ރަބާތު (ޖެނުއަރީ 19) - އެންމެ ފަހު ސިކުންތު މޮރޮކޯ އަށް ޕެނަލްޓީއެއް ދޭން ނިންމުމުން ހިތްހަމަ ނުޖެހިގެން ބޮޑާހާކައި ދަނޑުން ފޭބުމަށް ފަހު، ގޮތްދޫކޮށް އަލުން ކުޅެން ނުކުތް ސެނެގާލް 1-0 އިން މޮޅުވެގެން އަލުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ އަށް މިނިޓު ތެރޭގައި ޝައުގުވެރި ގިނަ ކަންތައްތަކެއް ހިނގި އެވެ. އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ސެނެގާލް ލަނޑެއް ޖެހި އެވެ. ނަމަވެސް ވީއޭއާރުގެ އެހީ އާއެކު ރެފްރީ ވަނީ އެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.
އަށްވަނަ މިނިޓުގައި ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ މޮރޮކޯ އަށް ޕެނަލްޓީއެއް ދޭން ނިންމައިފަ އެވެ. މި ކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ހަޅުތާލުކޮށް، ޕެނަލްޓީ އޭރިއާއިން ނުކުންނަން ދެކޮޅު ހެދި އެވެ. ހަތަރު ވަރަކަށް މިނެޓް އެ ހާލަުތާލުގައި ކުރިއަށް ގެންދިޔަ އެވެ. ކޯޗު ޕާޕޭ ތިއޯ އެންގުމުން ފަހުން ގިނަ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. ނަމަވެސް ކެޕްޓަން ސަޑިއޯ މާނޭ ދަނޑުން ނުފައިބަ އެވެ.
މޮރޮކޯ އަށް ޕެނަލްޓީ ޖަހަން ގޮސް ހުރީ ރެއާލް މެޑްރިޑަށް ކުޅޭ ބްރަހީމް ޑިއާޒް އެވެ. ޕެނަލްޓީ ޖެހުމާ އެކު މެޗު ނިންމާލަން ރެފްރީ ހުރީ ނިންމައިގެންނެވެ.
ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބިތާ ނުވަ މިނިޓު ފަހުން އެ ކުޅުންތެރިން ދަނޑަށް އެރި އިރު، ޕެނަލްޓީ ފޮނުވާލީ 114 ވަނަ މިނިޓުގަ އެވެ. ނަމަވެސް ޑިއާޒް ފޮނުވާލި ޕެނަލްކާ، ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އަތަށް ނެގުމާ އެކު، އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނީ އެވެ.
ސެމީ ފައިނަލްގައި ވަނީ ޑިއާޒް އަށް މުބާރާތުގައި ފުރަތަމަ ފަހަރަށް ގޯލެއް ނުޖެހި މެޗެއް ނިމިފަ އެވެ. ނަމަވެސް ޕެނަލްޓީ ޝޫޓައުޓްގައި އޭނާގެ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ފައިނަލް މެޗުގައި ނާކާމިޔާބާ އެކު ވެސް ފަސް ލަނޑާ އެކު މުބާރާތުގެ ރަން ބޫޓު ހާސިލް ކުރީ ޑިއާޒް އެވެ.
ސެނެގާލް މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގަ އެވެ. މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ވެސް ނައްޓާފައި މި ގޯލު ޖެހީ ވިޔަރެއާލަށް ކުޅޭ ފޯވާޑް ޕާޕޭ ގޫޔޭ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ މާނޭ އެވެ. އެންމެ މޮޅު ކީޕަރަކީ މޮރޮކޯގެ ޔަސީން ބޫނޫ އެވެ. ފެއާ ޕްލޭ ޓީމަކީ މޮރޮކޯ އެވެ.
މިއާ އެކު މޮރޮކޯ އިން ބައި ގަރުނަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބު ކުރަން ކުރި މަސައްކަތް މިވަނީ ނާކާމިޔާބު ވެފަ އެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ މޮރޮކޯ އެންމެ ފަހުން ޗެމްޕިއަންކަން ހޯދާފައި ވަނީ 1976ގަ އެވެ. އެއަށް ފަހު 2004 ގެ ފައިނަލްގައި ވަނީ ބަލިވެފަ އެވެ.
މިއީ ސެނެގާލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކާމިޔާބު ކުރީ 2021 ވަނަ އަހަރެވެ.
ސެނެގާލް ފައިނަލަށް ދަތުރު ކުރީ 2021 ގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަލިކުރި މިސްރު، ސެމީ ފައިނަލްގައި 1-0 އިން ބަލިކޮށްފަ އެވެ. މޮރޮކޯ ވަނީ ސެމީގައި 2023ގެ ރަނަރަޕް ނައިޖީރިއާ ބަލި ކޮށްފަ އެވެ.
ތިންވަނަ ހޮވި މެޗުގައި ނައިޖީރިއާ ވަނީ 0-0 އިން އެއްވަރު ވެގެން ޕެނަލްޓީގައި 4-2 އިން މިސްރު ބަލިކޮށްފަ އެވެ. މިސްރުގެ މުހައްމަދު ސަލާހާއި މުހައްމަދު މަރުމޫޝް ޕެނަލްޓީ ޝޫޓައުޓްގައި ފޮނުވާލި ބޯޅަ ވަނީ ނާކާމިޔާބު ވެފަ އެވެ.