ނޮވެމްބަރު ފަހުކޮޅު ޓީސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް ބުނެފައި ވަނީ "ދެން ފެންނާނީ ތަފާތު ޓީސީއެއް" ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ނަފުސަށް ނެގި ޗެލެންޖަކަށް ވެދާނެ އެވެ. އެ ޗެލެންޖުގައި އޭނާ މުޅި ޓީސީ ބަދަލުކޮށްލި އެވެ.
ބޮޑު އިތުބާރަކާ އެކު ކުޅެމުން ދިޔަ މާޒިޔާގެ މޮޅުވުމުގެ ރޭހަށް ނިމުން ގެނައި ފުރަތަމަ ޓީމަކީ އާތީ އެވެ. ލީގުގެ ދެވަނަ ބުރުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު އެއް ޓީމަކީ ވެސް ޓީސީ އެވެ. ދެވަނަ ބުރުގައި އެ ޓީމުގެ ނުވަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. އެއް މެޗުން އެއްވަރުވި އެވެ. ބަލިވީ ތިން މެޗުންނެވެ.
އޭނާ ހަވާލުވި އިރު ޓީސީ އޮތީ ރެލިގޭޝަން ޒޯނުގެ އެންމެ ބިރުވެރި ހިސާބުގަ އެވެ. ސީދާ ރެލިގޭޓްވެދާނެކަމުގެ ބިރު އޮތް ޓީމުގެ ނަތީޖާތައް އަނބުރާލި އެވެ. ޓީސީ އަށް ގަދަ ހަޔަކަށް ނޭރުނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.
ބިދޭސީ ކޯޗުންގެ ޑޮމިނޭޝަން ވަރުގަދަ، މި ސީޒަނުގައި، އެ ކޯޗުންނާ ޗެލެންޖްކޮށްލެވޭނެ މަގާމެއްގައި ހުރި ހަމައެކަނި ދިވެހި ކޯޗަކީ އާތީ އެވެ.
އެފްއޭ ކަޕް ފައިނަލުގައި، ޓީސީ ގޮވައިގެން އޭނާ މިރޭ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ސީޒަނުގެ ފަހުކޮޅުގައި ކޯޗުކަމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ގެނައި ބަދަލާ އެކު، ނިއު ރޭޑިއަންޓްގެ އޭރުގެ ކޯޗު އަލީ ސުޒޭން ޓެކްނިކަލް ޑައިރެކްޓަރުކަމަށް ބަދަލުވި އެވެ. އޭރު ޓެކްނިކަލް ޑައިރެކްޓަރުކަމުގެ މަގާމުގައި ހުރި ފްރެންސިސްކޯ މެނުއަލް ކޮއިންޒޮސް ކޯޗު ކަމަށް ހަމަޖައްސައި، އޭނާގެ ފުރަތަމަ މުބާރާތުގެ ފައިނަލަށް ނިއު ވަނީ ގެންގޮސްދީފަ އެވެ.
ކުރިން ނިއު އަށް ކާމިޔާބު ހޯދައިދިން، އިންޑިއާގެ އީސްޓް ބެންގާލްގެ މިހާރުގެ ކޯޗު އޮސްކާ ބްރުޒޮން ބަރޭރަސްގެ ލަފާގެ މަތިން ނިއު އަށް ހަމަޖެއްސި ކޮއިންޒޮސް އަށް ރާއްޖޭގެ ފުޓްބޯޅައިގެ މައުލޫމާތުތައް އޮސްކާ ހިއްސާކުރާނެކަމަށް ބެލެވެ އެވެ. އެހެންވެ ރާއްޖެ އައި އިރު ވެސް ދިވެހި ފުޓްބޯޅައާ ބެހޭ ތަފުސީލީ މައުލޫމާތުތައް ކޮއިންޒޮސް އަތުގައި ހުންނާ އެވެ. އަދި ހެޑް ކޯޗުކަމާ ހަވާލުވުމުގެ ކުރިން ވެސް ލީގުގެ މެޗުތައް އޭނާ ބަލާފައިވުމުން، ހުރިހާ ޓީމެއްގެ ފެންވަރު އޭނާ އަށް އެނގޭނެ އެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީން އެންމެ ފަހުން ކުޅުނީ މީގެ ނުވަ އަހަރު ކުރިން 2017 ގަ އެވެ. އެ ފަހަރު ވެސް ފައިނަލުގައި ކުޅުނީ ނިއުއާ ދެކޮޅަށެވެ. އޮސްކާގެ ކޯޗުކަމުގެދަށުން ނިއުއިން އެ މުބާރާތް ކާމިޔާބު ކުރި އެވެ.
ނުވަ އަހަރު ފަހުން ނިއު ގޮވައިގެން ފައިނަލަށް ނުކުންނަނީ އޮސްކާގެ އެކުވެރިޔާ ކޮއިންޒޮސް އެވެ. މީގެ ނުވަ އަހަރު ކުރިން އޮތް ޓީސީ އާއި މިހާރު އޮތް ޓީސީއާ ތަފާތެވެ. ވަރުގަދަ ސްކޮޑެެއް އޭރު ޓީސީގައި އޮތެވެ. އެކަމަކު މިފަހަރު އެ ޓީމުގައި އޮތީ އާދައިގެ ސްކޮޑެކެވެ. ސީޒަންގެ ކުރީކޮޅު ނަތީޖާތައް ގޯސްކޮށް ގޮސްފައި އޮތް ޓީމާ އާތީ ހަވާލުވެ މުޅިން ބަދަލުކޮށްލި އެވެ.
އާދައިގެ ސްކޮޑަކާ އެކު ފައިނަލަށް ދަތުރު ކުރި އެވެ. އެ ޓީމުގެ ފަރާތުން އާތީ އެ ބުނި "ތަފާތު" ފެނިއްޖެ އެވެ. ވަރުގަދަ ފައިނަލެއްގައި، މިފަހަރު ސީޒަންގައި ފެނުނު ވަރުގަދަ އެއް ސްކޮޑް އޮތް ނިއު ރޭޑިއަންޓާ ޗެލެންޖް ކުރަން އާދައިގެ ސްކޮޑެއް އޮތް ޓީމަކާ އެކު އާތީ އެ ހުރީ ނުކުމެ އެވެ.