ޗެމްޕިއަންސް ލީގުގައި އާސެނަލާ ދެކޮޅަށް މިރޭ ނުކުންނަ ނަޕޯލީގެ މުހިންމު ދެ މިޑްފީލްޑަރުންނަށް ނުކުޅޭނެކަން ކަށަވަރުވުމާ އެކު އެ ޓީމުގެ މެދުތެރެއަށް ބޮޑު ފަޅުކަމެއް އަތުވެއްޖެ އެވެ.

ދެ މިޑްފީލްޑަރުން ކަމަށްވާ ސްކޮޓް މެކްޓޮމިނޭ އާއި އެންޑްރޭ ފްރެންކް ޒަމްބޯ އަންގީސާ އަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުފަ އެވެ. އެހެންވެ ތަޖުރިބާކާރު ކޯޗު ކޯޗު މެސިމިލިއާނޯ އެލެގްރީގެ އެހެން ގޮތްތަކެއް ހޯދަން ޖެހިފަ އެވެ.

މެކްޓޮމިނޭ ވަނީ އިއްޔެ ހިތުގެ އޮޕރޭޝަނެއް ކޮށްފަ އެވެ.

އޭނާ ދިމާވެފައިވަނީ ހިތުގެ ހިނގުން އެއްވަރެއްގައި ނުހިފެހެއްޓޭ މައްސަލައެއް ކަމަށްވާ "މައިލްޑް ބެނައިން އެރިތްމިއާ" އެވެ.

މެޑިކަލް އޮފިޝަލުންނާ ހަވާލާދީ އީއެސްޕީއެންއިން ބުނި ގޮތުގައި އޭގެ ސަބަބުން އޭނާގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ނެތެވެ.

މެންޗެސްޓާގެ ހޮސްޕިޓަލެއްގައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް ނަޕޯލީން ބުންޏެވެ. ދެ ހަފުތާ ފަހުން އޭނާ އަށް ތަމްރީނުތަކުގައި ބައިވެރިވެވޭނެ ކަމަށް ބެލެވެ އެވެ. 

މެޗުގައި ބައިވެރި ނުވެވޭ އަނެއް މިޑްފީލްޑަރު، އަންގީސާ އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ.  މި މައްސަލަތަކާއެކު ވެސް ޓީމުން ކުޅޭ 4-3-3 ފޯމޭޝަނަށް ބަދަލެއް ނުގެންނާނެ ކަމަށް އަލެގްރީ ބުންޏެވެ. 

"ޓެކްޓިކަލް ސިސްޓަމަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަހަރެންގެ އަތުގައި ތިބީ މެދުތެރެއަށް ކުޅޭ ހަތަރު ކުޅުންތެރިން އެހެންކަމުން އޭގެ ތެރެއިން ތިން ކުޅުންތެރިން މާދަމާ [މިރޭ] މެޗުން ފަށާނެ،" މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އަލެގްރީ ބުންޏެވެ. 

މެދުތެރެއަށް ނެރޭނީ ކެވިން ޑެ ބްރޭނާ އާއި ބިލީ ގިލްމޯ، ސްޓެނިސްލާވްލޮބޮޓްކާ އަދި އެންޓޯނިއޯ ވަގާރާގެ ތެރެއިން ކޮންމެވެސް ތިން ކުޅުންތެރިޔެކެވެ. 

މަޝްހޫރު އެންޓޯނިއޯގެ ކޯޗުކަމުގެދަށުން މިދިޔަ ސީޒަނުގެ ސެރީ އޭ ޗެމްޕިއަންކަން ހޯދި ނަޕޯލީ އަށް، ލީގުގައި ވެސް އަދި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ޖެނޯއާ އަތުން ފުރަތަމަ މެޗުގައި މޮޅުވި އެވެ.ކޯމޯ އާއި އިންޓަ މިލާން އަތުން ބަލިވުމުގެ ހިތްދަތިކަމުން އަރައިގަންނަން އާސެނަލް އަތުން މޮޅެއް ހޯދުމުގެ އަލެގްރީ ހުރީ އުއްމީދާ އެކު 

"ޗެމްޕިއަންސް ލީގަކީ ސެރީ އޭ އާ ތަފާތު މުބާރާތެއް މިއީ ކުރިއަށް އޮތް ބުރަށް ކޮލިފައިވުމަށްޓަކައި 12 ޕޮއިންޓް ހޯދަންޖެހޭ ކުޑަ ލީގެއް ކަހަލަ ތަނެއް. ޔޫރަޕްގެ މުބާރާތްތަކުން ތަފާތު ޖޯޝަކާއި ހިތްވަރެއް ލިބޭ. އަހަރެމެން މި ނުކުންނަނީ އެންމެ މޮޅު ޓީމުތަކާ ދެކޮޅަށް،" އެންމެ ފަހު ރަނަރަފް އާސެނަލްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އަލެގްރީ ބުންޏެވެ. 

"އެހެންކަމުން ޓެކްނިކަލް މޮޅު ކުޅުމެއް ދައްކަންޖެހޭނެ .ބޯޅަ ނެތް ވަގުތުތަކުގައި ޓީމެއްގެ ގޮތުގައި ދިފާއުކުރުން މިހާރަށްވުރެ ރަނގަޅުކުރަންޖެހޭނެ." 

ޔުވެންޓަސް ގޮވައިގެން 2015 އަދި 2017 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުތް އަލެގްރީގެ ކޯޗުކަމުގެދަށުން ނަޕޯލީގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދަތުރު ފަށާނީ އަމިއްލަ ދަނޑު ޑިއޭގޯ މެރަޑޯނާގެ ސްޓޭޑިއަމުންނެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންަވަރު 12 ޖަހާއިރު އެވެ.