ތިން އަހަރަށް ފަހު ރާއްޖޭގެ އެފްއޭ ކަޕް ބާއްވަން އެފްއޭއެމުން ތައްޔާރު ވެފައި ވާއިރު، އަށް ކްލަބަކުން މުބާރާތުގައި ވާދަކުރާނެ އެވެ.
މީގެ ތިން އަހަރު ކުރިން، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މުބާރާތް ކާމިޔާބު ކުރީ މާޒިޔާ އެވެ. މާޒިޔާ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި 2-0 އިން ކްލަބް ވެލެންސިއާ ބަލި ކޮށްފަ އެވެ. މި އަހަރު ވެލެންސިއާ ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފަ އެވެ.
އަންނަ މަހުގެ 10 އިން 18 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އަހަރުގެ އެފްއޭ ކަޕްގައި ބައިވެރި ވެފައި ވަނީ ޕްރިމިއާ ލީގުގެ 10 ކްލަބްގެ ތެރެއިން ހަތް ކްލަބާއި، މިހާތަނަށް އަދި އެއްވެސް ޑިވިޝަނެއްގައި ކުޅެފައި ނުވާ ކްލަބެއް ކަމަށްވާ ބްލޫ ސްޕޯޓްސް ކްލަބެވެ.
ބްލޫ ސްޕޯޓްސް އަކީ ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަހްމަދު ވާސިފް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު އުފެއްދި ކްލަބެކެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގަ އެވެ. އެފްއޭ ކަޕް ވާނީ ފުޓްބޯޅައިގައި އެ ޓީމުގެ ރަސްމީ ފުރަތަމަ މުބާރާތަށެވެ.
މުބާރާތުގައި ދެން ވާދަ ކުރަނީ ނިއު ރޭޑިއަންޓް، އޮޑި ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ.
އެންމެ ފަހުގެ ރަނަރަޕް ވެލެންސިއާގެ އިތުރުން ޕްރިމިއާ ލީގުގައި ދެން ކުޅުނު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސް އެފްއޭ ކަޕްގައި ބައިވެރިއެއް ނުވެ އެވެ. މި ތިން ޓީމަކީ ވެސް ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ފުލަށް ދިޔަ ތިން ޓީމެވެ. މީގެ ތެރެއިން ވެލެންސިއާ އާއެކު ޔޫވީ ވެސް ވަނީ ރެލިގޭޓް ވެފަ އެވެ. ގްރީން އަށް ވަނީ ޕްލޭއޮފް ކުޅެން ޖެހިފަ އެވެ.
ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި އަށް ޓީމުގެ މެދުގައި ގުރު ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އަށް ޓީމާ އެކު ކުއާޓާ ފައިނަލުން މުބާރާތް ފެށުމަށް ހަމަޖެހިފައި ވާއިރު، އޭޕްރީލް 10 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަ ކުރާނީ އީގަލްސް އާއި ބްލޫ ސްޕޯޓްސް ކްލަބެވެ. އަދި އެ ދުވަހު ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އޮޑި އާއި ނިއު ރޭޑިއަންޓެވެ. ސެމީގެ ފުރަތަމަ މެޗުގައި އޭޕްރީލް 15 ވަނަ ދުވަހު ކުޅޭނީ މި ދެ މެޗުން މޮޅުވާ ދެ ޓީމުގެ މެދުގަ އެވެ.
ކުއާޓާގެ އަނެއް ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 11 ވަނަ ދުވަހު އެވެ. އެ ދުވަހު ފުރަތަމަ ބައްދަލުކުރާނީ ވިކްޓަރީ އާއި ޓީސީ އެވެ. އަދި އެ ދުވަހު ކުއާޓާގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސްއާ އެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމުގެ މެދުގައި ސެމީގެ ދެވަނަ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 15 ގަ އެވެ.
އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ތިން އަހަރު ވަންދެން، ނިއު ސަސްޕެންޑްކޮށްފައި އޮތުމުން އެ ޓީމުގެ ސަޕޯޓަރުންނާ ގުޅިގެން ވާސިފް ވަނީ ރޭޑިއަންޓްގެ ނަމުގައި ވެސް ކްލަބެއް އުފައްދައިފަ އެވެ. ނަމަވެސް ރޭޑިއަންޓަކީ އޭރު ސަސްޕެންޝަނުގައި އޮތް ނިއު ރޭޑިއަންޓް ރަމްޒު ކުރާ ކްލަބެއް ކަމަށް އެފްއޭއެމުން ނިންމުމުން، ރޭޑިއަންޓްގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު ވާސިފް އާއި އެ ކްލަބްގެ ބޯޑް އަލުން ނިއުއާ ހަވާލުވި އެވެ. އަދި ނިއު ސަސްޕެންޝަނުގެ ހާލަތުން ނެގުމަށް އޭނާ މުހިންމު ދައުރެއް އަދާކޮށް އަލުން ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު 2022 ގައި ނިއު އިން ހޯދީ ވެސް އޭނާގެ ޗެއާމަންކަމުގެ ދަށުންނެވެ.
ނިއުގެ މިހާރުގެ ޗެއާމަން އަހްމަދު މުބީން އެ ކްލަބާ ހަވާލުވާން ޝައުގުވެރިކަން ފާޅުކުރެއްވުމުން، އެ ފުރުސަތު ދިނުމުގެ ގޮތުން ވާސިފް އާ އެކު ނިއުގެ އޭރުގެ ބޯޑް އިސްތިއުފާ ދިނީ 2024ގަ އެވެ.