ކުޅިވަރުގެ ދާއިރާގެ ވަސީލަތްތައް 17 ރަށެއްގައި ގާއިމް ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ސިވެކްުން ސޮއިކުރުމަށް ފަހު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދިލްޝާން (ވ) އަދި ސިވެކްގެ އެމްޑީ ކާނަލް ޒުބައިރު އެއްބަސްވުމާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
01 ޖެނުއަރީ 2026 - 17:11
އެކި ރަށްރަށުގައި ކުޅިވަރާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރަން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދިނުމުގެ އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބެއިރު އެވެ. ސްޕޯޓްސް މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 17 ރަށެއްގައި 20 މަޝްރޫއެއް ސިވެކުން ނިންމައިދޭނެ އެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
ކުޅިވަރުގެ ދާއިރާގެ ވަސީލަތްތައް 17 ރަށެއްގައި ގާއިމް ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ސިވެކްުން ސޮއިކުރުމަށް ފަހު، ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އޭގެ ތެރެއިން ބައެއް ދާއިރާތަކުގެ މެމްބަރުން އަދި މިނިސްޓްރީގެ ބައެއް އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ސިވެކްއާ ހަވާލުކުރި މަޝްރޫއުތައް:
1- އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން.
2- އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު އަޅައިދިނުން.
3- ބ. ކަމަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް.
4- ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް.
5- ފ. ދަރަނބޫދޫ ވޮލީކޯޓު އަޅައިދިނުން.
6- ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން.
7- ހއ. ދިއްދޫ ސުވިމިން ޓްރެކް އެޅުން.
8- ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް.
9- ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކޮށްދިނުން.
10- މ. ވޭވަށް ފުޓްސަލް ދަނޑުގެ މަސައްކަތް.
11- ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑުގެ މަސައްކަތް.
12- ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް.
13- ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކޮށްދިނުން.
14- ނ. ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑުގެ މަސައްކަތް.
15- ނ. ޅޮހި އައުޓްޑޯ ވޮލީކޯޓު އަޅައިދިނުން.
16- ނ. މަގޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް.
17- ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު އަޅައިދިނުން.
18- ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކޮށްދިނުން.
19- ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑުގެ މަސައްކަތް.
20- ވ. ފުލިދޫ ފުޓްސަލް ދަނޑުގެ މަސައްކަތް.
ކުޅިވަރުގެ ދާއިރާގެ ވަސީލަތްތައް 17 ރަށެއްގައި ގާއިމް ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި ސިވެކްުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި އޭގެ ތެރެއިން ބައެއް ދާއިރާތަކުގެ މެމްބަރުން އަދި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ދިވެހި އަމިއްލަ ކުންފުނިތަކާ މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ސަރުކާރުން ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ވެސް ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއެއް ހިމެނެ އެވެ. އެ 52 މަޝްރޫއުގެ އަގު 197.30 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ކުޅިވަރު ދާއިރާގެ ބަައެއް މަޝްރޫއުތައް މީގެ ކުރިން އެމްޓީސީސީ އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުބޭ
01 January 2026
އަޅޭ ހެޔޮވާނީ ކިހިނެއް؟
ސަސި
01 January 2026
ސިވެކަށް ތިޔަވަރުގެ ކަންކަމެއް ނުކުރެވޭނެ. ކިތަންމެ ވަރަކަށްވެސް ސޮއިކޮށް ފޮޓޯ ނެގިދާނެ
މިހާލި
01 January 2026
މިދެން ބޮޑު ކަމެއްނު. މިމީހުނައް މުސާރަދީފަ ތިބެނީ އާންމުން ކުރާ ވިޔަފާރިއައް ވަންނަންތަ
މިޔަރު
01 January 2026
ސަރުކާރައް ގެއްލުން ނުވަންޏާ އެނިމުނީ. ސިވެކް އަކީ ވިޔަފާރި ކުންފުންޏެއް