ރޮބީނިއޯ ޖޫނިއާ: އޭނާގެ ސޮއި ކުރުވަން ލިވަޕޫލާއި ޗެލްސީން ޝައުގުވެރި ވޭ
12 ސެޕްޓެމްބަރ 2025 - 11:08
ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ރޮބީނިއޯ ޑި ސޫޒާގެ ދަރިފުޅު އަދި ސަންޓޯސްގެ ޒުވާން ފޯވާޑް ރޮބީނިއޯ ޖޫނިއާ ސޮއި ކުރުވަން ޕްރިމިއާ ލީގުގެ ވަރުގަދަ ކްލަބްތަކުން ޝައުގުވެރި ވެއްޖެ އެވެ.
ރޮބީނިއޯ ޖޫނިއާ އަށް ލިވަޕޫލާއި ޗެލްސީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގޭންގް ރޭޕްގެ މައްސަލައެއްގައި ކުށް ސާބިތުވެ، އިޓަލީގެ ކޯޓަކުން ކުރި ހުކުމުގައި ރޮބީނިއޯ ދަނީ ދެ އަހަރުގެ ޖަލުގެ އަދަބު ބްރެޒިލުގެ ޖަލުގައި ތަންފީޒު ކުރަމުންނެވެ.
ސަންޓޯސްގައި ރޮބީނިއޯ ޖޫނިއާގެ ދަރިފުޅު ކުޅެމުންދަނީ ކުރިން އޭނާގެ ބައްޕަ ވެސް ކުޅުނު ހަތް ނަންބަރު ޖޯޒީގަ އެވެ. ނާމާ ޖޫނިއާ ވެސް ކުޅެމުންދަނީ އެ ކްލަބަށެވެ.
ސަންޓޯސްގެ އެކަޑަމީ މަރުހަލާގެ ތެރެއިން ތަމްރީނުވި، ރޮބީނިއޯ ޖޫނިއާ ވަނީ މި އަހަރު ސަންޓޯސްގެ ސީނިއާ ޓީމަށް ވެސް ކުޅެން ފަށައިފަ އެވެ.
މިހާރު އުމުރުން 17 އަހަރުގެ ފޯވާޑަށް ގައުމުން ބޭރު ކްލަބަކަށް ދެވޭނީ 18 އަހަރުވުމުންނެވެ. ޑިސެމްބަރު މަހު އޭނާ އަށް 18 އަހަރު ފުރޭނެ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުގައި ރޮބީނިއޯ ޖޫނިއާގެ ކުޅުން ބަލަން ޗެލްސީ އާއި ލިވަޕޫލުގެ ސްކޮއުޓުން ބްރެޒިލްގައި ހަރަކާތްތެރިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އޭނާ ޕްރިމިއާ ލީގަށް ބަދަލުވުން އެކަށީގެން ވެއެވެ. ރޮބީނިއޯ ވަނީ މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy