މިދިޔަ މަހު ނޮޓްނަމް ފޮރެސްޓާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގައި ނޫނޯ (ކ) އާއި ޕޮޓާ.-- ފޮޓޯ: އޭއެފްޕީ
28 ސެޕްޓެމްބަރ 2025 - 06:23
ލަންޑަން (ސެޕްޓެމްބަރު 28) - ގްރަހަމް ޕޮޓާ މަގާމުން ދުރުކޮށް ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗަކަށް ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަމަޖައްސައިފި އެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ޕޮޓާ އަލުން ކޯޗުކަމަށް އައީ މި އަހަރުގެ ޖެނުއަރީ މަހު ވެސްޓް ހޭމް ޔުނައިޓެޑަށެވެ. މިދިޔަ ސީޒަންގައި ވެސް ވެސްޓް ހޭމަށް މާ އެދެވޭ ކާމިޔާބެއް ހޯދައި ނުދެވި، މި ސީޒަންގައި ޕޮޓާއާ އެކު، ވެސްޓް ހޭމް ވަނީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ.
ވެސްޓް ހޭމުން ވަނީ މިދިޔަ ސީޒަނަށް ފަހު 74.7 މިލިއަން ޑޮލަރަށް އެ ޓީމުގެ މުހައްމަދު ކުޑުސް ޓޮޓްނަމް އަށް ވިއްކާލައިފަ އެވެ. އަދި އިތުރު އަށް ކުޅުންތެރިން ގެންނަށް 170 މިލިއަނެއްހާ ޑޮލަރު ހޭދަކުރި ނަމަވެސް އެންމެ އެދެވޭ ނަތީޖާ ޕޮޓާއަށް ނެރެވިފައި ނެތް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.
މިއާ އެކު، އިއްޔެ އޭނާ މަގާމުން ވަކިކޮށް، އެ މަގާމަށް ނޫނޯ ހަމަޖެއްސިކަން ވެސްޓް ހޭމުން ވަނީ އިއުލާން ކޮށްފަ އެވެ.
ނޫނޯއާ އެކު، ވެސްޓް ހޭމް ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މާދަމާ ރޭ ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.
ނޫނޯ އެންމެ ފަހުން ކޯޗުކަން ކޮށްދިނީ ނޮޓްނަމް ފޮރެސްޓަށެވެ. މިދިޔަ ސީޒަންގައި ލީގުގެ ހަތްވަނަ ހޯދައިދީ، 30 އަހަރުތެރޭ ފުރަތަމަ ފަހަރަށް އެ ކްލަބް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކަށް ކޮލިފައި ކޮށްދިނުމަށް ފަހު، އޭނާ ވަނީ 2028 އާ ހަމައަށް ކްލަބުގައި ހުންނަން ކޮންޓްރެކްޓު ވެސް އާކޮށްފަ އެވެ. ނަމަވެސް މިދިޔަ މަހު ވެސްޓް ހޭމް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އޭނާ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އެ މެޗުގައި ވެސްޓް ހޭމަށް ކޯޗު ކޮށްދިނީ ޕޮޓާ އެވެ. އެއީ ވެސްޓް ހޭމް މިހާތަނަށް ލީގުގައި މޮޅުވި ހަމައެކަނި މެޗެވެ.
ނޫނޯ މަގާމުން ވަކިކޮށް ނޮޓްނަމް ފޮރެސްޓުން ވަނީ، މިދިޔަ ސީޒަނަށް ފަހު ޓޮޓްނަމް ހޮޓްސްޕާ އިން ދޫކޮށްލި އަންޖީ ޕޮސްޓެކޮގްލޫ ގެނެސްފަ އެވެ. ނަމަވެސް އޭނާއާ އެކު އަދި ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުވެ އެވެ. ރޭ ވެސް ވަނީ ސަންޑަލެންޑާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
މީގެ އިތުރުން ޕޮސްޓެކޮގްލޫ އާއެކު ލީގް ކަޕްގެ ތިންވަނަ ބުރުގައި ސްވަންސީ އަތުން ބަލިވެ ފޮރެސްޓް މުބާރާތުން ކަޓާފައި ވާއިރު، ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި ވަނީ ރެއާލް ބެޓިސްއާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy