އިސްތަންބޫލް (މާޗު 11) - ތުރުކީގެ ގަލަތަސަރާއި ޗެމްޕިއަންސް ލީގުގައި މި ސީޒަންގައި ދެވަނަ ފަހަރަށް އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރެމްސް ޕާކުގައި ގަލަތަސަރާއި ކުރި ހޯދީ 1-0 އިންނެވެ. މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ ހަމަ މި ނަތީޖާއިންނެވެ.
މެޗުގެ ހަތްވަނަ މިނިޓުގައި ވިކްޓޯ އޮސިމްހެންގެ އެހީތެރިކަމާ އެކު، ގަލަތަސަރާއިގެ ހަމައެކަނި ލަނޑު ޖެހީ މާރިއޯ ލެމިނާ އެވެ.
ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނިޓު ތެރޭގައި އޮސިމްހެން އެ ޓީމަށް ލީޑު ފުޅާ ކޮށްދޭން ލަނޑެއް ޖެހި ނަމަވެސް އޮފްސައިޑް ކަމަށް ނިންމި އެވެ.
އޭގެ 10 ވަރަކަށް މިނިޓު ފަހުން އިބްރާހިމާ ކޮނާޓޭ ލިވަޕޫލަށް އެއްވަރު ކޮށްދޭން ޖެހި ގޯލުގައި ބޯޅަ އަތުގައި ޖެހުނު ކަމަށް ނިންމައި ގޯލު ބަލައިގެންފައެއް ނުވެ އެވެ. ދެ ގޯލު ވެސް ކެންސަލްކުރީ ވީއޭއާރު ރިވިއު އަށް ފަހު އެވެ.
މިއީ، މިދިޔަ ސީޒަންގައި ލިވަޕޫލާ ހަވާޅުވި ސްލޮޓް، އެ ޓީމަށް ކޯޗު ކޮށްދިން 100 ވަނަ މެޗެވެ.
"ގޯލު ބަލައިނުގަންނަން ނިންމި ނިންމުން ރަނގަޅު ކަމަށްވާ ނަމަވެސް ގޮތެއް ނިންމަން އުނދަގޫ ހާލަތެއް އެއީ. އެއާ މެދު ބައިވަރު މީހުންގެ ހިޔާލުތައް އަހަރެންނަށް އަޑު އިވިފައި އެބަހުރި. އެހާ ޔަގީން އެއްޗެއް ވެސް ނޫން، އެކަމު ބަލަމާ އެ ނިންމީ ރަނގަޅަށް ކަމަށް،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުންޏެވެ.
"ޕްރިމިއާ ލީގުގައި އޮންނަނީ ވަރަށް ބޮޑަށް ދޫދީފައި. އެހެންވެ އަހަރެން ހުރީ ހައިރާން ވެސް ވެފައި އެއީ ޕެނަލްޓީއަކަށް ނުވީމަ ވެސް. އެހެން ހާލަތްތަކުގަ އަހަރެމެންގެ ކުޅުންތެރިއަކު ފައުލެއް ކޮށްލާއިރަށް ރެފްރީ ވަރަށް ފޯރި ހުރި ކަށިގަނޑު ފުމެފައި އިދިކޮޅަށް ހިލޭޖެހުމެއް ދޭން."
އިސްތަންބޫލަކީ ލިވަޕޫލަށް ހާއްސަ ސިޓީއެކެވެ. ލިވަޕޫލް ވަނީ 2005 ގައި ފަހަތުން އަރައި އޭސީ މިލާން ބަލިކޮށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފަ އެވެ. ނަމަވެސް އިސްތަންބޫލުގައި ތުރުކީގެ ޓީމެއް ލިވަޕޫލަށް އަދި ބަލި ކުރެވިފައެއް ނުވެ އެވެ. އެ ފައިނަލްގެ ފަހުން އިސްތަންބޫލުގައި ލިވަޕޫލް މިހާތަނަށް ތުރުކީގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލި ވެފަ އެވެ.
ދެވަނަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެ އެވެ. އޭގެ ކުރިން ލިވަޕޫލް އަންނަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޓޮޓެންހަމްގެ ކީޕަރު 17 މިނިޓު ތެރޭ ބަދަކު ކޮށްފި
ޓޮޓެންހަމް ވަނީ ރޭ ރަށުން ބޭރުގައި ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގު މެޗުގައި 5-2 އިން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފަ އެވެ.
މި މެޗުގައި ޓޮޓެންހަމުން ވަނީ 17 ވަނަ މިނިޓުގައި އެ ޓީމުން ސްޓާޓް ކުރި ގޯލްކީޕަރު އެންޓޮނިން ކިންސްކީ ބަދަލު ކޮށްފަ އެވެ. އެތުލެޓިކޯ އިން 15 މިނިޓު ތެރޭ ތިން ގޯލު ޖެހި އިރު މި ގޯލުތައް މާކޮސް ލޮރެންޓޭ އާއި ހޫލިއަން އަލްވަރޭޒް އަދި އެންޓޮއިން ގްރީޒްމަން ކާމިޔާބު ކުރީ ކިންސްކީގެ ބޮޑެތި ގޯސްތަކެއްގެ ފައިދާ ނަގަ އެވެ.
ކިންސްކީގެ ބަދަލުގައި ޓޮޓެންހަމްގެ އެއްވަނަ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ އެރުވި އިރު، އެތުލެޓިކޯ ވަނީ މި ހާފުގައި އިރުރު ލަނޑެއް ވެސް ޖަހައިފަ އެވެ. ވިކާރިއޯ އެރިތާ ފަސް މިނިޓު ތެރޭ އެތުލެޓިކޯގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރޮބިން ލެ ނޯމަންޑެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ޕެޑްރޯ ޕޯރޯ ވަނީ ޓޮޓެންހަމަށް ލަނޑެއް ޖަހައިދީފަ އެވެ.
ދެވަނަ ހާފު ފެށީގެން 10 ވަނަ މިނިޓުގައި އެތުލެޓިކޯގެ ފަސްވަނަ ލަނޑު ވެސް ޖަހައިދިނީ އަލްވަރޭޒް އެވެ. އަދި މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ޕޯރޯގެ އެހީތެރިކަމާ އެކު ޓޮޓެންހަމްގެ ދެވަނަ ލަނޑު ޖެހީ ޑޮމިނިކް ސޮލަންކޭ އެވެ.