ސަރުކާރުން މި ބިނާ ކުރަނީ ދެމެހެއްޓެނިވި ގޮތުގައި ކުޅިވަރު ކުރިއަރާނެ ވަރުގަދަ ނިޒާމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭ ވިދާޅުވެއްޖެ އެވެ. 

ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ކުޅިވަރު ކުރިއެރުމަށް ސަރުކާރުން ފަށާފައިވާ ކޮންމެ މަސައްކަތަކާއި ކޮންމެ ޕްރޮގްރާމަކީ ވެސް ދެމެހެއްޓެވިވި ގޮތުގައި ކުޅިވަރު ކުރިއެރާނެ ވަރުގަދަ ނިޒާމެއްގެ ދަށުން ހިންގާ ކަންތައްތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ  ކުޅިވަރަކީ ހަމައެކަނި މާލެ ސަރަހައްދަށް ހަނިވެފައިވާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އެކަން ބަދަލުކުރުމަށް އިންޓަނޭޝަނަލް ކުޅިވަރުގެ އެކި ހަރަކާތްތައް ބޭއްވޭނެ ފެންވަރަށް އަތޮޅުތަކުގެ ކުޅިވަރު ވަސީލަތްތައް ވެސް ތަރައްގީކުރާނެ ކަމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފުލާގައި ވިދާޅުވި އެވެ. 

"ކޮންމެ އަތޮޅެއްގައި ވެސް ހުނަރުވެރި ކުޅުންތެރިން އެބަތިބި އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ އެ ހުނަރުތައް ކުރިއެރުވުން. މިގޮތުން ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު މިކަން ހާސިލުކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިގެންދާނެ،" ރާފިއު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ކުޅިވަރުގެ އުމްރާނީ ވަސީލާތްތަކާއި ކުޅުންތެރިންނަށް ފޯރުކޮށްދެވޭ ތަމްރީނު ޕްރޮގްރާމްތައް މިހާރު ބައްޓަންކޮށްފައި ވަނީ މި ސަރުކާރުން އެކުލަވާލީ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ. 

ސްޕޯޓްސް މިނިސްޓަރު ރާފިއު: މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަނީ: މިނިސްޓަރު ވިދާޅުވީ 20 އަހަރުގެ ޕްލޭނަށް ވާސިލުވުމަށް އުއްމީދީ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
ސްޕޯޓްސް މިނިސްޓަރު ރާފިއު: މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަނީ: މިނިސްޓަރު ވިދާޅުވީ 20 އަހަރުގެ ޕްލޭނަށް ވާސިލުވުމަށް އުއްމީދީ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސްޕޯޓްސް މިނިސްޓްރީން ވަނީ 20 އަހަރުދުވަހުގެ ކުޅިވަރު މާސްޓާ ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ. 

"އަޅުގަނޑުމެންގެ ތަސައްވަރަކީ އަޅުގަނޑުމެން ބިނާ ކުރާ ކޮންމެ ތަނަކީ ހަމައެކަނި ކުޅިވަރު ކުޅޭނެ ތަނަކަށް ހެދުމެއް ނޫން. އަޅުގަނޑުމެން މި ބިނާ ކުރަނީ ދެމެހެއްޓެނިވި ގޮތުގައި ކުޅިވަރު ކުރިއަރުވާނެ ވަރުގަދަ ނިޒާމެއް،" މިނިސްޓަރު ވިދާޅުވި އެވެ. 

ކުޅިވަރުގެ ގައުމީ ތަރައްގީގެ ޕްލޭނުގައިވާ ގޮތުން ރާއްޖޭގެ އަމާޒަކީ ކުރިއަށް އޮތް 15 އަހަރުތެރޭގައި އޭޝިއަން ގޭމްސްއިން މެޑަލް ހޯދުމެވެ. އަދި 20 އަހަރުތެރޭ އޮލިމްޕިމްކްސް ގޭމްސްއިން މެޑައްޔެއް ހޯދުމެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި 2024 ގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޮލިމްޕިކްސް އަށް ކޮލިފައިވުމާއި މި އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ސާފިން ޓީމު ކޮލިފައިވެފައި ވުމަކީ، 15 ނުވަތަ 20 އަހަރު ފަހުން އެ ދެ ގޭމްސްއިން މެޑަލް ހޯދުމުގެ ޓާގެޓް ހާސިލުކުރުމަށް އެޅިގެން ދިޔަ އުއްމީދީ ފިޔަވަޅެއް ކަމަށެވެ. 

ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ފިރިހެން ޓީމުން ހޯދި ކާމިޔާބަށް އިޝާރާތްކޮށް މިނިސްޓަރު ވިދާޅުވީ ފުޓްސަލް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ އިންޑޯ އެރީނާގެ މަސައްކަތް މިއަހަރު ފެށުމަށް ބޭނުވް ފަންޑު ވެސް ހަމަޖެހިފައިވާ ކަމަށެވެ.