13 ސެޕްޓެމްބަރ 2025 - 12:48
ޔޫއެފާ ޗެމްޕިއަންސް ލީގު 2026/2027 ގެ ފައިނަލް މެޗު، މެޑްރިޑްގައި ބާއްވަން ނިންމައިފި އެވެ.
ޔޫއެފާއިން ބުރާސްފަތި ދުވަހު ނިންމި ގޮތުގައި، 5 ޖޫން 2027 އަށް ތާވަލް ކޮށްފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބާއްވާނީ އެތުލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގަ އެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް ބާއްވަން ދެން ބިޑު ކުރީ، 69،700 މީހުންގެ ޖާގައިގެ އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑީއަމް އެވެ. ނަމަވެސް ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި ނިންމީ 67،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި، ސްޕެއިންގެ ވެރިރަށުގައި ފައިނަލް މެޗު ބާއްވާށެވެ.
މިއީ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން އެ ދަނޑުގައި 2019 ވަނަ އަހަރު ލިވަޕޫލް ވަނީ ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، އެ ޓީމުގެ ތާރީހުގައި ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފަ އެވެ.
މިއީ މެޑްރިޑުގައި ޗެމްޕިއަންސް ލީގު ފައިނަލް ބާއްވާ ހަވަނަ ފަހަރެވެ. މީގެ ކުރިން ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި 1957، 1969، 1980 އަދި 2010 ވަނަ އަހަރުގެ ފައިނަލް ކުޅެފައިވެ އެވެ.
މިހާރު ކުރިއަށްދާ 2025/2026 ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގަ އެވެ. މިއީ ހަންގޭރީގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ބާއްވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ޕުސްކަސް އެރީނާގައި ވަނީ 2020 ޔޫއެފާ ސުޕަ ކަޕާއި 2023 ގައި ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަޕްޓް ޔުއެފާ
13 September 2025
"ފައިނަލް ބާއްވަން ދެން ބިޑު ކުރީ، 69،700 މީހުންގެ ޖާގައިގެ އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑީއަމް އެވެ. ނަމަވެސް ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމުގައި ނިންމީ 67،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި، ސްޕެއިންގެ ވެރިރަށުގައި ފައިނަލް މެޗު ބާއްވާށެވެ." އާޒަރްބައިޖާން ވީމަ ކަޓުވާލީ ދޯ.2700 ޓިކެޓް އިތުރަށް ވިއްކެން އޮތް އޮޕޮޗުނިޓީއެއް ކަނޑާލީ.