އާސެނަލްގެ ޒުވާން ތަރި މެކްސް ޑޯމަންގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި، އޭނާގެ އާއިލާއިން ފީފާގެ އެޖެންޓް ލައިސެންސް ހޯދައިފި އެވެ.
ފުޓްބޯޅައިގެ އުއްމީދީ ތަރިއެއްގެ ގޮތުގައި މިހާރު ވެސް ފުޓްބޯޅަ ތަޖުރިބާކާރުން ބަލައިގެންފައިވާ ޑޯމަންގެ ކެރިއާ ގުޅޭ ނިންމުންތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެޖެންޓް ކުންފުނިތަކުން ހުށަހެޅި ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެ އެވެ. ނަމަވެސް އެ ހުށަހެޅުންތަކަށް ފުރަގަސްދީ ޑޯމަންގެ އާއިލާއިން ނިންމީ 16 އަހަރުގެ ކުޅުންތެރިޔާގެ ކރިމަގާ ގުޅޭ އެންމެހާ ކަމެއް އެ އާއިލާއިން ބެލެހެއްޓުމަށެވެ.
އެހެންވެ އޭނާގެ ބައްޕަ ރޮބް އަދި ބޭބެ އީތަން ވަނީ ފީފާއިން ދޭ އެޖެންޓް އިމްތިހާން ފުރިހަމަކޮށް، ރަސްމީކޮށް ފުޓްބޯޅަ އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީ ވެފަ އެވެ.
ފަހަކަށް އައިސް ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން އަމަލުކުރަމުންދާ ގޮތަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. މަޝްހޫރު ލިއޮނެލް މެސީ އާއި ނޭމާ އަދި ރެއާލް މެޑްރިޑްގެ ކިލިޔަން އެމްބާޕޭގެ އެޖެންޓުންގެ ދައުރު އަދާކުރަނީ އާއިލާއިންނެވެ.
ޑޯމަންގެ ބައްޕަ ރޮބް އަކީ އިންޝުއަރެންސް ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާގެ ބޭބެ އީތަން އަކީ އިގްތިސާދީ ދާއިރާއިން ކިޔަވައިގެން ހުރި މީހެކެވެ. އެހެން އެޖެންޓަކަށް ބަރޯސާވުމުގެ ބަދަލުގައި، ޑޯމަންގެ ކޮންޓްރެކްޓްތަކާއި ވިޔަފާރީގެ މުއާމަލާތްތައް ރަނގަޅަށް ރާވައި ބެލެހެއްޓުމުގެ ގާބިލުކަން އޭނާގެ އާއިލާގެ ކިބައި ހުރި ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.
މީގެ ކުރިން އާސެނަލްއާއެކު ޑޯމަން ސޮއިކުރި ޕްރީ-ކޮންޓްރެކްޓްގެ މުއާމަލާތްތައް ކުރިއަށް ގެންދިޔައީ ގެންގޮސްފައިވަނީ ލޯ ފާމެއް މެދުވެރިކޮށެވެ.
ޕްރިމިއާ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ދާދިފަހުން ހޯދި ޑޯމަންގެ ކުރިމަގާ މެދު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހުރީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ.
ނަމަވެސް، އެހާ ޒުވާން އުމުރެއްގައި މީޑިއާގެ ސަމާލުކަން އޭނާއަށް މާ ބޮޑަށް ލިބުމަކީ އޭނާގެ ކުރިއެރުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބަލައި، އާޓެޓާ ވަނީ އެކަމަށް ސަމާލުވެގެން ހުރި ކަމަށް ކުރިން ބުނެފަ އެވެ.
އިލާގެ ބެލުމުގެ ދަށުން އޭނާގެ ކެރިއަރު މެނޭޖްކުރުމަކީ ޕްރެޝަރު ކުޑަވެ، ފުޓްބޯޅައަށް ސަމާލުކަން ދިނުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން ވަނީ ބުނެފަ އެވެ.