ސެންޓޭ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ހެޓްރިކް ހަދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 އޮކްޓޯބަރ 2025 - 18:09
އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކުން، ވިކްޓަރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއްވަނަ އަށް ޖެހިލައިފި އެވެ.
ނިއު މެޗު ކާމިޔާބު ކުރީ 4-0 ންނެވެ. ނިއު އެއްވަނަ ހޯދީ ކުރިން، އެ މަގާމުގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
އެ ދެ ޓީމު ވެސް ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދި އެވެ. ނިއު އަށް ފައިދާ 14 ގޯލް އެބައޮތެވެ. މިހާރު ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ 13 ގޯލެވެ.
"ރަސްވާދަ"އިގެ ނަމުގައި ދެ ކްލަބުން މެޗު ޕްރޮމޯޓް ކުރިނަމަވެސް، ހީކުރިހާ ފޯރިއެއް ދަނޑަކުން ނުފެނުނެވެ. ކުރީގެ ވާދަވެރި އެ ކްލަބްގެ މާޒީ އާއި އޭރު އޮތް ވާދަވެރިކަމުގެ ހަނދާންތަކުން ޖޯޒީގައި އެ ކުލަތައް ޖެއްސި އެވެ. ނަމަވެސް ދުރާލައި ކުރި އެ ކެމްޕޭނުގެ އަސަރު މެޗުން ފެނުނީ ކުޑަކޮށެވެ.
މިއީ ހަތް އަހަރަށް ފަހު އެއްވަނަ ޑިވިޝަނުގައި އެ ދެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއުގެ އެންމެ ބޮޑު ތަފާތަކަށްވީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގައި 15 މިނެޓާ ހަމައަށް ދިއުމުގެ ކުރިން ސެންޓޭ، ދެ ލަނޑު ޖަހައި ދިނެވެ.
ވިކްޓަރީން މެޗަށް ނުކުތީ، މި މަހު ކުރީކޮޅު ލީގު ބްރޭކްވުމުން އެ ޓީމުން ގެނައި ސީރިއާގެ ކުރީގެ ގައުމީ ކީޕަރު މުހައްމަދު އަލް ޔޫސުފް ހިމަނައިގެންނެވެ. އެ ޓީމުން ކުރިން ކުޅުނު ތިން މެޗުގައި ގޯލް ބެލެހެއްޓީ ގައުމީ ޓީމުގެ ތިންވަނަ ކީޕަރު މުހައްމަދު ޔާމީނެވެ.
ނިއުގެ ފުރަތަމަ ލަނޑު ސެންޓޭ ޖެހީ ހަތްވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ހާފުގެ މެދެއްހާހިސާބުން ހަސަން ރާއިފް އަހްމަދު (ހަންނަ) ދިން ބޯޅަ ކުރިއަށް އަރައި ސެންޓޭ ލިބިގަތް އިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ.
ކީޕަރު މަހްމޫދު، ބޯޅަ އަށް ކުރިމަތިލަން ކުރިއަށް ނުކުތް ނަމަވެސް، ސެންޓޭ ވަނީ އޭނާ ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ސެންޓޭ، ދެވަނަ ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނެޓްގައި ނިއުގެ ބްރެޒިލްގެ ފޯވާޑް ނިކްސަން ބްރިޒޮލާރާ ދިން ބޯޅައިންނެވެ.
ނިކްސަން، ސެންޓޭ އަށް ބޯޅަ ދިނީ ވިކްޓަރީގެ ޑިފެންޑަރުންގެ ކައިރީގައި ތިއްބަ އެވެ. ސެނޭޓޭ ބޯޅަ ފޮނުވާލީ އޭގެ ވިކްޓަރީގެ ކުޅުންތެރިންގެ ކައިރިން ދެމިގަނެ އޭނާ އަމިއްލަ އަށް ޖާގަ ހޯދައިގެންނެވެ.
ފުރަތަމަ ހާފުގައި މުހައްމަދު ޝަހާހް އާއި ހަންނަ އަށް ވެސް ސެންޓޭ ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށް ދީފަ އެވެ. އެކަމަކު އެ ފުރުސަތުތަކެއް ބޭނުމެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ހަންނަ އަށް ލަނޑެއް ޖެހުނު ކަމަށް ހީކޮށް، އޭނާ އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން ނިއުގެ ކުޅުންތެރިޔަކު އޮފްސައިޑް ވެފައިވާ ކަމަށެވެ.
ނިއުގެ ހަތަރު ވަނަ ލަނޑު، 79 ވަނަ މިނެޓްގައި ޖެހީ އަހްމަދު ހުޝާމް (ހުޝާންކޮ) އެވެ. އެ ލަނޑު އޭނާ ޖެހީ ސެންޓޭ ދިން ބޯޅައިންނެވެ.
ހާފުގެ މެދެއްހާހިސާބުން ސެންޓޭ، ބޯޅަ ދިނީ އެ ބޯޅަ އަށް ހުޝާމް އަރާނެކަން އެނގިގެންނެވެ. ބޯޅަ ހިފައިގެން އޭރިއާގެތެރެއަށް ވަދެ ހުޝާމް، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު މަހްމޫދު ވެސް ކަޓުވާލުމަށް ފަހު އެވެ.
ލީގުގައި ބައިކޮޅަށް ލަނޑެއް ނުވަނަ ހަމައެކަނި ޓީމަކީ ނިއު އެވެ. އެ ޓީމުގެ ޕާކިސްތާނުގެ ކީޕަރު ޕާކިސްތާނުގެ ސާގިބް ހަނީފް، ވަނީ ވިދިވިދިގެން ހަތަރު މެޗުގައި ބައިކޮޅަށް ގޯލެއް ނުވަދެ ފުރިހަމަ ކޮށްފަ އެވެ.
މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕާކިސްތާނުގެ ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުގައި ވެސް ސާގިބް މޮޅު ކުޅުމެއް ދެއްކި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ސައިފް2
22 October 2025
ވަރަށް ދުވަސް ކޮއްފަ ދިވެހި މެޗެއް ބަލަން ޓީވީ ކައިރީ އިނިން! ލައިވް ވަރަށް ދެރަ! 1900ގެ ލައިވް ވެސް މިފެނަވަރު! ކުޑަކުއްޖެއްގެ އަތަށް ފޯނެއް ދީފަ ބޭންދިޔަށް ތިއަށް ވުރެ ރަނގަޅަށް ލައިވް ކުރާނެ! ލައިވްކުރަން ތިއަށް ވުރެ ރަނގަޅު ކުދިން ކޮޅެއް ހޯދާ!
ބޯޅަބޭ.
22 October 2025
ރާއްޖޭގެ ގައުމީ ޓީމަށް އަވަސް ކުރިއެރުމެއް ބޭނުންނަމަ އެސޯސިއޭޝަނުން އެހީތެރިވެގެން ނަމަވެސް ހުނަރުހުރި ދިވެހި ކުދިންނަށް ބޭރުގެ ރަނގަޅު ލީގުތަކުން ފުރުސަތު ހޯދަދީ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ހަދާދީ. އަވަސް ކުރިއެރުމެއް ލިބޭނެ. ހުނަރުވެރި އެތައް ކުދިންނެއް އެބަތިބި. ރާއްޖޭގެ ލީގު މި ފޯމެޓްގައި ކުޅެގެން ކުރިނާރާނެކަން ޔަގީން. ބަޔަކު ތަމްސީލްވެގެން ނޫނީ ސަޕޯޓަރުންނެއް ނުތިބޭނެ. ފޯރިއެއް ނާންނާނެ.
ބާރު
22 October 2025
ދިވެހިން ފޫހިވީ، ރާއްޖެ ފުޓުބޯޅަ ކުރިނާރާތީ. ރާއްޖެ މީގެ ކުރިން ފަސޭހަ ކަމާއިއެކު ބަލިކުރާ ޤައުމުތަށް ، މިހާރު އެމީހުން ރާއްޖެ ބަލި ކުރާތީ. ކުޅުން ރީއްޗެއް ނޫން. ހަމަ މީގެ 25 އަހަރު ކުރިން ވެސް ކުޅުނު ގޮތަށް.
އަބްޑޫޅް +
22 October 2025
" ހެޓްރިކު" އޭ؟ އެއީ ކޮން ބަހެއްގެ ލަފުޒެއްތަ؟ ހިންދޫސްތާނު ތަ ނޫނީ ގުޖުރާތީ ތަ؟ އެޔާ ގާތް މާތެވެގެންވާ އިގިރޭސީންގެ، އެކުއެކު ގައި ބޭނުންކުރެވޭ، ދެ ލަފުޒެ އޮވޭ. އެއީ "ހެޓް ޓްރިކް".
ސަމަރޭ
21 October 2025
ޓީވީން އެ ގެނެސްދޭ ކޮމެންޓަރީ ވަޔޭ.. އެއްވެސް ދިރުމެއް ފޯރިއެއް ނުހުރޭ. އަޑުއަހާ މީހުން ފޫހިކޮށްލާ.. އެކަންވެސް އެބަޖެހޭ ރަނގަޅުވާން.
ޢާރީ
21 October 2025
ގަލޮލުދަނޑް ގައި މިހާރު މި ކުރިޔަށްދާ ލީގުގައި އެއްމެ މޮޅު ކުޅުމެއް ދަށްކަނީ ސެންޓޭ. ސެންޓޭ އަކީ ނިއުއަށް ލިބުނި ރަންގަޑެއް
ރަދީފްއޮފިޝަލް / އިހުގެ ފޯރި
21 October 2025
ކުރިން އޮތް ފުޓްބޯޅަ ފޯރި އަނބުރާ އައުން އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް.ކުރިން ސްކޫލްތަކުގެ 9 އަދި 10ގެ ކުދިން ގްރޫޕް ހަދައިގެން ދާނެ ދަނޑަށް.މާލޭގެ މަޖީދީ މަގުގަ ހުރި ގިނަ ފިހާރަތަކުގެ ވެރިން ދާނެ މެޗްތައް ބަލަން."ހަވީރު" ނޫހުގެ ކުޅިވަރު ސަފްހާ އަދި އަންގާރަ ދުވަހު ނެރޭ "މެދު ސަފްހާ" ކިޔަން ރައްޔަތުން ތިބެނީ ކެތްމަދުވެދަ.އޭރު ޝަހީބު އަޅާލާ ކުޅިވަރު ސުރުޙީން އެކަނިވެސް މެޗުގެ ފޯރި އިތުރުވޭ.އެދުވަސް އެއީ މާޒީ.އެދުވަަސް ދެން ނާންނާނެ.ވ.ވެދުން
އޮނަރަބްލް އަފީފު ދީދީ
21 October 2025
ތިރަށުމީހުން ކިތަންމެ ރުޅިއައި ކަމަށް ވިޔަސް ތިޔަ މުބާރާތް ތަކަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހަމަހަމަ އުސޫލުން ބައިވެރި ވުމުގެ ފުރުސަތުނެތް ހަމައެކަނި ވަކިރަށެއްގެ ކަންމަތީ ޤުރޫޕް ތަކަށްކަށް ޖާގަތަށް ދީގެން ޤަބީލާ އުސޫލުން ބާއްވަމުންދާ މުބާރާތް ތަކެއް ކަމަށްވާތީ، މެޗް ބަލަން ގަލޮޅު ދަނޑަށް ވަންނާކަށް މީހުން ބޭނުމެއްނުވޭ. ނުވެސް ވަންނާނެ. ދަނޑަށް މީހުން ވައްދަން ބޭނުން ނަމަ ތިޔަ ޤަބީލާއުސޫލު ދޫކޮށް ހުރިހާ ރަށަކަށް ފުރުސަތުދީގެން މުބާރާތް ބާއްވާ.
ކޮރަލް
21 October 2025
ސިޔާސީ މީހުން ކްލަބް ތަކާ ހަވާލު ވީމަ ފޯރި ގެއްލުނީ އެވެ.
ރަދީފްއޮފިޝަލް / ބާޒު
21 October 2025
ސާބަހޭ ނިއު.