އުމުރުން ހަގު އިރު އިނގިރޭސި ބަސް ދަސް ނުކުރެވުމުން މިހާރު ދެރަވާ ކަމަށް ލިއޮނެލް މެސީ ބުނެފި އެވެ.
މެކްސިކޯގެ ޕޮޑްކާސްޓެއް ކަމަށްވާ "މީރޯ ޑޭ އަޓްރަސް" އަށް ދިން އިންޓަވިއުއެއްގައި، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ ވަނީ އޭނާގެ ހަޔާތުގައި ހިތާމަކުރާ ކަންތައްތަކެއް ހިއްސާކޮށްފަ އެވެ.
އެމެރިކާގެ އިންޓަ މަޔާމީގެ ކެޕްޓަން ބުނި ގޮތުގައި، އޭނާ އެންމެ ބޮޑަށް ހިތާމަކުރާ އެއް ކަމަކީ ކުޑައިރު އިނގިރޭސި ބަސް ދަސްކުރަން މަސައްކަތް ނުކުރެވުމެވެ.
އެކަމަށް ވަގުތު އޮތް ނަމަވެސް، އޭރު އެކަން ނުކުރެވުމަކީ މިއަދު އޭނާ ވަރަށް ބޮޑަށް ދެރަވާ ކަމެއް ކަމަށް އުމުރުން 38 އަހަރުގެ ފޯވާޑް ބުންޏެވެ.
"އަހަންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނު ދުނިޔޭގެ ނުފޫޒުގަދަ އަދި ތަފާތު ޝަޚުސިއްޔަތުތަކާ ބައްދަލުކޮށް ވާހަކަދައްކާލަން. އެކަމަކު ބަސް ނޭނގޭތީ، އެފަދަ ވަގުތުތަކުގައި އަހަންނަށް އިހުސާސް ކުރެވެނީ އަހަރެން މިއީ އެއްޗެއް ނޭނގޭ މީހެއްގެ ގޮތުގައި،" މެސީ ބުންޏެވެ.
"އަހަރެން އަބަދުވެސް ހިތަށް އަރާ، އަހަރެން މިއީ ކިހާ މޮޔަ މީހެއް ހޭ، ކިހާ ވަގުތެއް ބޭކާރު ކޮށްލެވިއްޖެ ހޭ."
މެސީ ބުނީ ޒުވާން އިރު މިފަދަ ކަންކަމުގެ މުހިންމުކަން އިހުސާސް ނުކުރެވޭ ކަމަށެވެ. އެހެންކަމުން، މިއަދު އޭނާގެ ދަރިންނަށް އަބަދުވެސް ތައުލީމު ހާސިލުކުރުމަށާއި، ކަންކަމަށް ތައްޔާރުވެގެން ތިބުމަށް ނަސޭހަތްތެރިވާ ކަމަށް ތިން ދަރިންގެ ބައްޕަ ބުންޏެވެ.
"އަހަރެން އަބަދުވެސް ދަރިން ގާތު ބުނަން ލިބޭ ފުރުސަތުގެ ބޭނުން ހިފަން. އެކުދިންނަށް މިއަދު އޮތް ފުރުސަތުތަކަކީ އަހަރެން ކުޑައިރު އޮތް ފުރުސަތުތަކެއް ނޫން،" މެސީ ބުންޏެވެ.
އުމުރުން 13 އަހަރުގައި އާޖެންޓީނާގެ ރޮސާރިއޯ އިން ބާސެލޯނާއަށް ބަދަލުވި މެސީ ބުނީ، އާޖެންޓީނާގައި އޭނާ ހޭދަކުރި ސްކޫލުގެ ފަހު އަހަރަކީ "ކާރިސާއެއް" ކަމަށެވެ.
ސަބަބަކީ އޭނާ ބާސެލޯނާއަށް ބަދަލުވާން އުޅޭކަން އޭރު އެނގޭތީ ކިޔެވުމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުން ކަމަށް، ދުނިޔޭފެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން ބުންޏެވެ.
ނަމަވެސް، ފަހުން ބާސެލޯނާގެ "ލަ މާސިއާ" އެކަޑަމީގައި އުޅެމުން އެހެން ކުދިންނާއެކު އޭނާ ވަނީ ހައި ސްކޫލް ނިންމާފަ އެވެ. އެކަމަކު އޭނާ ކިޔެވީ ސްޕެނިޝް ބަހެވެ.
މަޔާމީ އަށް 2023 ގައި ބަދަލުވި މެސީ ބުނީ، ފުޓްބޯޅައިގެ ސަބަބުން އޭނާގެ ދިރއުޅުމުގެ މުހިންމު ފިލާވަޅުތަކެއް ދަސްވި ކަމަށެވެ.