ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް (ކ) އާއި "މިހާރު" ގެ އެޑިޓަރު އަހުމަދު ހަމްދޫން އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
09 ޑިސެމްބަރ 2025 - 19:52
ރާއްޖޭގައި އަންނަ އަހަރު ބާއްވާ މުޅި ދުނިޔެ އަށް މަޝްހޫރު އޯޕަންވޯޓާ ސްވިމިން ފްރެންޗައިސް އޯޝަންމޭން ގްލޯބަލްގެ "އޯޝަންމޭން މޯލްޑިވްސް" ގެ މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސައިފި އެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ކ. މާފުށީގައި ބާއްވާ މި ރޭސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަނޑުފެތުމުގެ މުބާރާތަށެވެ. މިހާތަނަށް ގިނަ އަދަދަކަށް ރާއްޖޭން ބޭރުގެ ފެތުންތެރިން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.
"މިހާރު" ނޫހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ނޫހުގެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޓަރު އަހުމަދު ހަމްދޫނެވެ. "އޯޝަންމޭން މޯލްޑިވްސް" އިންތިޒާމްކުރާ ސްވިމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ހުސެއިން ޝަމީމެވެ.
ހަމްދޫން ވިދާޅުވީ ރާއްޖޭން ބޭރުން ބައިވެރިވާ މީހުންގެ އަދަދަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު އެއް ހަރަކާތަށް ވާނެ ކަމަށާއި، މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ. "އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޕްރޮމޯޓްކުރަން ވަރަށް އިސްކަންދޭ މީޑިއާއެއް،" ހަމްދޫން ވިދާޅުވި އެވެ.
"މި ތާރީހީ މުބާރާތުގެ ފުރިހަމަ ކަވަރޭޖެއް މުޅި ރާއްޖެ އަށް ގެނެސްދޭން އަޅުގަނޑުމެންގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވާނެ."
މި އިވެންޓުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ފެތުންތެރިންނަށް އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އެއީ ހަމައެކަނި ކޮލިފައިވެގެން ބައިވެރިވެވޭ ގޮތަށް އަހަރަކު އެއް ފަހަރު ބާއްވާ މުބާރާތެކެވެ. އަދި މުޅި ރޭހުގެ އެންމެ މޮޅު ތިން ފެތުންތެރިންނާއި، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިންނަށް މެޑެއްޔާއި، ޓްރޮފީ ވެސް ދޭނެ އެވެ. ލިބޭނެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެންޑޯޒްކޮށްފައިވާ މި މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑިންއާ އެކު އެވެ.
އޯޝަންމޭން ގްލޯބަލްގެ ފްރެންޗައިސް ރައިޓްސްއާ އެކު ބާއްވާ މި މުބާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ބައިނަލްއަގްވާމީ ސްޓެންޑަޑަށް ކަމަށެވެ. އަދި އިންތިޒާމުތަކާއި، ފޯމެޓް ވެސް އޮންނާނީ ބައިނަލްއަގްވާމީ މިންގަނޑަށެވެ.
މީގެ 10 އަހަރު ކުރިން ތައާރަފުކުރި އޯޝަންމޭން ގްލޯބަލް އަކީ ދުނިޔޭގައި ފްރެންޗައިސް އުސޫލުން ކުރިއަށްގެންދާ ފުރަތަމަ އޯޕަންވޯޓާ ފެތުމުގެ މުބާރާތެވެ. މީގެ ފްރެންޗައިސް އިވެންޓްތައް ކޮންމެ އަހަރަކު ތަފާތު 26 ގައުމެއްގައި ބާއްވަ އެވެ. އެގޮތުން ބާއްވާ 38 ރޭހުގެ ތެރެއިން ކޮންމެ ރޭހެއްގައި 1500-2000 އަދަދަށް ފެތުންތެރިން ބައިވެރިވި އެވެ.
މުބާރާތް ރާއްޖޭގައި އިންތިޒާމުކުރާ ސްވިމް މޯލްޑިވްސް އަކީ ރާއްޖޭގައި ފެތުން ޕްރޮމޯޓްކުރަން މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެގޮތުން ވާދަވެރި ފެތުންތެރިންނާއި، ރިކްރިއޭޝަނަލް ފެތުންތެރިންނަށް ހާއްސަކޮށްގެން އެ ޖަމިއްޔާ އިން ހަރަކާތްތައް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy