ދުނިޔޭގައި މިހާރު ތަރައްގީ ވެފައިވާ ޓެކްނޮލޮޖީއާ އެކު ހަނދަށް ވެސް ދެވިދާނެ ކަމަށާއި އެކަމަކު ނުކުރެވޭ ކަމަކީ ފަލަސްތީނާއި ޔޫކްރޭނާއި ސޫދާނުގައި މީހުން މެރުން ހުއްޓުވުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޖޯސެފް ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި މިރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ވާހަކަ ދެއްކީ އިޖުތިމާއީ އަދުލުއިންސާފާ ގުޅޭ ގޮތުންނެވެ. ޕްރެސް ކޮންފަރެންސްގައި އޭނާގެ ފަރާތުން ފެނުނީ އެ މައްސަލަތަކާ މެދު ކަންބޮޑުވެ، ޖަޒުބާތުގެ އަސަރެވެ.

އެމެރިކާގެ އިމިގިރޭޝަނުން މިދިޔަ މަހު ހިންގި އޮޕރޭޝަނެއްގައި، އެ ގައުމުގައި މަސައްކަތް ކުރާ ނަރުހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ. އަދި މިދިޔަ މަހު ކުރީކޮޅު އަންހެނެއްގެ ގަޔަށް ވެސް ބަޑިޖަހައި މަރާލި އެވެ. އެ ދެ ހަމަލާ ވެސް ދިނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ. 

އެ މައްސަލާގައި ގާޑިއޯލާ ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ. އެކަން ދިފާއު ކުރެވޭނެ އެއްގޮތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

"ހިޔާލަށް ގެނޭ އެންއެޗްއެސް [އިނގިރޭސި ވިލާތުގެ ސިއްހީ އިދާރާ] ގައި މަސައްކަތް ކުރާ ނަރުހެއް. ހަ މީހުން އޭނާގެ ފަހަތުން ގޮސް ބަޑިޖަހައި މަރާލަނީ،" އެމެރިކާގެ ސިއްހީ އިދާރާގައި މަސައްކަތް ކުރާ ފިރިހެން ނަރުހެއް ކަމަށްވާ އެލެކްސް ޕްރެޓީގެ ގަޔަށް އެ ގައުމުގެ އިމިގްރޭޝަންގެ އޮފިޝަލުން ބަޑިޖަހައި މަރާލި ހާދިސާ އަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ. 

"އަހަންނަށް ބުނެދީ އެކަން ކިހިނެއް ދިފާއު ކުރާނީ؟" އޭނާ ސުވާލުކުރި އެވެ. 

ގާޑިއޯލާ ބުނީ އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރަން އަބަދުވެސް އޭނާ އެންމެ ކުރިއަށް ނުކުންނާނެ ކަމަށެވެ. 

"ފުރިހަމަ އެއްވެސް މުޖުތަމައެއް ނެތް. އެއްވެސް ތަނެއް ފުރިހަމައެއް ނޫން، އަހަރެން ފުރިހަމައެއް ނޫން، އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ ރަނގަޅުވާން. އެކަން ދިފާއު ކުރެވޭނީ ކާކަށް؟ އަހަރެން އަބަދުވެސް ހުންނާނީ އެކަންކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި،" ގާޑިއޯލާ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި، މިހާރު ދުނިޔޭގައި އޮތް ޓެކޮނޮލޮޖީއަކީ މީގެ ކުރިން އެއްވެސް ޒަމާނެއްގައި ވެސް ނުދެކޭހާ ބޮޑެތި ކުރިއެރުންތަކެކެވެ. އެކަމަކު ނުކުރެވޭ ކަމަކީ އެއް އިންސާނުން އަނެއް އިންސާނުން މެރުން ހުއްޓުވުން ކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ. 

"އެ ޓެކްޮނޮލިޖީގައި އަހަރެމެންނަށް ހަނދަށް ވާސިލުވެވިދާނެ، ހުރިހާ ކަމެއް ކުރެވޭނެ. އެކަމަކު އަދިވެސް މިވަގުތު ވެސް އަހަރެމެން އެކަކު އަނެކަކު މަރާލަނީ،" އޭނާ ބުންޏެވެ.

"އެ މަންޒަރުތައް ފެނުމުން ހިތާމަކުރަން. ހިތައް ތަދުވޭ. އަހަންނަށް ތަދުވޭ. އެހެންވެ ރަނގަޅު މުޖުތަމައަކަށް ވުމަށް [ވާހަކަ ދައްކައިގެން] އެހީތެރިވެދެވޭ ކޮންމެ ތަނެއްގައި ވެސް އަހަރެން މަސައްކަތް ކުރާނަން އަދި ދެމިހުންނާނަން."

ގާޑިއޯލާ ބުނީ އެ ޓެކްނޮލޮޖީގެ އެހީގައި އިންސާނިީ ތާރީހުގައި ވެސް މިހާރަށް ވުރެ ސާފުކޮށް ދުނިޔޭގައި ހިންގާކަންކަން ފެނުނު އެހެން ދުވަސްވރެއް ނެތް ކަމަށެވެ.

“ފަލަސްތީނުގައި ހިނގާ ނަސްލު ނައްތާލުމުގެ ހާދިސާ، ޔޫކްރޭންގައި ހިނގި ކަންތައްތައް، މުޅި ދުނިޔޭގައި ހިނގި ކަންތައްތައް – ސޫދާނުގައި، ހުރިހާ ތަނެއްގައި."