ބެޔާންގެ ޖޯސިޕް ސްޓެންސިކް، ޗެލްސީގެ ޕާމާ އަތުން ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ
18 ސެޕްޓެމްބަރ 2025 - 10:38
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެޔާން މިއުނިކުން 3-1 އިން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި އެވެ.
މިއުނިކްގެ އެލިއެންޒް އެރީނާގައި ކުޅުނު މެޗުގައި ބެޔާނަށް ލީޑު ލިބުނީ 20 ވަނަ މިނިޓުގައި ޗެލްސީގެ ޓްރެވޯ ޝަލަބާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މޮއީސެސް ކައިސޭޑޯ، ހެރީ ކޭން އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން ބެޔާން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މި ޕެނަލްޓީ ޖެހީ ހެރީ ކޭން އެވެ.
އޭގެ ދެ މިނިޓު ފަހުން ކައުންޓާ އެޓޭކެއްގައި މާލޯ ގުސްތޯގެ ޕާކަހުން ކޯލް ޕާމާ ވަނީ ޗެލްސީއަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް ޗެލްސީއަށް މާ ގިނަ ފުރުސަތުތަކެއް ނުދީ މެޗުގެ 63 ވަނަ މިނިޓުގައި ކޭން ވަނީ ދެ ވަނަ ގޯލެއް ޖަހައި އިތުބާރު ބޮޑު ކޮށްފަ އެވެ.
ހެރީ ކޭން ބެޔާނަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ޕާމާ ބެޔާންގެ ގޯލަށް އިތުރު ބޯޅައެއް ވައްދާލައި އުންމީދެއް ހޯދައިދެވުން ކަމަށް ހީކުރެވުނަސް، ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި އޭނާ އޮފްސައިޑް ކަމަށް ނިންމައި ގޯލު ކެންސަލް ކޮށްފަ އެވެ.
މިއީ އެންމެ ފަހުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ޗެލްސީ މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗެވެ. އިނގިރޭސި ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ވަނީ ދެ މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރު ކޮށްފަ އެވެ.
ޗެލްސީ އަތުން ހޯދި މި މޮޅާ އެކު ބެޔާން ވަނީ އެ ޓީމު މި ސީޒަންގައި މިހާތަނަށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ޖަރުމަން ލީގުގައި ވެސް މިހާތަނަށް ކުޅުނު ތިން މެޗު އެ ޓީމު ވަނީ ކާމިޔާބު ކޮށްފަ އެވެ.
ރާމޯސް، ޕީއެސްޖީގެ ފަހު ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފަ އެވެ. ޕީއެސްޖީ ވަނީ ރޭ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ.
އަމިއްލަ ދަނޑުގައި ޕީއެސްޖީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ މާކީނިއޯސް އާއި ކިވިޗާ ކްވަރަޓްސްކޭލިއާ އަދި ނޫނޯ މެންޑޭޒްގެ އިތުރުން ގޮންސާލޯ ރާމޯސް އެވެ.
އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީއާ އަތުން ބަލިވި އިންޓަ މިލާން ވެސް ވަނީ ރޭގެ މެޗު ކާމިޔާބު ކޮށްފަ އެވެ. އަޔަކްސްއާ ވާދަކޮށް އިންޓަ މޮޅުވީ މާކަސް ތުރާމްގެ ގޯލުތަކުން 2-0 އިންނެވެ.
މީގެ އިތުރުން ލިވަޕޫލް ވަނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ވާޖިލް ވެން ޑައިކްގެ ގޯލަކުން 3-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ.
އެންޑީ ރޮބާޓްސަން އާއި މުހައްމަދު ސަލާހުގެ ގޯލަކުން މެޗުގެ ހަ މިނިޓު ތެރޭގައި ލިވަޕޫލް ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް، އެތުލެޓިކޯއަށް އެއްވަރު ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ. ލޮރެންޓޭ އެ ޓީމަށް ފަރަގު ކުޑަ ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އަދި އެއްވަރު ކުރި ލަނޑު ޖެހީ 81 ވަނަ މިނިޓުގަ އެވެ. ވެން ޑައިކް ލިވަޕޫލް މޮޅު ކޮށްދިނީ އިތުރު ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy