ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފި އެވެ.
ހަތަރު ވަނައިގައި ބުރު އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ޕޮއިންޓްގެ ގޮތުން މިވަގުތު އެއްވަރު ވިއަސް ފައިދާ ތިން ގޯލެއްގެ ތަފާތުން ތިން ވަނައިގައި އޮތް ނިއު، މިއަދު ހަވީރު އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ ޓީމު ކުޅޭނެ އެވެ.
މިދިޔަ ހަފުތާގައި ނިއު އަތުން 3-0 އިން ބަލިވެ ބުރަށް ވަނީ ތާވަލުގެ ތިން ވަނަ ގެއްލިފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް އޮޑި ވަނީ މިހާތަނަށް ކުޅުނު 12 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ. އެއް ވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.
ރޭގެ މެޗުގެ 37 ވަނަ މިނިޓުގައި ބުރު ސްޕޯޓްސް ކްލަބް ވަނީ ހަޑްސަން ޖީސަސްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު 53 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ނާއިމް އެވެ.
މިއާ އެކު ނާއިމް ވަނީ މިހާތަނަށް ޖުމްލަ 11 ގޯލާ އެކު ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް މާޒިޔާގެ ސާޖިއޯ މެންޑީއާ އެއްވަރު ކޮށްފަ އެވެ. މީގެ އިތުރުން ހަޑްސަން ޖެހި ލަނޑުގެ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ.
މެޗުގެ 85 ވަނަ މިނިޓުގައި ބުރުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަބްދުﷲ ޔާމީން އެވެ. އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ގްރީން ސްޓްރީޓްސް އަށް ސުން ކަނޑުވައިދިނީ އަލް ސައީދު މަހްމޫދެވެ.