07 އޮކްޓޯބަރ 2025 - 11:03
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ރާއްޖޭގެ އެންމެ ވާދަވެރި ދެ ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި، ވިކްޓްރީ މި މަހު 21 ވަނަ ދުވަހު ކުޅޭ މެޗުގައި، ދެ ޓީމުން ވެސް، ކުރީގެ ތާރީހީ ޖާޒީ ބޭނުންކުރަން ނިންމައިފި އެވެ.
މި މެޗުގައި ނިއު އިން ލާނީ އެ ޓީމުން ގައުމީ ތަށި އެންމެ ފުރަތަމަ އުފުލާލި އަހަރު ކަމަށްވާ 1982 ގައި ބޭނުންކުރި ފެއްސާއި، ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ. އެއީ ނިއުގެ ރަަސްމީ ކުލަތައް ކަމަށްވާ ނުލާއި، ހުދު ނޫން ކުލައެއްގެ ޖާޒީއެއް އެ ޓީމުން ބޭނުންކުރި މަދު ފަހަރުތަކުގެ ތެރެއިން އަހަރެކެވެ.
ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ވިކްޓްރީ އަތުން 2-1 އިން މޮޅުވެ ނިއު ހޯދި އެ ތަށްޓަކީ އެ ކްލަބުގެ ތާރީހުގެ އެންމެ ހާއްސަ އެއް ކާމިޔާބީ ކަމަށާއި، މި މެޗުގައި އެ ޖާޒީ ލަނީ އޭރުގެ ކުޅުންތެރިންގެ އަގުވަޒަންކޮށް ހަނދާން އާކުރުމުގެ ގޮތުން ކަމަށެވެ.
ނިއު އިން ބޭނުންކުރާ ޖާޒީ.
މޫސާ މަނިކު (ކުޑަމޫސަ) އާއި ރިނބިދޫ އަހުމަދު ނާސިރު (ނާބެ) އާއި އަތަމާ މޫސާ މަނިކާއި، އަހުމަދު މަނިކު (ކުވާ އަހައްމަދޭ) އަދި އިބްރާހީމް ސަލީމް (މެޓާ) ފަދަ ކުޅުންތެރިންނާ އެކު އެ އަހަރު ނިއު މޮޅުވި ނަމަވެސް ޖެހިގެން އައި ތިން ފަހަރު ވިކްޓްރީން ތަށި ހޯދައި ގައުމީ ތަށި މިލްކުކުރީ އެވެ.
އޭގެ ތެރެއިން 1985 ގައި ތަށި މިލްކުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށްގެންނެވެ. އެ ފަހަރު ވިކްޓްރީގެ ތަރިންނަކީ ކެޕްޓަން ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާއި، އިބްރާހީމް އިސްމާއިލާއި، މައުރޫފް އަހުމަދު (މާއްޓޭ) ފަދަ ކުޅުންތެރިންނެވެ. ވިކްޓްރީން މި މެޗުގައި ބޭނުންކުރަނީ އެ ފަހަރު ފައިނަލުގައި ލީ އެ ކްލަބުގެ ސަގާފީ ރަތްކުލައިގެ ޖާޒީގެ ފަރުމާއެކެވެ.
ވިކްޓްރީގެ ވައިސް ޗެއާމަން އިބްރާހީމް ނަޒީމް ވިދާޅުވީ މިއީ އެ ކާމިޔާބަށް 40 އަހަރު ފުރޭ އަހަރަށްވާތީއާ އެކު، މި މެޗުގައި އެ ޖާޒީ ބޭނުންކުރަނީ އެކަން ފާހަގަކުރުމުގެ އިތުރުން ދެ ޓީމުގެ ވާދަވެރިކަން އަލުން އިޔާދުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މި މެޗަކީ، ނިއު އާއި ވިކްޓްރީން 2018 ގެ ފަހުން ފުރަތަމަ ޑިވިޝަނުގައި ބައްދަލުކުރާ ފުރަތަމަ މެޗު ވެސް މެ އެވެ. އެފްއޭއެމުން ދިން އަދަބަކާ ގުޅިގެން މިދިޔަ ހަ އަހަރު ދެ ވަނަ ޑިވިޝަނުގައި އޮތް ނިއު އާއި ވިކްޓްރީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި، އެންމެ ސަޕޯޓަރުން ގިނަ ދެ ޓީމެވެ. މި ދެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވާދަކުރި މެޗުތަކަށް ވެސް ގިނަ ބަޔަކު ވަނެ އެވެ.
އެނގިފައިވާ ގޮތުގައި "ރަސްވާދަ" އިގެ ގޮތުގައި ފަހަކަށް އައިސް ޕްރޮމޯޓްކުރާ މި ދެ ޓީމުގެ މި ފަހަރުގެ ކުރިމަތިލުން ފޯރިގަދަކުރަން ދެ ކްލަބް ގުޅިގެން އަންނަނީ ހަރަކާތްތަކެއް ރާވަމުންނެވެ.
ލީގުގައި މި ވަގުތު ނިއު އޮތީ ތިން މެޗުން މޮޅުވެގެން ނުވަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ވިކްޓްރީ އޮތީ އެއް މެޗުން މޮޅުވެ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެހެހޭ..
08 October 2025
އައްދެ. މިހާރުވެސް ލިވަޕޫލް ލާނެ ހޯމް ޖާޒީއެއްގެ ގޮތުގަ ތީގެ ޖާޒީ. ދެން. ރޭންޖާސްއާ ސްޕޯޓިން ލިޒްބަންވެސް ލާނެ ނިއުގެ ތި ޖާޒީއާ ވައްތަރު ޖާޒީ.
ކިހިނެތްވާނީ
07 October 2025
ސުޒޭނައް ތިކުލަތަކުގެ ޖާޒީ ލައިގެން ކުޅޭމެޗެއްގަ ނޫ ޓީމުގެ ބެންޗުގަ އިންނަންޖެހުމުން ވާނީ ކިހިނެތް.
ނަގިއްޔާ
07 October 2025
ޖެންޒީއަކަށް މިފޯރިއެއްނޭގޭނެ. 90 އަހަރުތަކު ކިހިނެތްއޮތް ރައިވަލްރީއެއް. ދެމީހަކު ދިމާވެއްޖެއްޔާ މިނޫންވާހަކައެއް ނުދައްކާނެ. ކޮޅުކޮޅުބަލާލީމަ ފެންނާނީ ގޭގޭގެ ދޮރުމަތިން ނޫނީ ފުރާޅުމަތީ ކުލަބުތަކުގެ ދިދަތައް ވިހުރުވި ވިހުރުވިހުންނަތަން. ވާދަވެރިކަން އިންތިހާ. ކުޅުންތެރިންނާއި އެއްވަރަކަށް ރެފްރީންގެ ސެލެބްރިޓީ ސްޓޭޓާސް ބޮޑު. ކުޑަމޫސައަކީ ސްޕާސްޓާއެއް. ލައްޗޭމެން ކުޑަހީނާމެން ފެނިއްޖެއްޔާ މީހުން އުޅޭނީ މޮޔަވެގެން ( މުޅިން އެވަރު ނުވިޔަސް އިގޭ)
ނަގިލި
09 October 2025
ދޮންކަލޯ "ސްޕާސްޓާ" މިއީ ކޮންއެއްޗެއް؟ ބޭބެ ދަންނަން ސުޕަސްޓާ ކިޔާ އެއްޗެއް
ފޭންފޭން.
07 October 2025
ތިޖާރޒީ ގަންނަން ލިބޭނެތަ؟ ޖާރޒީ ގަންނަން ލިބޭނެ ގޮތެއް ހަދާދީބަލަ. ވިކްޓްރީ.
އަބޫ
07 October 2025
ވަރަށް ބޭނުން ތި މެޗް ބަލާލަން ދަނޑަށް ވަންނަން އެކަމަކު ރަސްމީ ދުވަހެއްގަ ވެފައި މި ހާރު މާލޭގައި ނޫންވީމަ ވަރަށް ދެރަ މީސްމީޑިއާއިން ވަރަށް ރަނގަޅު ދަނޑަށް ވަންނަ މީހުންނެކޭ އެއްގޮަށް ދުރުގަ ތިބެގެން މެޗު ބަލާ އަޑު އަހާ މީހުންގެވެސް މައުލޫމާތު ހިއްސާ ކޮށްލަން
ތާރޭ ޒަމީން ޕަރު
07 October 2025
އަދިވެސް ބައު ނުވޭ؟ އެކަމު ސޯޓު ބުރި އޭރު މާ ކުރެއް ނޫންތަ؟