ކުޅިވަރު / އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕް

ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރުމުން ތުރުކްމެނިސްތާނުގެ އަންހެން ވޮލީ ޓީމަށް ރާއްޖެ ނާދެވުނު!

18 ޑިސެމްބަރ 2025 - 11:37

ތުރުކްމެނިސްތާނުގެ ރައްޔިތުން ބޭރަށް ދަތުރުކުރުމުގެ މަރުހަލާތައް ހަރުކަށި ކުރުމުން، އެ ގައުމުގެ އަންހެން ވޮލީ ޓީމަށް ރާއްޖެ ނާދެވޭނެކަން އަންގައިފި އެވެ.

ރާއްޖޭގައި ބާއްވާ އޭޝިއާގެ ސެންޓަރަލް ޒޯން އެސޯސިއޭޝަން (ކާވާ)ގެ އަންހެން ވޮލީބޯޅަ މުބާރާތް ވާދަކުރަން ތުރުކްމެނިސްތާނުގެ ގައުމީ ޓީމަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބޭކަން އެ ޓީމުން އެންގީ އިއްޔެ އެވެ.

ކުރިން ހަމަޖެހިފައި އޮތީ، އެންމެ ލަސްވެގެން މިއަދު އެ ޓީމު ރާއްޖެ އަންނަ ގޮތަށެވެ.

ވީއޭއެއެމްގެ ރައީސް އަދި ކާވާގެ ވެސް ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ތުރުކްމެނިސްތާން ޓީމަށް މުބާރާތަށް އާދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ.

ކުރިން ހަމަޖައްސާފައި އޮތީ މުބާރާތް މާދަމާ ފަށާ ގޮތަށެވެ. މުބާރާތް ދެން ފަށާނީ ހޮނިހިރު ދުވަހު އެވެ. ކުރިން އޮތް ގޮތުން ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ، ތުރްކްމެނިސްތާނާއި ބަންގްލަދޭޝް އެވެ.

ދިވެހި ޓީމުގެ ކޯޗު ތަޖުރިބާކާރު މުހައްމަދު ނަދީމް ބުނީ ތުރުކްމެނިސްތާނުގެ ޓީމުން މުބާރާތަށް ތައްޔާރުވާން ރަނގަޅު ތަމްރީނުތަކެއް ވެސް ކުރިއަށްގެންދިޔަކަން އެނގިފައިވާ ކަމަށެވެ.

އެ ޓީމުން މުބާރާތުން ވަކިވުމުން، ކާވާ ކަޕްގެ ފޯމެޓަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ހަތަރު ޓީމުގެ މެދުގައި ރައުންޑް ރޮބިންގެ ބުރެއް ކުޅުމަށް ފަހު ސެމީގެ ދެ މެޗުން މޮޅުވާ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭނެ އެވެ.

ތުރުކްމެނިސްތާނުގެ ސަރުކާރުން ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް އަސާސީ މިނިވަންކަމުގެ ބައެއް ހައްގުތައް ހިފަހައްޓަން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގައުމު ދޫކޮށްދާ އިދިކޮޅު ސިޔާސީ މީހުން އެހެން ގައުމުތަކުގެ ހިމާޔަތް ހޯދައިގެން ތިބޭ މައްސަލައިގައި އަޅާފައިވާ މި ފިޔަވަޅުތަކުގައި އާންމުންނަށް ވެސް ވަނީ ތާށި ކުރުވާފަ އެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އާންމުންނަށް އެ ފިޔަވަޅުތައް އަޅާ، އަނެއް ސަބަބަކީ ގައުމުން ބޭރަށް ދިއުމަށް ފަހު ފިލައިގެން ގޮސް ހިޖުރަވެރިންގެ ގޮތުގައި އެހެން ގައުމުތަކުގައި ތުރުކްމެނިސްތާނުގެ މަސައްކަތްތެރިންނާއި އާންމުން ވަޒަންވެރިވާތީ އެވެ. ސެންޓްރަލް އޭޝިއާގެ ޚަބަރުތައް ގެނެސްދޭ ރޫރޯޝިއާނެޓް ނޫހުން މެއި މަހު ބުނީ އަސާސީ މިނިވަންކަމުގެ ހައްގުތައް ހަނިކޮށްފައިވުމުން ގިނަ ބަޔަކު ތުރުކްމެނިސްތާނު ދޫކޮށްދާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

"ތުރުކްމެނިސްތާނުގެ ބޯޑަރު ހުރަސްކޮށް ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައި އެ ގައުމު ދޫކޮށްދާން ރައްޔިތުން ގިނަ މަސައްކަތް ކުރޭ. އޭގެ ތެރެއިން ގިނަ މީހުން ބޭރު ގައުމުތަކަށް ބަދަލުވުމުގެ ފުރުސަތު ހޯދަނީ އަސާސީ ޒާތީ މިނިވަންކަން ހިފެހެއްޓިފައި އޮތުމާއި، އަމިއްލަ ގައުމުގައި އިގްތިސާދީ ކުރިއެރުން ކުޑަވުމާއި ތަނަވަސް މުސްތަގުބަލެއް ހޯދިދާނެކަމަގު އުއްމީދު ކުޑަވުމުން،" މެއި މަހު ޔޫރޭޝިއާނެޓުން ގެނެސްދީފައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

އެކިކަންކަމުގައި ގައުމުން ބޭރަށް ގޮސް އެންބުރި ގައުމަށް ނުދާ މައްސަލަ ބޮޑެވެ.

ތުރުކްމެނިސްތާނުގެ ކުޅިވަރު ޓީމުތަކުން މީގެ ކުރިން ވެސް ވަނީ ރާއްޖެ އަށް ދަތުރުކޮށް މުބާރާތްތަކުގައި ވާދަ ވެސް ކޮށްފަ އެވެ. އެކަމަކު މިފަހަރު އަންހެން ޓީމަށް ރާއްޖެ އަށް ދަތުރުކުރުމުގެ ހުއްދައެއް ނުލިބުނެވެ.

ހޮނިހިރު ދުވަހު ފަށާ މުބާރާތުގައި ދެން ވާދަކުރާ ގައުމުން ބޭރުގެ ޓީމުތަކަކީ އަފްޣާނިސްތާނާއި ކިރިގިސްތާނާއި ބަންގްލަދޭޝެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454