16 ސެޕްޓެމްބަރ 2025 - 08:44
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރަން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފި އެވެ.
ބޮޑުވަޒީރު ސަންޗޭޒް މިފަދައިން ގޮވާލެއްވީ، ޕަލަސްތީނުގެ ދިފާއުގައި ސްޕެއިންގައި ބޮޑު މުޒާހަރާއެއް ކޮށްފައިވަނިކޮށެވެ. މި މުޒާހަރާއާ ގުޅިގެން، އެގައުމުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ބައިސްކަލު ރޭސް ކަމަށްވާ ވުއެލްޓާ ވެސް ވަނީ ހުއްޓިފަ އެވެ. މި ރޭހުގައި އިޒްރޭލުގެ ޓީމެއް ވެސް ވަނީ ބައިވެރިވެފަ އެވެ.
މި މުޒާހަރާއާ ގުޅިގެން، ބޮޑުވަޒީރު ސަންޗޭޒް ވަނީ މުޒާހަރާގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އޭނާ ވިދާޅުވީ، ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިއާ ސަސްޕެންޑް ކުރި ފަދައިން، އިޒްރޭލަށް ވެސް އެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ.
"މި އަނިޔާވެރިކަން ކުރިއަށް ދާހާ ހިނދަކު ރަޝިއާ އަދި އިޒްރޭލަށް ވެސް ބައިނަލްއަގުވާމީ ކުޅިވަރުތަކުގައި ވާދަ ކުރެވިގެން ނުވާނެ. ކުޅިވަރު އޯގަނައިޒޭޝަންތަކުން އަމިއްލައަށް ވިސްނާލަން އެބަ ޖެހޭ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިޒްރޭލު ވާދަކުރަމުން ގެންދިޔުމަކީ ރަނގަޅު ކަމެއްތޯ،" ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
"ރަޝިއާ އިން ޔޫކްރޭނަށް އަރައިގަތުމުން އެމީހުންނަށް އަދަބު ދިނީ ކީއްވެ؟ އެކަމަކު އިޒްރޭލުން ޣައްޒާއަށް އަރައި ހަނގުރާމަކުރާއިރު އެމީހުނަށް އެއްވެސް އަދަބެއް ނުދެވިގެން އުޅެނީ ކީއްވެ؟"
މި ބައިސްކަލު ރޭހުގައި ބައިވެރިވެފައިވާ އިޒްރޭލް-ޕްރެމިއާ ޓެކް ނަމަކަށް ކިޔާ ޓީމުން ވަނީ ބޮޑުވަޒީރުގެ މި ބަސްތައް ކުށްވެރި ކޮށްފަ އެވެ. މުޒާހަރާތަކާ އެކު ވެސް މި ޓީމުން ވާދަކުރަމުން ގެންދާތީ، ޓީމުގެ ވެރިޔާ އިޒްރޭލީ ކެނޭޑިއަން ވިޔަފާރިވެރިޔާ ސިލްވާން އެޑަމްސްއަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ތައުރީފް ކޮށްފަ އެވެ.
ރޭސް ނިމެން 60 އެއްހާ ކިލޯމީޓަރު ބާކީ އޮއްވައި، ރޭސް ހުއްޓާލަން ޖެހުނީ ލައްކައެއްހާ މީހުން އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން ފެށުމުންނެވެ. މިއާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި ސްޕެއިންގެ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިޒްރޭލުގެ ޓީމު މި ރޭހުގައި ވާދަކުރުމުގެ ހުއްދަ ދެވިގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ. ރޭސް ކުރިއަށް ދަނިކޮށް މުޒާހަރާގެ ބައިވެރިން މަގު ބަންދު ކުރުމާ ގުޅިގެން ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ފަހުން ފުލުހުން ވަނީ ސުލްހަވެރިކަމާއެކު މަގު ބަންދުކޮށްގެން މުޒާހަރާ ކުރިއަށް ގެންދަން ފުރުސަތު ދީފަ އެވެ.
އަންނަ އަހަރު ބާސެލޯނާގައި ބާއްވަން ހަމަޖެހިފައިވާ ޓުއާ ޑި ފްރާންސް ވެސް ކުރިއަށް އޮތުމާ އެކު، ވުއެލްޓާ ރޭހުގެ ޑިރެކްޓަރު ވަނީ މި މުޒާހަރާއާ ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. ނަމަވެސް މި މުޒާހަރާއާ ގުޅިގެން ބައިނަލްއަގުވާމީ ކުޅިވަރު އޯގަނައިޒޭޝަންތަކުން އިޒްރޭލުގެ ބައިވެރިވުމާމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy