ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި ރެއާލް މެޑްރިޑުން އިސްނަގައިގެން އުފައްދަން އުޅުނު މުބާރާތުގެ މަސައްކަތް ހުއްޓާލައި ޔޫއެފާއާ އެކު އެއްބަސްވުމަކަށް ގޮސް ދެކޮޅުވެރިކަން ދޫކޮށްލައިފި އެވެ.

ޔޫރަޕްގެ ނުފޫޒުގަދަ 12 ކްލަބަކާ ގުޅިގެން 2021 ގައި އިއުލާން ކުރި ޔޫރަޕިއަން ސުޕަލީގު ނުފެށި ފެއިލްވީ ޔޫއެފާ އާއި ކްލަބްތައް ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުގެ ވަރުގަދަ ދެކޮޅުވެރި ފިޔަވަޅުތަކާ ހެދި އެވެ. އަދި އެކަމާ ދެކޮޅަށް އިނގިރޭސި ބައެއް ކްލަބްތަކުގެ ސަޕޯޓަރުންގެ ގުރޫޕްތަކުން ހަޅުތާލު ވެސް ކުރި އެވެ. 

އެ ޕްރެޝަރަށް ކެތް ނުވެ، 10 ކްލަބަކުން ސުޕަ ލީގުން ވަކި ވި އެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދެމިއޮތީ ރެއާލް މެޑްރިޑާއި ބާސޯލާނާ އެވެ. އެ މުބާރާތް ހުއްޓުވަން ޔޫއެފާއިން އިސްވެ އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހަޅައިގެން ރެއާލުން ކާމިޔާބު ހޯދި އެވެ. 

ފަހުން ރެއާލް އާއި ބާސެލޯނާގެ ދެމެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކުގައި އެ ކްލަބް ވެސް މުބާރާތުން ވަކިވި އެވެ. ރެއާލުން އެކަނިމާ އެކަނި ކޯޓު މަރުހަލާގައި ކުރި މަސައްކަތް ކާމިޔާބުވި ނަމަވެސް، މުބާރާތް ކުޅޭނެ އިތުރު ޓީމެއް ނެތުމުން، އެ މަސައްކަތް އަލުން ފެށުމުގެ ވިސްނުމެއް ރެއާލުން ނުގެންގުޅުނެވެ. 

އޭގެ ބަދަލުގައި އެ ޓީމުން ތައްޔާރުވީ ލިބުނު ގެއްލުމުގެ ބަދަލު ބިލިއަނުން ޔޫއެފާ އަތުން ހޯދުމަށެވެ. ބަދަލު ހޯދަން ކޯޓަށް ދާން، ފުރިހަމަކުރަން ޖެހޭ ގާނޫނީ މަސައްކަތް ވެސް ފެށިކަން ވެސް ރެއާލުން ކުރިން އިއުލާން ކުރި އެވެ.

ޔޫއެފާއާ އެކު ހެދި އެއްބަސްވުމާއެކު، ސުޕަ ލީގު އުފެއްދުމަށް ހުރަސްއެޅި މައްސަލައިގައި ރެއާލުން ޔޫއެފާއާ ދެކޮޅަށް ހުށަހަޅާފައިވާ ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމުގެ މައްސަލަތައް އަނބުރާ ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޔޫއެފާ އާއި ރެއާލުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ނިންމުމަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ކުރިއެރުމަށާއި، ކްލަބްތަކުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ފަހުން ދެ ފަރާތުން މަސައްކަތް ކުރާނީ ގުޅިގެން ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި އެއްބަސްވުމުގެ ބައެއް މުހިންމު ނުކުތާތައް:

  • ދައުވާތައް އަނބުރާ ގެންދިއުން: ސުޕަ ލީގުގެ މަޝްރޫއަށް ހުރަސްއެޅުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ރެއާލުން ކުރި ހުރިހާ ދައުވާތަކެއް ހުއްޓާލުން.
  • ޔޫއެފާގެ މުބާރާތްތަކަށް އިހުތިރާމްކުރުން: ޗެމްޕިއަންސް ލީގާއި ޔޫއެފާގެ އެހެނިހެން އުސޫލުތަކަށް ރެއާލް މެޑްރިޑުން ފުރިހަމައަށް ބޯލަނބާނެކަން ކަށަވަރުކޮށްދިނުން.
  • ސުޕަ ލީގުގެ ނިމުން: ބާސާ ވެސް މި މަޝްރޫއިން ވަކިވެފައިވާތީ، ރެއާލްގެ އެއްބަސްވުމާ އެކު ސުޕަ ލީގު އުފެއްދުމަށް ކުރި މަސައްކަތް ރަސްމީކޮށް ނިމުމަކަށް އައީއެވެ.

މި އެއްބަސްވުމަކީ ޔޫރަޕްގެ ފުޓްބޯޅައިގައި އުފެދިފައިވާ ބޮޑު ނުތަނަވަސްކަމަކަށް އައި ދާއިމީ ހައްލެއް ކަމަށް ކުޅިވަރުގެ ދާއިރާގެ މާހިރުން ދެކެއެވެ.