ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ދުނިޔޭގެ ޗެމްޕިއަނުން ޕްރިމިއާ ލީގު ޗެމްޕިއަން ބަލިކޮށް ވައްޓާލައިފި

ޗެލްސީ މޮޅުކޮށްދިން ގޯލު ޖަހައިދިން އެސްޓަވާއޯ (ވ) އާއި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް (ވ)؛ މިއީ އެސްޓަވާއޯ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލު.-- ފޮޓޯ: އޭއެފްޕީ

05 އޮކްޓޯބަރ 2025 - 00:10

ލަންޑަން (އޮކްޓޫބަރު 4) - ފަހު ވަގުތު 18 އަހަރުގެ އެސްޓަވާއޯ ވިލިއަން ކާމިޔާބުކުރި ލަނޑުން 2-1 އިން ޗެލްސީން ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.

މި ނަތީޖާއާއެކު ލިވަޕޫލަށް ވަނީ ތާވަލްގެ އެއްވަނަ ގެއްލިފަ އެވެ. އެ ޓީމަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައި ވާއެރު އެއްވަނައަށް ޖެހިލީ މި މެޗުގެ ކުރިން 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް 16 ޕޮއިންޓް ހަމަކުރި އާސެނަލް އެވެ.

އާސެނަލްގެ ލަނޑުތައް ޖެހީ ޑެކްލަން ރައިސް އާއި ބުކަޔޯ ސަކާ އެވެ. ފުރަތަމަ ހާފުގައި ރައިސް ލީޑޫ ނަގައިދިން އިރު ދެވަނަ ހާފުގައި ސަކާ ލީޑް ފުޅާ ކޮށްފދިނީ ޕެނަލްޓީއަކުންނެވެ.

މިރޭގެ މެޗުގައި ސަކާ އާސެނަލަށް ލަނޑު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުގެ ކްލަބް ވޯލްޑް ކަޕް ޗެމްޕިއަނުން މިރޭގެ ކުރިން ވަނީ ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިލވެފަ އެވެ. އަދި އެންމެ ފަހު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. ޗެލްސީ ވަނީ މިފރޭގެ މޮޅާ އެކު 11 ޕޮއިންޓް ހަމަކޮށްފަ އެވެ.

ޗެލްސީއަށް ލީޑު ނަގައިދިނީ މެޗުގެ 14 ވަނަ މިނިޓުގައި މޮއީސެސް ކައިސޭޑޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ. މިއީ މި ހާފުގައި ޗެލްސީއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހާފުގަ އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ޗެލްސީގެ ގޯލަށް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ހަމަލާ ކީޕަރު ރޮބާޓް ސަންޗޭޒް މަތަ ކުރި ނަމަވެސް ދެވަނަ ހަމަލާ ދިފާއެއް ނުކުރެވުނެވެ. މެޗުގެ 63 ވަނަ މިނިޓުގައި ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ނަމަވެސް އެއަށް ފަހު ޗެލްސީގެ ބަދަލުތަކާ އެކު އިތުރަށް އެޓޭކްތައް ވަރުގަދަކުރި އެވެ. އެގޮތުން އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒުވި އެވެ.

ފުރަތަމަ ހާފުގައި ކައިސޭޑޯ ޗެލްސީއަށް ލީޑު ނަގައިދެނީ.-- ފޮޓޯ: އޭއެފްޕީ

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެސްޓަވާއީ ޗެލްސީ މޮޅުވި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ. މިއީ އޭނާ ޗެލްސީއަށް ބަދަލުވެ، ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މޮޅުވި ލަނޑު ޖެހުމާ ގުޅިގެން ކޯޗު މަރެސްކާ އުފާފާޅުކުރި ގޮތުން އޭނާއަށް ވަނީ ދެވަނަ ރީނޑޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފަ އެވެ. ދެވަނަ ހާފުގައި އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ގާނާޗޯއަށް ފައުލްކުރި ކަމަށް ބުނެ ޕެނަލްޓީ ނުދިނުމުން އެކަމާ ދެކޮޅު ހަދައި އަމަލުކުރި ގޮތުގެ ސަބަބުންނެވެ.

މަރެސްކާގެ ރަތަކީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ޗެލްސީ ހޯދި ހަތަރުވަނަ ރަތް ކާޑެވެ. އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު މެޗުގެ ފަހު ވަގުތު ޔާއޯ ޕެޑްރޯއަށް ރަތް ކާޑު ދެއްކި އިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރަތް ކާޑެއް ދެއްކި އެވެ. ބްރައިޓަން އަތުން ބަލިވި ރޭ ޓްރެވޯ ޝަލަބާއަށް ކާޑު ދައްކާފައި ވާއިރު، އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ރޭ ކީޕަރު ސަންޗޭޒް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ރަތް ކާޑާ ގުޅިގެން އިންޓަނޭޝަނަލް ބްރޭކަށް ފަހު ޗެލްސީ އެންމެ ފުރަތަމަ ނޮޓްނަމް ފޮރެސްޓާ ކުޅޭ މެޗުގައި މަރެސްކާ ހުންނާނީ ސަސްޕެންޝަނުގަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިވަނީ ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ. ހަމައެއާއެކު އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވީ ބައްޔާ އެކު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ތިން މެޗު ވެސް ކުޅެފައި ވަނީ ރަށުން ބޭރުގަ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލް އެންމެ ފުރަތަމަ ކުޅޭނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ރޭ ބޯންމަތު ވަނީ ފަހު ވަގުތު 3-1 އިން ފުލަމް ބަލިކޮށްފަ އެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރުވަނައިގައި އޮތް ބޯންމަތު ވެސް ވަނީ ހަތް މެޗުން 14 ޕޮއިްންޓް ހޯދައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454