17 ނޮވެމްބަރ 2025 - 10:31
އޭނާގެ ނިންމުމަށް އިހްތިރާމުކޮށް އެކަން ބަލައިގަންނަން ޖޫޑް ބެލިންހަމަށް މަޖުބޫރުވާނެ ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓޫހުލް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުގައި ރޭ އަލްބޭނިއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ފަހު ހަ މިނެޓަށް ވެފައި ވަނިކޮށް ޓޫހުލް ވަނީ ބެލިހަމްގެ ބަދަލުކުރަން ނިންމައިފަ އެވެ.
ބެލިންހަމްގެ ބަދަލުގައި މޯގަން ރޮޖާސް ކުޅެން އަރުވަން ބަދަލު ރެފްރީ ބޯޑް ދައްކާލުމުން، ބެލިންހަމްގެ ނަން އެ ބޯޑުން ފެނުމުން އޭނާގެ މޫނުމަތީގައި އަތްއެޅި އެވެ. ޖޫން މަހަށް ފަހު އިނގިރޭސި ގައުމީ ޓީމުގައި ފުރަތަމަ 11 ގައި ހިމެނި އޭނާ ކުޅުނު ފުރަތަމަ މެޗުން އޭނާ ބަދަލުކުރާތީ ނުތަނަވަސްވެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވުނެވެ.
"އޭނާ [ބެލިންހަމް] ޖެހޭނެ އެ ނިންމުމަށް އިހްތިރާމު ކުރަން. އޭނާގެ އެކުވެރިޔާ [މޯގަން ރޮޖާސް] ދަނޑުބޭރުގައި ހުރީ އޭނާގެ އިންތިޒާރުގައި. އެހެންވީމަ އެކަން ބަލައިގަންނަންޖެހޭނެ. އެކަމަށް އިހްތިރާމުކޮށް ކުރިއަށްދާންޖެހޭނީ،" ޓޫހުލް ބުންޏެވެ.
ޓޫހުލް ބުނީ ބެލިންހަމް އަމަލުކުރި ގޮތުން ބޮޑު މައްސަލައެއް އުފައްދަން ބޭނުންނުވާ ކަމަށެވެ.
"ސުލޫކް މުހިންމު. އަދި ކުޅެން ނުކުންނަން ތިބި އެހެން ކުޅުންތެރިންނަށް ވެސް އިހްތިރާމުކުރަންޖެހޭނެ. ނިންމުން ނިންމީމަ އިހްތިރާމްކުރަން ޖެހޭނެ،" ޓޫހުލް ބުންޏެވެ.
އިންގްލެންޑް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމުން ކުޅުނު އަށް މެޗު ވެސް ކާމިޔާބު ކުރީ ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެ އެވެ. އިންގްލެންޑަކީ ޔޫރަޕްގެ ކޮލިފައިން މަރުހާލާއެއްގައި ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލީ ފުރަތަމަ ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy