ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ކ. މާފުއްޓަށް ރޭހުގައި ނުހިފެހެއްޓި ލ. ގަމުގެ އަތްދަށުވެއްޖެ އެވެ.
މާފުއްޓަކީ، މިދިޔަ އާދިއްތަ ދުވަހު ފެށި މުބާރާތުގައި ފުރަތަމަ މެޗުގައި އައްޑޫގެ މައްޗަށް ކާމިޔާބު ހޯދި ޓީމެވެ. އެކަމަކު އެ ޓީމަށް އެ ރޭހުގައި ހިފަހައްޓައެއް ނުލެވުނެވެ.
ރޭ، ލ. ގަން އަތުން އެ މާފުށި ބަލިވީ ސީދާ ތިން ސެޓުންނެވެ. ގަމުން މެޗުތައް ގެންދިޔައީ 25-15، 25-15 އަދި 25-16 އިންނެވެ.
ގުރޫޕް އޭ ގެ ދެވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ މެޗުގައި ގަން ވަނީ، ށ. ފުނަދޫ އަތުން ފަސް ސެޓަށް ކުޅެ ބަލިވެފަ އެވެ.
ރޭގެ މޮޅާ އެކު ގަން، ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ރޭހަށް ވަދެފަ އެވެ.
ގުރޫޕް އޭ ގެ އެއްވަނައިގައި މިހާރު އޮތީ ށ. ފުނަދޫ އެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
އިއްޔެ ހަވީރު އައްޑުއާ ދެކޮޅަށް ކުޅުނު މެޗު ފުނަދޫން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ތިންވަނަ ސެޓް އެ ޓީމުން ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ސެޓްތައް ދިޔައީ 25-16، 25-11 އަދި 25-8 ންނެވެ.
ގުރޫޕް ބީ ގެ ދެވަނަ ދުވަހުގެ މެޗުތައް މިއަދު އޮންނާނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ކ. ހުރާ އާއި މާލެ އެވެ. މިރޭ ކުޅޭ މެޗުގައި ކުޅޭނީ ލ. މާބައިދޫ އަދި ދ. މާއެނބޫދޫ އެވެ.