މެޑްރިޑް (ފެބްރުއަރީ 2) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ރަޔޯ ވަޔެކާނޯއާ ވާދަކޮށް 100 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބު ކުރި ގޯލާ އެކު 2-1 އިން މޮޅު ވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް ވަނީ 15 ވަނަ މިނިޓުގައި ވިނީޝިއުސް ޖޫނިއާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޖޯޖް ޑި ފްރޫޓޯސް ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އެއަށް ފަހު ރެއާލަށް އަލުން ލީޑު ހޯދައިދޭން އެމްބާޕޭ ހުސްކޮށް ކުރިއަށް އަރައި ލިބުނު ފުރުސަތުގައި ކީޕަރު ކައިރިން ވެސް ނައްޓާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި މެޗުގެ 80 ވަނަ މިނިޓުގައި ވަޔެކާނޯގެ މިޑްފީލްޑަރު ޕާތޭ ސިސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
އެމްބާޕޭ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެފެން ދެއްކި އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ތިން މިނިޓު ފަހުން ވަޔެކާނޯގެ ޑިފެންޑަރަކަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މި މެޗުގެ 10 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމަށް ވަނީ އަނިޔާވެގެން ބަދަލު ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އޭނާއަށް ވަނީ ހޭމްސްޓްރިންގް އަނިޔާއެއް ކުރިމަތިވެފަ އެވެ. ނަމަވެސް އަނިޔާއާ ގުޅިގެން ރެއާލުން އަދި ތަފްސީލެއް ނުދެ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ވަނީ ލީގުގެ ދެވަނައިގައި އެއް ޕޮއިންޓްގެ ފަރަގު ދަމަހައްޓައިފަ އެވެ. ރެއާލަށް 22 މެޗުން 54 ޕޮއިންޓް ލިބިފައި ވާއިރު، އެއްވަނައިގައި އޮތީ 55 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ.
ބާސެލޯނާ ވަނީ ރަށުން ބޭރުގައި އެލްޗޭއާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ބާސާގެ ލަނޑުތައް ޖަހައިދިނީ ލަމީން ޔަމާލް އާއި ފެރާން ޓޮރޭޒް އަދި މާކަސް ރަޝްފޯޑެވެ.