20 ޑިސެމްބަރ 2025 - 22:33
އީގަލްސްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބުރު ތިންވަނަ އަށް ޖެހިލައިފި އެވެ.
މިއަދު މެޗުން ހޯދި ތިން ޕޮއިންޓާ އެކު ބުރުން ވަނީ 11 މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ. ކުރިން ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ބުރާ، ޕޮއިންޓްގެ ގޮތުން މިހާރު ހަމަހަމަ އެވެ. ފައިދާ ލަނޑުގެ ތަފާތުން ބުރަށް ކުރި ލިބެ އެވެ. ބުރަށް ފައިދާ 16 ލަނޑު އެބައޮތެވެ. ނިއު އަށް އޮތީ ފައިދާ 13 ލަނޑެވެ.
ހުކުރު ދުވަހުގެ ރޭ ވިކްޓަރީ އަތުން ބަލިވެ، ނިއުގެ ރޭސް ވަނީ މަޑުޖެހިފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ އީގަލްސްއިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ) އިއްބެ އެވެ.
އީގަލްސްގެ ސިއެރަލިއޯންގެ ޑިފެންޑަރު އިބްރާހިމް ލެބީ، އޭރިއާގެ ބޭރުން ދިން ބޯޅަ އޭރިއާގެ ތެރޭގައި ހުރެފައި އިއްބެ ބޯޅަ ފޮނުވާލީ އޭނާއާ ކައިރި ގޯލްގެ ކަނަށްވާ ގޮތަށެވެ. ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމްގެ އަތްދަށުން ބޯޅަ ތިރިރިން ގޮސް ވަނީ ގޯލްގެ ދުރު ކަނަށެވެ.
ބުރަށް ނަތީޖާ ހަމަހަމަކޮށް ދިނީ މުހައްމަދު ނާއިމް އެވެ. މެޗުގެ 83 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ހޮޖްސަން ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އީގަލްސްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ހޮޖްސަން ނާއިމް އަށް ދިން ބޯޅަ އަށް ހުސްކޮށް އަރައި އޭނާ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން އެ ބޯޅަ ދީފާއުކުރަން ކުރިމަތިލި ނަމަވެސް އެނޭ އަށް ބޯޅަ ސަލާމަތެއް ނުކުރެވުނެވެ.
އޭގެ ފަސް މިނެޓް ފަހުން ބުރުން ލީޑް ނެގި ލަނޑު ޖެހީ އިބްރާހިމް އުސާމާ ހަސަން މަޖީދެވެ.
އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އީގަލްސްގެ ހާފުގެ މެދުތެރެއިން ސީދާ ބޯޅަ ފޮނުވާލީ ގޯލަށް އަމާޒުކޮށެވެ. އެ ބޯޅަ ހުރަސް ދަނޑީގައި ޖެހި ރީބައުންސްވުމުން ކުރިއަށް ނުކުތް ބޯޅަ ގޯލް ކުރިމަތީގައި ހުރެ އުސާމާ، ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.
ބުރުގެ ތިންވަނަ ލަނޑު ޖެހީ ނާއިމް އެވެ. އޭރިއާގެ ހާފުގެ މެދެއްހާހިސާބުން ހޮޖްސަން ދިން ބޯޅަ ހިފައިގެން އޭރިއާގެ ކާނާދިމާލުން ވަދެ ނާއިމް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
-އީގަލްސްގެ ދެވަނަ ލަނޑު ޖެހީ އުމުރުން 43 އަހަރުގެ މިޑްފީލްޑަރު ތަޖުރިބާކާރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމިއްޓޭ
20 December 2025
ޤައުމީ ލީގު ކުރިއަށްދާއިރު ޕޮއިންޓްޓޭބަލް ފެންނާނެ ގޮތަކަށް ޚަބަރުގެނެސްދިނުން ކިހިނެއްތޯވާނީ. ނޫނީ ލީގަށް ވަކިން ޕޭޖެއް ހުރުން މުހިއްމު.