ސެންޓޭ، ނިއުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 އޮކްޓޯބަރ 2025 - 18:08
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާއާ ވާދަކޮށް، ފަހު ހާފުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ގޯލުތަކުން 2-0 އިން ނިއުރޭޑިއަންޓް މެޗު ކާމިޔާބު ކޮށްފަ އެވެ.
މިއަދު ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ދިވެހި ޕްރިމިއާ ލީގުގައި ބައްދަލުކުރީ ނުވަ އަހަރަށް ފަހު އެވެ. އެންމެ ފަހުން ދެ ޓީމު ޕްރިމިއާ ލީގުގައި ބައްދަލުކުރީ 2016 ވަނަ އަހަރެވެ. އެ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ 1-0 އިންނެވެ. އެ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މިހާރު ގައުމީ ފުޓްސަލް ޓީމުގެ ކޯޗު، އަހުމަދު ނިޔާޒް (ނިޔަޓޭ) އެވެ.
އޭގެ ފަހުން 2017 އަދި 2018 ވަނަ އަހަރު މާލޭ ލީގުގައި ދެ ޓީމު ބައްދަލުކުރި ނަމަވެސް، ދެ އަހަރު ވެސް ވެލެންސިއާ ޕްރިމިއާ ލީގަށް ކޮލިފައިއެއް ނުވި އެވެ. ނިއު ރޭޑިއަންޑް 2019/2020 ސީޒަނަށް ސަސްޕެންޑް ވި އިރު، ވެލެންސިއާ ސަސްޕެންޑް ވީ އެ ސީޒަންގެ މެދުތެރޭން، 2019ގެ ޑިސެމްބަރު 12ގަ އެވެ.
ހަތަރު ސީޒަނަށް ފަހު ނިއު ރޭޑިއަންޓް އަލުން ޕްރިމިއާ ލީގުގައި ވާދަކުރާއިރު، އެ ޓީމު މިވަނީ ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ތިން މެޗުން ޖުމްލަ 10 ގޯލު ޖަހާފައި ވާއިރު، ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. އަދި މިހާތަނަށް ކޮޅަށް ގޯލެއް ނުވަންނަ ހަމައެކަނި ޓީމަކީ ނިއު އެވެ.
ނިއުގެ ބްރެޒިލް ވިންގާ ޑަ ސިލްވާ މި މެޗުގައި ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ނިއު އަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް މުހައްމަދު އިރުފާން (އިރޭ) ހުސްކޮށްލާފައި ދިން ބޯޅަ ގުއިލާމޭ ލުއިސް ގޯމޭޒް ޑަ ސިލްވާ ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ. އޭގެ ފަހުން ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ނަގައިދިން ހުރަހެއް އެޓީމުގެ އަބޫބަކާ ސީލާ (ބޫބާ) ބޮލުން ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.
ނިއުގެ ކެޕްޓަން ސެންޓޭ މި ހާފުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެއަށް ފަހު އޭނާއަށް ވަނީ ޑީ އޭރިއާ ކައިރިން ގާތްގާތުގައި ދެ ހިލޭޖެހުމެއް ވެސް ފޮނުވާލައިފަ އެވެ. ފުރަތަމަ ހިލޭޖެހުން ވެލެންސިއާގެ ވޯލްގައި ޖެހުނު އިރު، އެއަށް ވުރެ ކައިރިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ކީޕަރު ވިއޯރެލް ބޮއިއަން ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ފަސް މިނިޓުތެރޭ ނިއު އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ދެ ފަހަރު ވެސް ވެލެންސިއާގެ ކީޕަރު ބޮއިއަން ވަނީ އޭނާގެ ހުށިޔާރުކަން ދައްކާލައިފަ އެވެ. އެގޮތުން ހަސަން ރާއިފް އަހުމަދު (ހަންނަ) ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ކީޕަރު އަތުން ޖައްސައި ބްލޮކް ކުރި ވަގުތު ޑަ ސިލްވާ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު މަތަ ކުރި އިރު، އޭގެ މިނިޓެއް ފަހުން ހަންނަ ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
ނިއު އިން ލީޑު ނެގީ 60 ވަނަ މިނިޓުގަ އެވެ. ޑި ސިލްވާ ނަގައިދިން ބޯޅައެއް ވެލެންސިއާ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ހުރަސްވި ވަގުތު ސެންޓޭ ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
ނިއުގެ ދެވަނަ ގޯލު ސެންޓޭ ޖެހީ ލިބުނު ޕެނަލްޓީއަކުން 82 ވަނަ މިނިޓުގަ އެވެ. މިއީ އޭނާ ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ބިދޭސީ ޑިފެންޑަރު އަބްދުއްލަތީ މޫސާ އަތުގައި ޖެހުނުކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
ސެންޓޭ އަކީ މި މެޗުގައި ދަނޑުމަތީ ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ތިން މެޗުން އޭނާ ވަނީ ފަސް ގޯލު ކާމިޔާބު ކޮށްފަ އެވެ.
މި ހާފުގައި ނިއު ވަނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ހަންނަ އާއި ޑިފެންޑަރު ފުރުކަޓް ޖޯން ހަސަންބޮއޭވް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވެލެންސިއާގެ ކީޕަރު ވަނީ މަތަކުރި އިރު، ވެލެންސިއާގެ ޑިފެންޑަރުން ވެސް ވަނީ ނިއުގެ ހަމަލާތައް ހުއްޓުވަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާވާ
02 October 2025
މިއަދު ނިއު އަށް ލިބުނީ ވަރަށް ރަނގަޅު ޕެނަލްޓީ އެއް. އޭގައި އެއްވެސް ސުވާލެއް ނެތް. ރީ ޕްލޭއިން އެކަން ޔަގީން
ސީ އެން އެން
01 October 2025
މެޗައްފަހު ޓީމުގެ ކުޅުމާބެހޭގޮތުން ކޯޗުންގެ ބަސްކޮޅެއްވެސް ހިމަނާލާނަމަ ޚަބަރު އިތުރައް ފުރިހަމަވާނެކަމައް ފެންނަނީ. ވަރައް ވެދުން.
ދުރުމި
01 October 2025
ރެފްރީގެ ފެންވަރު ރަގަޅުވެގެން ފުޓްބޯޅަ ކުރިއަރާނީ . މިއަދު ނިއުގެ ޕެނަލްޓީ އަކީ ވެލެންސިޔާ ޑިފެންޑަރު މޫނުމަތީގައި ޖެހިފަ ކޯނަރަކަށް ބޭރުވި ބޯޅައެއްް. ސެންޓޭ ބޯޅަ ޖެހީ އޭނަ ވެސް ޕެނަލްޓީއަކަށް އެޕީލް ނުކުރެ
ކައރިމި
01 October 2025
ރިތީ ފުޓްބޯލަ ހަލާކު ކޮށްފި ރެފްރީއާއި ވީއޭއާރް.