ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އޮވެ، ހަތަރުވަނަ ޑިވިޝަނުގެ ކްލަބެއް އަތުން ބަލިވެ އިނގިރޭސި ލީގު ކަޕުން ކެޓި ފުރަތަމަ ޓީމަކަށް އާސެނަލް ވެއްޖެ އެވެ.
ލީގު ކަޕްގައި ރޭ، އިނގިރޭސި ލީގު 2 (ހަތަރުވަނަ ޑިވިޝަން) ގެ ކްލަބް، ފްލީޓްވުޑް ޓައުންއިން ވަނީ ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ވެފައި ވަނީ، ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި އޮވެ، ހަތަރުވަނަ ޑިވިޝަން ޓީމެއް އަތުން ބަލިވެ އިނގިރޭސި ލީގު ކަޕުން ކެޓީ ފުރަތަމަ ޓީމަށެވެ.
އާސެނަލްގައި އޮތީ އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް އަގުބޮޑު ސްކޯޑެކެވެ. އެއާ ހިލާފަށް ފްލީޓްވުޑްގެ ސްކޮޑްގެ ޖުމުލައަކީ 2.8 މިލިއަނެވެ.
އެކަމަކު، މެޗުގައި އާސެނަލްގެ ފަރާތުން އެ ވެލިއުއެއް ނުފެނުނެވެ. ނަތީޖާގައި ކުރީ ހޯދީ ފްލިޓްވުޑުންނެވެ.
ފްލީޓްވުޑްގެ ހައިބަރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ފްލީޓްވުޑުން ވަނީ 5-3 އިން އާސެނަލް ބަލިކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އާރޮން ލޫޕާލޯ ޖެހި ލަނޑުން ފްލީޓްވުޑުން ލީޑް ނެގި އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އާސެނަލްގެ ތަރި ވިކްޓާ ޔޮކަރޭސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އާސެނަލުން ފްލީޓްވުޑްގެ ގޯލަށް 18 ހަމަލާ ފޮނުވާލި އެވެ. ނަމަވެސް އެ ޓީމުގެ ވަރުގަދަ ޑިފެންސާއި ކީޕަރު ޖޭ ލިންޗްގެ މުހިންމު ހަތަރު ސޭވުން އާސެނަލަށް އިތުރު ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލި އެވެ. މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑޯމަންއަށް ސީދާ ރަތް ކާޑެއް ދެއްކުމުން، އެ ޓީމުން މެޗު ނިންމާލަންޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ލީގު ކަޕްގެ ފުރަތަމަ ބުރުތަކުގައި އިތުރު ވަގުތު ނުކުޅޭތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓުންނެވެ. ފްލީޓްވުޑުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ގޯލަށް ވައްދާލި އެވެ. އާސެނަލް މުބާރާތުން ކެޓީ އެ ޓީމުގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭޝް ފޮނުވާލި ޕެނަލްޓީ ކީޕަރު ލިންޗް ދިފާއު ކުރުމުންނެވެ.