ބުދަޕެސްޓް (މެއި 30) - ޕެނަލްޓީ ޝޫޓައުޓްގައި އާސެނަލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފި އެވެ،

މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީ ޖަހަން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުންނެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.

ކައި ހަވާޓްޒް (މ) އާސެނަލް އަށް ލީޑޫ ނަގައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ކައި ހަވާޓްޒް (މ) އާސެނަލް އަށް ލީޑޫ ނަގައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ވަނީ މެޗުގެ ފަސްވަނަ މިނިޓުގައި ކައި ހަވާޓްޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.

ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ އެއްވަރު ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. މިއީ ކްރިސްޓިއަން މޮސްކޭރާ، ޕީއެސްޖީގެ ކިވިޗާ ކްވަރަޓްސްކޭލިއާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.

ޑެމްބެލޭ (ވ) ޕީއެސްޖީއަށް ނަތީޖާ އެއްވަރު ކޮށްދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ޑެމްބެލޭ (ވ) ޕީއެސްޖީއަށް ނަތީޖާ އެއްވަރު ކޮށްދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީ ޝޫޓައުޓްގައި ޕީއެސްޖީ ވަނީ ގޮންސާލޯ ރާމޯސް އާއި ޑިޒިރޭ ޑޫއޭ އަދި އަޝްރަފް ހަކީމީ އާއި ލޫކަސް ބެރާލްޑޯގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ނާކާމިޔާބު ވީ ތިންވަނައަށް ފޮނުވާލި ނޫނޯ މެންޑޭޒްގެ ޕެނަލްޓީ އެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ އެ ޕެނަލްޓީ މަތަ ކޮށްފަ އެވެ.

އާސެނަލްގެ ފުރަތަމަ ޕެނަލްޓީ ވިކްޓާ ޔޯކެރޭސް ކާމިޔާބު ކުރި އިރު، ދެވަނަ ޕެނަލްޓީ އެބެރޭޗީ އެޒީ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެއަށް ފަހު ޑެކްލަން ރައިސް އާއި ގެބްރިއެލް މާޓިނެއްލީގެ ޕެނަލްޓީ ކާމިޔާބު ކޮށްފައި ވަނިކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ކަށަވަރުވީ، ގެބްރިއެލް މަގަޅޭސް ފޮނުވާލި އާސެނަލްގެ ފަސްވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

ޕެނަލްޓީ ޝޫޓައުޓްގައި ނާކާމިޔާބު ވުމުން އާސެނަލްގެ ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
ޕެނަލްޓީ ޝޫޓައުޓްގައި ނާކާމިޔާބު ވުމުން އާސެނަލްގެ ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު، މިދިޔަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ ވެފައި ވަނީ ޖެހިޖެހިގެން ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ހޯދި ނުވަވަނަ ކްލަބަށެވެ. މީގެ ކުރިން މި ޝަރަފް ހޯދާފައި ވަނީ ރެއާލް މެޑްރިޑާއި އޭސީ މިލާނާއި އިންޓަ މިލާނުގެ އިތުރުން ބެންފީކާ އާއި އަޔެކްސް އަދި ބެޔާން މިއުނިކާއި ލިވަޕޫލް އަދި ނޮޓްނަމް ފޮރެސްޓެވެ.

މިއީ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ދެވަނަ ފަހަރެވެ. ދެ ފަހަރު ވެސް އާސެނަލް ބަލި ވެފައި ވަނީ އެ ޓީމު ފުރަތަމަ ލީޑު ނަގާފައި ވަނިކޮށެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ކުޅުނު ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ފުރަތަމަ ހާފުގައި ލީޑު ނަގާފައި ވަނިކޮށް ބަލިވީ ފަހު 15 މިނިޓު ތެރޭ އެ ޓީމު ކޮޅަށް ވަން ދެ ގޯލުންނެވެ.