ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މާދަމާ ރޭ ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑް އެ މިނިސްޓްރީން ބާއްވާފައެއް ނުވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2022 ގައި ތައާރަފު ކުރި އެވޯޑުގެ ހަފުލާ ނުބާއްވަނީ މިދިޔަ އަހަރު އެކަންޏެވެ.
އެއާ އެކު، އާންމު އުސޫލަށް އެވޯޑް އަލުން ފައްތާ ނަމަ މި އަހަރު ސްޕޯޓްސް އެވޯޑްގެ ދެ ހަފުލާ ބާއްވަން ޖެހޭނެ އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، 2025 ގެ އެވޯޑް ހަފުލާ ވެސް މި އަހަރު ބާއްވާނެ ކަމަށެވެ.
"ވިސްނުމަކީ އަހަރުގެ ފަހުކޮޅު 2025 ގެ ހަފުލާ ބާއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބާއްވަންޖެހޭ 2024 ގެ ސްޕޯޓްސް އެވޯޑް ހަފުލާ މާދަމާ ރޭ ސޯޝަން ސެންޓަރުގައި ބާއްވަން ނިންމައި، ހަފުލާގެ ދައުވަތު ކުޅިވަރު ދާއިރާގެ ހިންގުންތެރިންނާއި އެތުލީޓުން އަދި މިީޑިއާތަކަށް ވެސް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ ފޮނުވައިފަ އެވެ.
ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ އޮކްޓޯބަރު 2024 ގަ އެވެ. އެއީ 2023 ގެ އެވޯޑް ހަފުލާ އެވެ. އެ އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ޓީޓީ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލެވެ.