސާބަހޭ