ވިކްޓަރީގެ ކޯޗު ޖޯޖިއޮލީ ގެރީ: އޭނާ ބުނީ މާލެއަކީ ވަރަށް ކުޑަ ތަނެއް ކަމަށްވުމުން ޓީމުތަކުގެ ޕްލޭން ވެސް ސިއްރެއްގެ ގޮތުގައި ނޯންނާނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 އޮކްޓޯބަރ 2025 - 12:21
މާލޭގެ ހާލަތު އޮތް ގޮތުން ވާދަވެރި ޓީމުތަކުގެ ޕްލޭން އެއް ޓީމު އަނެއް ޓީމަށް ދެނެގަންނަން ފަސޭހަވާނެ ކަމަށް ވިކްޓަރީގެ އާ ކޯޗު ޖޯޖިއޮލީ ގެރީ ބުނެފި އެވެ.
މި މަހުގެ ކުރީކޮޅު ވިކްޓަރީގެ މަގާމާ ހަވާލުވި، ސްލޮވާކިއާ އާއި ހަންގޭރީ އަށް ވެސް ނިސްބަތްވާ ކޯޗުގެ އިރުޝާދުގެ ދަށުން ވިކްޓަރީން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އެ ޓީމުގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ވިކްޓަރީގެ ހާލަތު ބަދަލު ކުރުމުގައި އޭނާގެ ޕްލޭންތަކަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ގެރީ ބުނީ ޕްލޭނާ ބެހޭގޮތުން ތަފުސީލުތަކެއް ކިޔައިދޭން ބޭނުން ނުވާ ކަމަށެވެ.
އެކަމަކު މާލެ އަކީ ކުޑަތަނެއް ކަމަށްވުމުން، އެންމެ މެޗެއް ކުޅޭ އިރަށް އެއް ޓީމު އަނެއް ޓީމަށް ޕްލޭން ދެނެގަންނަން ފަސޭހަ ވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބެނުމެއް ނެތް ޓެކްޓިކަލް ގިނަ މައުލޫމާތުތަކެއް ދީ އަހަރެމެންގެ ގިނަ މައުލޫމާތުތައް ކިޔައިދޭކަށް. އެކަމަކު އެންމެ މެޗަކުން އެންމެންނަށް ވެސް ފެންނާނެ އަހަރެމެން ގެނައި ބަދަލުތައް. މާލެއަކީ ވަރަށް ކުޑަތަނެއް. އެއްވެސް ކަމެއް ސިއްރުވެފައެއް ނޯންނާނެ. އެކަމަކު އަހަރެން ބޭނުމެއް ނޫން ހާއްސަ ކަންތައްތަކާ ބެހޭގޮތުން ގެނައި ބަދަލުތައް ކިޔައިދޭކަށް،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގެރީ ބުންޏެވެ.
ރާއްޖޭގައި ޓީމުތައް ޕްރެކްޓިސް ކުރަނީ އެއް ދަނޑެއްގަ އެވެ. އެހެންވެ ޕްރެކްޓިހުގައި އެއް ޓީމުން އަނެއް ޓީމުން ކުރާ މަސައްކަތް ވެސް ދެނެގަނެވޭހާ ފަސޭހަ އެވެ.
ގެރީ ބުނީ ޕްރެކްޓިހުގައި އޭނާގެ ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކަމަށެވެ. ކުޅުންތެރިންގެ ޑިސިޕްލިން އާއި މަސައްކަތުގެ ރޭޓާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު އަހަރެމެންގެ ޓީމުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ،" އޭނާ ބުންޏެވެ.
އިދިކޮޅަށް ނުކުންނަ ނިއުއާ ބެހޭގޮތުން ގެރީ ބުނީ އެ ޓީމުގައި އިންޑަވިޖްއަލް ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި ވެސް ހުރިހާ ޑިޕާޓްމެންޓެއްގައި އެއްވަރަށް ކުޅޭތަން ފެންނަ ކަމަށް ގެރީ ބުންޏެވެ.
މިއަދުގެ މެޗު ފަށާނީ ހަވީރު 3:50 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސި
21 October 2025
މެޗް ނިމެންދެން ސިއްރެއް ގޮތުގައި ބާއްވާތި