ކްލަބް މޯލްޑިވްސްގެ ޗެއާމަން ރަމީ، ހާއްޕެއަށް ހާއްސަ ޝީލްޑް ހަވާލުކުރަނީ.-- ފޮޓޯ: ކްލަބް މޯލްޑިވްސް/ ފޮޓޯމާސްޓާ
30 ސެޕްޓެމްބަރ 2025 - 06:17
ގައުމީ ފުޓްސަލް ޓީމުގެ މެޗުގެ ތެރެއިން އަލީ ހާފިޒު (ހާއްޕެ) ގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެން، މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އޭނާ ނުފެންނާނެ އެވެ. ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)ގެ ޓީމުގެ އެންމެ މުހިންމު ނަމަކީ ހާއްޕެ އެވެ.
މުބާރާތް ފެށުމުގެ ގޮތުން އާދިއްތަ ދުވަހުގެ ރޭ އާރުއާރުސީ އާއި އެސްޓީއޯ އާރުސީ ބައްދަލުކުރި މެޗުގެ ކުރިން، ކްލަބް މޯލްޑިވްސް އިން ވަނީ ހާއްޕެގެ އަގުވަޒަންކޮށް ހާއްސަ އައްޑަނައެއް ދީފަ އެވެ. ކްލަބް މޯލްޑިވްސްގެ ޗެއާމަން މޫސާ ރަމީޒް (ރަމީ) އެ ހާއްސަ ޝީލްޑް ހަވާލްކުރި ވަގުތު ހާއްޕެ އަށް އިހްތިރާމާއި ތަރުހީބު އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނުނެވެ. އެ ވަގުތު ހާއްޕެ އަށް ކަރުނަ ހިފަހައްޓައި ނުލެވުނެވެ. އަިޔާއާ ގުޅިގެން ހިނގަން ބޭނުން ކުރާ ދެ ދަނޑިގަނޑުގެ އެހީގައި ކޮޅަށް ހުރެ، ދެ އަތުން ވާގިލައި ދަނޑިގަނޑަށް ގައިގައި ހުރި ހުރިހާ ބާރެއް ދޫކޮށް އިސްތިރިކޮށްލީ، ލޮލުން ފާއްދާލި ކަރުނަތައް ފޮރުވުމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުސަލް ކުޅުންތެރިޔާ، ހާއްޕެގެ ފައިގެ ކުޑަ ހުޅަށް އަނިޔާވީ، މިދިޔަ ހަފްތާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެ އާއި މިޔަންމާ ބައްދަލުކުރި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން ހައެއްކަ މިނިޓަށް ވެފައި ވަނިކޮށް އަށިގަނޑުގައި އޭނާ ބާލަން ޖެހުނީ އެވެ.
މިޔަންމާއާ ދެކޮޅަށް ކުޅުނު އެ މެޗަކީ ހާއްޕެ މޮޅަށް ކުޅުނު މެޗެކެވެ. ރާއްޖޭން މަދުވެގެން ޕޮއިންޓެއް ހޯދާނެ ކަމަށް އުންމީދު ކުރެވުނު އެ މެޗުގައި، ރާއްޖެ ފަހަތުން އަރައި އެއްވަރުކުރަން ޖެހި ލަނޑު އެސިސްޓް ކުރީ ވެސް އޭނާ އެވެ.
ނަމަވެސް ހާއްޕެއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ނުކުޅެވޭނެކަން އާރުއާރުސީން ވަނީ އެ މެޗަށް ފަހު ހާމަ ކޮށްފަ އެވެ.
ހާއްޕެ ވަނީ 2022 ވަނަ އަހަރުން ފެށިގެން ފުޓްސަލް ގައުމީ ޓީމުގައި ހިމެނިގެން މިހާތަނަށް ކުޅެދިން 11 މެޗުން ހަ ގޯލު ޖަހައި ދީފަ އެވެ.
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އާރުއާރުސީ ގެންދިޔުމުގައި މުހިއްމު ދައުރެއް އަދާކުރި ހާއްޕެ ވަނީ އެ މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. އަދި މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން ބޭއްވި ކިންގްސް ކަޕް އެ ކްލަބަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅުނު ހާއްޕެ އަންނަނީ 2015 އިން ފެށިގެން ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެމުންނެވެ. އަދި އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ފުޓްސަލް ކިންގް" ގެ ޝަރަފް ވެސް ހޯދައިފަ އެވެ.
މިއީ ހާއްޕެގެ ކެރިއަރުގައި ބޮޑު އަނިޔާއެއް ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ލިބުނު އަނިޔާއަކާ ގުޅިގެން ގޯލްޑަން ފުޓްސަލް ކަޕްގައި އޭނާގެ އުފަން ރަށް، ރ. އިނގުރައިދޫ ޓީމަށް ނުކުޅެވި، އޭނާ ހުންނަން ޖެހުނީ ދަނޑު ބޭރުގައި ކުޅިބަލާށެވެ. ފުޓްސަލް އާއިލާއިން ހާއްޕެ އަށް ހިތްވަރާއި އުއްމީދު އާ ދިނީ އަނިޔާއިން އަރައިގަނެ، އަލުން މާ ވަރުގަދަކޮށް އެނބުރި ކުޅުމުގެ ތެރެއަށް އައުމަށެވެ.
ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަހްމަދު ނިޔާޒާއި އެހެން ކުޅުންތެރިން ދެކޭގޮތުގައި އެ ހިތްވަރު ހާއްޕެގެ ކިބައިގައި ހުންނާނެ އެވެ. އެ އެންމެން ދެކެނީ އޭނާ މާ ގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޫސްޕެޓީ އެއް ދީ ނިންމާލާ.
01 October 2025
ތިހާ ފޯރީގަ ޖައްސައިގެން ވެސް ބޭރަށް ގޮސް އެއަންނަނީ ބައިކޮޅަށް ގޯނިގޯނީގަ ލަނޑުހިފައިގެން. ކިންގް އިންނާ ކުއީނުންނަށް ހަދާވަރެއް ނޫން.
ހަންނާނު
30 September 2025
ދެބަސް ނުވެވޭނެ ފަދައިން ޢަލީ ޙާފިޒަކީ ރާއްޖޭގެ ފުޓްސަލް މުޅިޜާއްޖޭގައި ވައި ހިއްޕާލުމުގެ އެއް މޭސްތިރި. އަޚްލާޤު ރަނގަޅު އެންމެންނާއި ގުޅޭ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް. ހާއްޕެ ދަނޑުމަތިން ނުފެނުމަކީ ފުޓްސަލްއަށް ލޯބިކުރާ އެންމެނަށްވެސް ލިބޭނެ ވަރަށްބޮޑު މާޔޫސް ކަމެއް. ދުޢާއަކީ އަނިޔާއިން ރަނގަޅުވެ އަވަސް މުސްތަޤުބަލެއްގައި މޮޅު ހުނަރާއިއެކު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުން މިންވަރު ކުރެއްވުން.