ލެވަކޫސަން (މާޗު 12) - ކޯނަރުތަކުން ގޯލު ޖަހަން މަޝްހޫރު އާސެނަލް، ރޭ ބެޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ކޯނަރެއްގެ ބޭނުން ނުހިފި، ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައި 1-1 އިން މެޗު އެއްވަރުކޮށްލައިފި އެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ލެވަކޫސަން ވަނީ، މެޗުގެ ފޯރި ގަދަ ކޮށްލުމުގެ ގޮތުން ދަނޑުގެ ކޯނަރު ނަގާ ދިމާލުގައި "ކޯނަރު ނެގުން މަނާ" ކަމަށް ބުނާ ބޯޑެއް ބަހައްޓައި އެ ޓީމުގެ ސޯޝަލްމީޑީއާގައި އާއްމުވެސް ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އަށް ކޯނަރެއް ނުލިބުނެވެ. އަދި ދެވަނަ ހާފު ފެށީގެން ފުރަތަމަ މިނިޓުގައި ފެނުނީ ކޯނަރެއްގައި ލެވަކޫސަންގެ ކެޕްޓަން ރޮބާޓް އެންޑްރިޗް ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިން ތަނެވެ.

ދެވަނަ ހާފުގައި އާސެނަލް އަށް ޓީމުން ތިން ކޯނަރު ލިބުނު ނަމަވެސް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ އެވެ. އެކަމަކު ނޮނީ މަޑުއެކޭ އަށް ފައުލް ކުރި ކަމަށް ބަލައި ވީއޭއާރުގެ އެހީގައި އާސެނަލް ހޯދި ޕެނަލްޓީއަކުން އެ ޓީމަށް 89 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ، ލެވަކޫސަންގައި 10 އަހަރު ހޭދަކުރި ފަހުން 2020 ގައި 71 މިލިއަން ޕައުންޑަށް ޗެލްސީއަށް ވިއްކާލި ކައި ހަވާޓްޒް އެވެ. ހަމަ އެ ވަރުގެ އަގަކަށް 2023 ގައި އާސެނަލް އަށް ބަދަލުވި ހަވާޓްޒް ރޭގެ މެޗުގައި ކުޅެން އެރީ ފަހު 15 މިނިޓަށެވެ.

"މީގައި ދެ ފަރާތަށް ބަލަން ވާނެ. އެއް ކަމަކީ އިދިކޮޅުން ބެލީ އަހަރެމެންގެ ބަލިފައި، އެއީ ސަމާލުކަން ކުޑަވުމާއި އަވަސް އަރުވައިގެން އުޅުން. އަނެއް ކަމަކީ އަހަރެމެން، އެއީ އަހަރެމެންނަށް އެނގި ތިބެ ހެދީ ގޯހެއް. އަހަރެންގެ ޓީމަށް ދެއްކިން މިދިޔަ ހަފްތާ ބަންދުގައި އެމީހުން ކުޅުނު މެޗުގެ ތިން ވީޑިއޯ ކްލިޕެއް ތިން ގޮތަކަށް، އެކަމަކު އަހަރެމެން ތިބީ ތައްޔާރަކަށް ނޫން،" ކޯނަރަކުން ވަން ލަނޑާ ގުޅިގެން މެޗަށް ފަހު މާޔޫސްވެފައި ހުރެ އާސެނަލްގެ ކޯޗު މިލެކް އާޓެޓާ ބުންޏެވެ.

މި މެޗުގެ ކުރިން އާސެނަލް ކޮޅަށް މި ސީޒަންގައި ސެޓް ޕީސްތަކުން ވަދެފައި ވަނީ 11 ގޯލެވެ. މިއީ މެންޗެސްޓާ ސިޓީއާ އެއްވަރު އަދަދެކެވެ. އާސެނަލް އާއި ސިޓީއަށް ވުރެ މަދުން ސެޓްޕީސް އިން ގޯލު ވަދެފައި ވަނީ ވުލްވްސް (10) އާއި އެވަޓަން (9) ކޮޅަށެވެ.