ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކްލަބު އަލުން އަނބުރާ އަސްލު މަގާމަށް ގެންދިއުމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމާ ހަވާލުވެއްޖެ އެވެ.
މޯހަން ވިކްޓަރީއާ ހަވާލުވާނީ އެފްއޭ ކަޕުން ފެށިގެންނެވެ. އަދި އަންނަ ސީޒަނުގެ ނިޔަލަށް އޭނާއާ އެކު އެ ކްލަބުން ވަނީ އެއްބަސްވުން ގާއިމުކޮށްފަ އެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގެ ބޮޑުބައެއްގައި ވިކްޓަރީގެ ކޯޗުކަން ކުރީ ސްލޮވާކިއާގެ ޖޯޖިއޯލީ ގެރީ އެވެ.
އެކަމަކު އޭނާއާ އެކު ވެސް އެކަށީގެންވާ ކާމިޔާބެއް ވިކްޓަރީއަކަށް ނުހޯދުނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް އެ ޓީމު ފުރޮޅާނުލީ ކިރިކިރިޔާ އެވެ.
ވިކްޓަރީގެ އޮފިޝަލަކު ބުނީ، ކޯޗު ގެރީ މަގާމު ދޫކޮށްލަން އަމިއްލައަށް ބޭނުންވުމުން، ދެ ފަރާތް އެއްބަސްވެ ކޮންޓްރެކްޓް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ތާރީހީ ވާދަވެރިކަމެއްގެ ނިމުން
މޯހަން ވިކްޓަރީއާ ހަވާލުވުން ހާއްސަވާ އެންމެ ބޮޑު ސަބަބަކީ އޭނާގެ އާއިލީ ފަސްމަންޒަރެވެ. އޭނާއަކީ ވިކްޓަރީގެ ތާރީހީ އެންމެ ބޮޑު ވާދަވެރިޔާ، ނިއު ރޭޑިއަންޓްގެ އެންމެ މުހިންމު ޝަހްސިއްޔަތު އަދި އެ ކްލަބުގެ މަސްއޫލުވެރިޔާ ކުއީން އަހްމަދު ވަހީދުގެ ދަރިފުޅެވެ.
އެއް އިރެއްގައި ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިންނަކީ އެ ދެ ކްލަބެވެ. އަދި މީގެ 15 ވަރަކަށް އަހަރު ކުރިން ނިއު ގޮވައިގެން ވިކްޓަރީއާ ވާދަކުރަން ނުކުމެ ހުރީ ވެސް މޯހަން އެވެ. ދިވެހި ޕްރިމިއާ ލީގު 2012 (އޭރުގެ ދިވެހި ލީގު) ގެ ޗެމްޕިއަންކަން، މޯހަން ނިއުއަށް ހޯދައިދިނީ އެއްވެސް މެޗަކުން ބަލިނުވެ، ވިކްޓަރީ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
އޭރު ވިކްޓަރީގެ ކޯޗު ސުޒޭން އާއި މޯހަންގެ ވާދަވެރިކަން މީޑިއާގައި ވެސް މަޝްހޫރެވެ. އެ އަހަރުގެ ސީޒަންގެ ބޮޑު ބައެއްގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ވަކި މުއްދަތަކަށް އެފްއޭއެމުން ސުޒޭން ސަސްޕެންޑް ކުރި އެވެ. އެއީ މޯހަންގެ ބޭބެ، އަދި އެފްއޭއެމްގެ އޭރުގެ ރައީސް އަލީ އާޒިމަށް ފާޑުކިޔައިގެންނެވެ. ނިއުއާ މެދު ސުޒޭނުގެ ހިތުގައި އޭރު އުފެދިފައިވާ ވާދަވެރިކަން ވެސް މިހާރު ވަނީ ނިމިފަ އެވެ. އޭނާ ވެސް މިހާރު ހުރީ ނިއުގެ މުހިންމު މަގާމެއްގަ އެވެ.
ނިއު ރޭޑިއަންޓް ބިނާކުރުމާއި ކާމިޔާބީގައި މޯހަންގެ ބައްޕަ، ވަހީދު އަދާކުރެއްވި ދައުރަކީ އަގުހުރި ހިދުމަތެކެވެ ނަމަވެސް، އޭނާގެ ދަރިފުޅު މޯހަން މި ނުކުތީ ބައްޕަގެ "ވާދަވެރި" ވިކްޓަރީ އަޑިގަނޑުން ސަލާމަތްކޮށް، އެ ކްލަބްގެ އަސްލު މަގާމަށް ގެންދިއުމަށެވެ.
"އިރާދަކުރެއްވިއްޔާ ވިކްޓަރީ، ވިކްޓަރީގެ މަގާމަށް ފޯރުކޮށްދިނުމަށްޓަކައި މެނޭޖްމެންޓުން ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މެނޭޖްމެންޓުން ވަނީ ދެއްވާފައި. ދެން އަޅުގަނޑުގެ މަސައްކަތަކީ އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން،" ރޭ ބޭއްވި ރަސްމިއްޔާތުގައި މޯހަން ބުންޏެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ގާބިލުކަން ހުރި މިންވަރަކުން، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކާމިޔާބު ހޯދައި ދިނުމަށްޓަކައި އަޅުގަނޑު ކުރާނަން. އެއީ މި (ސީޒަނުގައި ފެށޭ) އެފްއޭ ކަޕުން ފެށިގެން އަންނަ (ސީޒަނުގައި ވެސް) ވިކްޓަރީ އަށް އެންމެ (ބޭނުންވާ) ކާމިޔާބު ހޯދައި ދޭން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ކުރާނަން.
"ވިކްޓަރީގެ މަގާމަކީ ތަށި ކަމަށްވާތީވެ އަޅުގަނޑުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ތަށި ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރުން. އިރާދކުރެއްވިއްޔާ އެކަންކޮށްދިނުމުގެ ނިޔަތުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ މި ހަވާލުވީ."
ހަގީގަތުގައި ވެސް މޯހަންގެ ހިތް ވިކްޓަރީ އަށް ހެޔޮ ވެދާނެތަ؟
ތެދެކެވެ. މީގެ ކުރިން ވެސް ބައްޕަގެ ކްލަބާ ދެކޮޅަށް ވެސް މޯހަން ނުކުތެވެ. އެ ކްލަބާ ދެކޮޅަށް ކާމިޔާބު ވެސް ބައެއް މެޗުތަކުގައި ހޯދި އެވެ. އެކަމަކު ބައްޕަގެ ކްލަބްގެ އެންމެ ވާދަވެރި ކްލަބަށް، މޯހަންގެ ހިތް ހަގީގަތުގައި ވެސް ހެޔޮ ވާނެ ހެއްޔެވެ؟
މީގެ ކުރިން މާޒިޔާގެ ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކުރި މޯހަން، އެ ކްލަބާ ހަވާލުވާން ދިޔައީ، މާޒިޔާގެ ފެހި ކުަލައިގެ ގަމީހުގަ އެވެ. އެ ޕްރެސް ކޮންފަރެންސްގައި އޭނާ ފެނުނީ "ވަރަށް މާޒިޔާ ވަންތަ" މީހެއްގެ ގޮތުގަ އެވެ.
އެކަމަކު ވިކްޓަރީއާ ޖެހުނު ހިސާބުން އޭނާގެ ހެދުމުން، "ވިކްޓަރީ ވަންތަ" ކަމެއް ނުފެނުނެވެ. އެ ޓީމުގެ އެންމެ މުހިންމު މަގާމާ ހަވާލުވާން، ބޭއްވި ރަސްމިއްޔާތަށް އޭނާ ދިޔައީ، ވިކްޓަރީގެ އެއްވެސް ކުލައެއް ރަމުޒު ނުކޮށެވެ. ރޭގައި އޭނާ ލައިގެން ހުރި ގަމީހުގައި ވެސް ވިކްޓަރީގެ ރަތާއި ރީނދޫ ކުލަ ރަމްޒު ކޮށްދޭނެ އެއްވެސް ނިޝާނެއް ވެސް ނެތެވެ.
މީގެ ކުރިން ދިން އިންޓަވިއުތަކުގައި ވެސް މޯހަން ބުނެފައި ވަނީ، ކޮންމެ ޓީމެއްގެ މަސައްކަތް ކުރިޔަސް އޭނާ މަސައްކަތް ކުރަނީ ޕްރޮފެޝަނަލް ކޮށް ކަމަށެވެ.
"އަޅުގަނޑު މިހުރީ އެއަށްވުރެ މާ ގާތް ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ވާދަ ކޮށްފައި. އެހެންވީމަ އަޅުގަނޑަކަށް ހީއެއް ނުވޭ އެއަށް ވުރެ ބޮޑަށް ގާތް މީހަކާ ވާދަ ކުރެވެނޭ ހެނެއް. ކޮންމެ ގޮތެއް ވިޔަސް ދަނޑުމަތީގައި މި ކުޅޭ 90 މިނެޓްގައި ކާމިޔާބު ނޫން އިތުރު އެއްވެސް ވިސްނުމެއް ނީންނާނެ،" އޭޕްރީލް 2021 ގައި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް އަލުން ވިކްޓަރީ ހެދުމަކީ އެ ކްލަބުގެ މެނޭޖްމަންޓް އެންމެ ބޮޑު އުންމީދެވެ. އެ މަސައްކަތުގައި ވިކްޓަރީގެ މެނޭޖްމެންޓުން ވެސް ތިބީ މޯހަން އަށް ފުރިހަމަ އަށް އިތުބާރުކޮށްގެންނެވެ.
"މިއީ ވިކްޓަރީއަށް އާ ފެށުމެއް. މޯހަންގެ އިރުޝާދުގެ ދަށުން ޓީމު އަލުން ތަރުތީބުވެ، ކުރީގެ ވަރުގަދަ ވިކްޓަރީ ފެންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،" ކްލަބުގެ އޮފިޝަލަކު ވިދާޅުވިއެވެ.