ޕެރިސް (މާޗު 12) - އެންމެ ފަހުގެ ޗެމްޕިއަންސް ލީގު އަދި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެގެން ވެސް ޗެމްޕިއަންކަން ހޯދި ޕީއެސްޖީން، ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި، ދުނިޔޭގެ ޗެމްޕިއަން ޗެލްސީ 5-2 އިން ބަލި ކޮށްފި އެވެ.

ޗެލްސީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޖުލައި މަހު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި 3-0 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުން ބަލި ވުމުން އޭގެ ހިތްދަތިކަން ފިލުވާލަން ޕީއެސްޖީ ބޭނުންވީ ނޮކައުޓް ބުރުގައި ޗެލްސީއާ ވާދަ ކުރަން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފައި ވެ އެވެ. އަދި އޭނާ ބޭނުންވި ގޮތަށް ގަދަ 16 ގައި ގުރުއަތުން ދިމާވީ ވެސް ޗެލްސީއާ ދެކޮޅަށް ކުޅޭށެވެ.

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ލެގުގައި ޕީއެސްޖީ މި ވަނީ އަމިއްލަ ދަނޑުގައި ތިން ގޯލުގެ ތަފާތަކުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޗެލްސީއަށް ކުރި ހޯދުމުގެ ފުރުސަތެއް ނުދިނެވެ. އެގޮތުން 10 ވަނަ މިނިޓުގައި ބްރެޑްލީ ބާކޯލާ ޖަހައިދިން ގޯލަކުން އެ ޓީމު ލީޑު ނެގި އެވެ. މެޗުގެ 28 ވަނަ މިނިޓުގައި މާލޯ ގުސްޓޯ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، 40 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ވަނީ އަލުން ޕީއެސްޖީއަށް ލީޑު ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން 12 ވަނަ މިނިޓުގައި ޗެލްސީ ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. ނަމަވެސް ޗެލްސީއަށް އިތުރަކަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ޕީއެސްޖީއަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ ވިޓީނިއާ އެވެ. އަދި ފަހު ދެ ލަނޑު އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ޖަހައިދިނީ ކިވިޗާ ކްވަރަޓްސްކޭލިއާ އެވެ. އޭނާގެ ފުރަތަމަ ލަނޑު 86 ވަނަ މިނިޓުގައި ޖެހި އިރު، ފަހު ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގަ އެވެ.

އިތުރު ވަގުތުގައި ޗެލްސީގެ ޕެޑްރޯ ނެޓޯ، އެއްލުމަކަށް ބޭރުވި ބޯޅަ އަވަހަށް ހޯދަން އުޅުމުގެ ތެރޭގައި ބޯލްބޯއީއެއް ކޮއްޕާލުމުން ވަގުތުކޮޅެއް ހޫނުކޮށް ދިޔަ ނަމަވެސް، ނެޓޯ ވަނީ އެއީ މެޗުން ބަލިވަމުން ދިޔަ ވަގުތުގައި ޖަޒުބާތުގައި ޖެހިގެން ކުޑަކޮށް ކޮއްޕާލެވުނީ ކަމަށް ބުނެފަ އެވެ. އަދި މެޗަށް ފަހު ބޯލްބޯއީއާ ބައްދަލުކޮށް މާފަށް އެދި، މެޗުގައި ނެޓޯ ލީ ޖޯޒީ ވެސް ސޮއި ކޮށްފައި އޭނާއަށް ދިން ކަމަށް ނެޓޯ ވަނީ އިންޓަވިއުއެއްގައި ބުނެފަ އެވެ.

ޗެލްސީގެ އެއްވަނަ ކީޕަރު ރޮބާޓް ސަންޗޭޒްގެ ބަދަލުގައި ރޭގެ މެޗުގައި ކުޅުނީ ފިލިޕް ޖޯގެންސެން، މެޗަށް ފަހު މާޔޫސް ވެގެން ސީދާ ޗޭންޖިން ރޫމާ ދިމާއަށް ދާން އުޅުނު ވަގުތު، ސަންޗޭޒް ވަނީ އޭނާއަށް ހިތްވަރު ދީ، ޗެލްސީއަށް ތަރުހީބު ދޭން ކުރަން ފްރާންސަށް ދިޔަ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ފޮނުވައިފަ އެވެ.

ޕީއެސްޖީން ތިންވަނަ ފަހަތަހަރަށް ލީޑު ނެގީ ޖޯގެންސެން އަށް ހެދުނު ގޯހަކުންނެވެ. އަދި ބަދަލު ކުޅުންތެރިޔާ ފަހު ވަގުތު ދެ ގޯލު ޖެހުމުން ޗެލްސީގެ ކުޅުންތެރިން މާޔޫސްވެ، ކޮންސެންޓްރޭޝަން ގެއްލިފައިވާ މިންވަރު ވަރަށް ބޮޑަށް ފެނުނެވެ.

ޗެލްސީގެ ކޯޗު ލިއަމް ރޮސޭނިއޯ ވަނީ މި ކަމުގައި އޭނާ ޒިންމާ ނަގާކަމަށް ބުނެފަ އެވެ.

ކުރިއަށް އޮތް ގަދަ 16 ގެ ދެވަނަ ލެގު ޗެލްސީގެ ދަނޑުގައި އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރޭ ކުޅޭނެ އެވެ.