05 ނޮވެމްބަރ 2025 - 10:58
ޕްރާގް (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް އާސެނަލްގެ އުމުރުން 15 އަހަރުގެ ފޯވާޑް މެކްސް ޑައުމަން ހޯދައިފި އެވެ.
އާސެނަލް ރޭ ޗެމްޕިއަންސް ލީގުގައި 3-0 އިން ސްލާވިއާ ޕްރާހާއާ ދެކޮޅަށް މޮޅުވި މެޗުގެ 72 ވަނަ މިނިޓުގައި ކުޅެން އެރި އިރު އުމުރުން 15 އަހަރާއި 308 ދުވަހެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ ވަނައަށް އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ޑައުމަން އަށް 16 އަހަރު ފުރޭނީ ޑިސެމްބަރު 31 ގަ އެވެ.
މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޔޫސުފާ މައުކޮކޯ އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 16 އަހަރާއި 18 ދުވަހުގަ އެވެ.
ރޭގެ މެޗުގައި، ޑައުމަން އެރުމުގެ ކުރިން ވަނީ ތިން ގޯލު ވެސް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ބުކަޔޯ ސަކާ ލީޑު ނަގައިދިން އިރު ދެވަނަ ހާފުގައި ދެ ލަނޑު ވެސް ޖެހީ މިކެލް މެރީނޯ އެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ޑައުމަން އާއި މެޗުގައި ދެ ގޯލު ޖެހި މެރީނޯއަށް ވެސް ތައުރީފް ކޮށްފަ އެވެ.
"ފުރަތަމަ ބޯޅަ ލިބުމާއެކު އިދިކޮޅު ކުޅުންތެރިން ނައްޓައި ޑްރިބްލް ކުރަމުން ގޮސް ހޯދީ ފައުލެއް. އެއީ އޭނާގެ ޕާސަނާލިޓީއަކީ، ފެނުނީ އޭނާގެ ހިތްވަރު ކުރިކަން،" ޑައުމަންއާ ގުޅޭގޮތުން އާޓެޓާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އާސެނަލް މިވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އަދި މިއާ އެކު ޖެހިޖެހިގެން 10 މެޗުން އާސެނަލް މި ސީޒަންގައި މޮޅު ވެފައި ވާއިރު، އެންމެ ފަހުން ކުޅުނު އަށް މެޗުގައި ވެސް ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.
ޗެމްޕިއަންސް ލީގުގައި ނަޕޯލީއާއި އެއިންޓްރަކް ފްރޭންކްފާޓް ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެއް މެޗުން މޮޅުވެފައިވާ މި ދެ ޓީމަށް ވެސް ވަނީ މިހާތަނަށް ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ރޭ ކުޅުނު އިތުރު ބައެއް މެޗުތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑް ވަނީ 3-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް ބަލިކޮށްފަ އެވެ. އަދި ޓޮޓްނަމް ހޮޓްސްޕާ 4-0 އިން ޑެންމާކްގެ ކޯޕަންހޭގަން ބަލިކުރި އިރު، ޔުބެންޓަސް އާއި ސްޕޯޓިން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy