ލީގުގެ ފުލުގައި އޮތް ވުލްވްސްއާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑް އަނެއްކާ ވެސް ގަދަ ހަތަރަކަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިނިޓިގައި ޔުނައިޓެޑް ވަނީ ޔޯޝުއާ ޒާކްޒީގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ހާފުގެ ފަހު މިނިޓުގައި ލަޑީސްލާވް ކްރޭއިސީ ވަނީ ވުލްވްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އެއީ މިދިޔަ ހަފްތާ ނިއުކާސަލް ޔުނައިޓެޑް އަތުން ހޯދި މޮޅާއި، މި މަހުގެ ކުރީކޮޅު ވުލްވްސް އަތުން ހޯދި މޮޅެވެ. ބާކީ ތިން މެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ޔުނައިޓެޑްގެ ކީޕަރު ސެން ލެމެންސް، ވުލްވްގެ ހަމަލާއެއް ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑްގެ ކީޕަރު ސެން ލެމެންސް، ވުލްވްގެ ހަމަލާއެއް ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"މުޅި މެޗު ވެސް އަހަރެމެންނަށް އުނދަގޫވި. ފުރުސަތުތައް ތަނަވަހެއް ނުކުރެވޭ. މެދުތެރޭގައި ކަސެމީރޯ އާ މެނުއެލް [އުގާޓޭ] ކުޅޭ ކުޅުމާއި ބްރޫނޯ [ފެނާންޑޭޒް] އާއި ކޮބީ [މެއިނޫ] ކުޅޭ ކުޅުން ތަފާތުވާނެކަން އެންމެނަށް ވެސް އެނގޭނެ،" ޔުނައިތެޑްގެ ކޯޗު އަމޯރިމް ބުންޏެވެ.

"އެފްކޮން އަށް ދިޔަ ކުޅުންތެރިންގެ މަގާމުތައްފޫބައްދަން އެބަ ޖެހޭ އަހަރެމެންނަށް. އެކަމަކު އެއީ އުޒުރެއް ކަމަށް ނުދައްކަން ނިއުކާސަލް މެޗުގަ، މި މެޗުގަ ވެސް ނުދައްކާނަން."

ޔުނައިޓެޑްގެ ކެޕްޓަން، ފެނާންޑޭޒް މިދިޔަ ހަފްތާއިން ފެށީގެން ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. އަދި ތިން ކުޅުންތެރިން ކަމަށްވާ ބްރަޔަން އެމްބޫމޯ އާއި އަމަޑް ޑިއާލޯ އާއި ނުސެއިރު މަޒަރާވީ ވިވަގުތު ތިބީ ގައުމީ ގައުމީ ޓީމުތަކާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅޭށެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އަމޯރިމް.-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އަމޯރިމް.-- ފޮޓޯ: އޭއެފްޕީ

އަމޯރިމް އާއްމުކޮށް، ފަހަތަށް ތިން ޑިފެންޑަރުން ލައިގެން ކުޅުވާ ފޯމޭޝަންގެ ބަދަލުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ވަނީ ހަތަރު ކުޅުންތެރިން ލައިގެން ވަރުގަދަ ޑިފެންސެއް ކޮށްފަ އެވެ. ނަމަވެސް ރޭ ވުލްވްސްއާ ދެކޮޅަށް އަނެއްކާ ވެސް ތިން ކުޅުންތެރިން ނަށް ބަދަލު ކޮށްގެން ކާމިޔާބެއް ނުވި އެވެ.

މި ނަތީޖާއާ އެކު ވުލްވްސް ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ 19 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ހަވަނައިގަ އެވެ. ރޭ އަމިއްލަ ދަނޑުގައި ބޯންމަތާ 2-2 އިން އެއްވަރުވެގެން ޗެލްސީ އޮތީ 30 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.

ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 32 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ. މާދަމާ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.

ލީގު އެއްވަނައިގައި އޮތް އާސެނަލް ވަނީ ރޭ 4-1 އިން ތިންވަނައިގައި އޮތް އެސްޓަން ވިލާ ބަލިކޮށްފަ އެވެ. މިއީ ޖެހިޖެހިގެން ލީގުގެ އަށް މެޗުން މޮޅުވުމަށް ފަހު އެސްޓަން ވިލާ ބަލިވި ފުރަތަމަ މެޗެވެ. މި އަށް މެޗުގެ ތެރޭގައި އާސެނަލްއާ ދެކޮޅަށް ވިލާގެ ދަނޑުގައި ކުޅުނު މެޗު ވެސް ހިމެނެ އެވެ. ނަމަވެސް އާސެނަލްގެ ދަނޑުގައި ކުރިއެއް ނުހޯދުނެވެ.

އާސެނަލް އެއްވަނައިގައި އޮތީ 19 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 19މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. އެސްޓަން ވިލާ ތިންވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ.