ކޮންކާކަފް ޗެމްޕިއަންސް ލީގުގައި އެލްއޭ ގެލެކްސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް، ޖަމައިކާގެ ކްލަބް މައުންޓް ޕްލެޒަންޓްގެ 10 ކުޅުންތެރިއަކަށް އެމެރިކާގެ ވިސާ ނުދިން މައްސަލަ ފެންމަތިވެއްޖެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގައުމުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓަށް ގެނައި "ހަރުކަށި" ބަދަލުތަކުގެ ސަބަބުން ކުރިމަތިވި މައްސަލައެކެވެ.

ބުދަ ދުވަހު ކުޅޭ މެޗަށް އެމެރިކާ އަށް ދަތުރު ކުރަން ވިސް ނުލިބުނު ކުޅުންތެރިންގެ ތެރޭގައި ހެއިޓީގެ ހަ ކުޅުންތެރިން ހިމެނެ އެވެ. ވަކި ގައުމުތަކެއްގެ ރަށްވެހިކަަން އޮންނަ މީހުންނަށް، ޓްރަމްގެ މި ސިޔާސަތުގެ ދަށުން އެމެރިކާ އަށް އެތެރެވުން މަނަލެވެ. އޭގެ ތެރޭގައި ހެއިޓީ ހިމެނެ އެވެ.

އެކަމަކު އެ ކްލަބްގައި ހިމެނޭ ޖަމައިކާގެ ބައެއް ކުޅުންތެރިންގެ ވިސާވެސް ވަނީ ބާތިލުކޮށްފަ އެވެ. މި ނިންމުމާއެކު ބައިނަލްއަގުވާމީ ކުޅިވަރުގެ ދާއިރާގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޓްރަމްޕްގެ އެ ސިޔާސަތު ހަރުކަށި ކަމަށް ބުނެ އެކި ޖަމާއަތްތަކުންނާއި އަމިއްލަ ފަރުދުން މީގެ ކުރިން ވެސް ވަނީ ފާޑު ކިޔާފަ އެވެ. އޭގެ ތެރޭގައި  ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ހިމެނެ އެވެ. 

ކެނަޑާގެ ރޭޑިއޯ އަށް މީގެ ކުރިން ދިން އިންޓަވިއުގައި ބްލެޓާ ވިދާޅުވީ ވަކި ގައުމުތަކެއްގެ މީހުންނަށް އެތެރެވުން މަނާކޮށްފައިވާ ގައުމެއްގައި ވޯލްޑް ކަޕް ބޭއްވުމަކީ ބޮޑު ގޯހެއް ކަމަށެވެ. 

އެމެރިކާގެ "ހަރުކަށި އެ ސިޔާސަތުތަކުގެ ސަބަބުން ކުޅިވަރުގެ ރޫހަށާއި ވޯލްޑް ކަޕަށާއި ފުޓްބޯޅަ އަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ބްލެޓާ  ފާހަގަކުރެއްވި އެވެ. 

މި މައްސަލަ ފެންމަތިވެފައި މިވަނީ ޖޫން، ޖުލައިގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށްވެސް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ހެއިޓީ، އީރާން، ސެނެގާލް އަދި އައިވަރީ ކޯސްޓް ފަދަ ގައުމުތަކުގެ ކުޅުންތެރިންނަށްވެސް މިފަދަ ހުރަސްތަކެއް ކުރިމަތިވެދާނެތީ، ކޮންކާކަފް އާއި ފީފާއިން ދަނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންނެވެ.