އާސެނަލްގެ 15 އަހަރުގެ ފޯވާޑް މެކްސް ޑައުމަން: އާޓެޓާ ބުނީ އޭނާ އަށް އިތުބާރު ކުރާ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް
29 އޮކްޓޯބަރ 2025 - 10:17
އިނގިރޭސި ލީގު ކަޕްގައި އާސެނަލުން ކުޅޭ މެޗުގައި އުމުރުން 15 އަހަރުގެ ފޯވާޑް މެކްސް ޑައުމަން އަށް ފުރުސަތު ދޭން ތައްޔާރަށް ހުރި ކަމަށް އެ ޓިމުގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލުން އަމިއްލަ ދަނޑުގައި މިރޭ ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
އާޓެޓާ ބުނީ ޓީމުގެ ޕްރެކްޓިހުގައި ޑައުމަން ކުރާ މަސައްކަތަށް ބަލައިފިނަމަ މެޗުން އޭނާ އަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ޕްރީ ސީޒަންގައި އާސެނަލްގެ ސީނިއާ ޓީމާ އެކު ދެއްކި ކުޅުމާ އެކު އާޓެޓާ ވަނީ އޯގަސްޓް މަހު ޕްރިމިއާ ލީގުގެ މެޗަކުން ވެސް އޭނާ އަށް ފުރުސަތު ދީފަ އެވެ. އެ ކްލަބްގެ ސީނިއާ ޓީމާ އެކު އެންމެ ފަހުން އޭނާ މެޗެއް ކުޅުނީ ލީގު ކަޕްގައި ސެޕްޓެމްބަރު މަހު ކުޅުނު މެޗުގަ އެވެ.
އާޓެޓާ ބުނީ ޑައުމަން ކުރިއެރުން ހޯދަމުން އަންނަ ގޮތް، އާސެނަލުގެ ކޯޗުން ޓީމުން ގާތުން ބަލައި އެނަލައިޒް ކުރަމުން އަންނަ ކަމަށެވެ.
"އޭނާ [ޑައުމަން] ގެ ކުރިއެރުމަށް އަހަރެމެން ރާވާފައި އޮތް ގޮތަށް ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި ކަންކަން ހިނގާފައިވާތީ ހަގީގަތުގައި ވެސް އަހަރެން ވަރަށް ހިތްހަމަ ޖެހޭ. ޔޫތު ކަޕްގައި ވިޔަސް، 21 އަހަރުން ދަށުގެ ކުޅުންތެރިންނާ އެކު ވިޔަސް އަދި އަހަރެމެންނާ އެކު ވިޔަސް އޭނާ އަށް ފުރުސަތު ލިބޭ އަދި ޓްރެއިނިން ސެޝަންތަކުގައި ވެސް އޭނާ އަށް ވަރަށް ގިނަ ތަޖުރިބާ ލިބޭ،" އާޓެޓާ ބުންޏެވެ.
" ގައުމީ ޓީމުގައި ތަފާތު ދެ އުމުރުފުރައެއްގައި ކުޅެ، އަދި އަހަރެމެންނާ އެކު ވަރަށް ގިނަ އާ ކަންތައްތަކެއް އޭނާ އަށް ކުރިމަތިކުރުވާނެ. ދެން އެހެން ޓީމަކާ އެކު މެޗުތަކަށް އޭނާ ތައްޔާރު ކުރުން. އެއީ ވަރަށް ގިނަ ކަންތައްތަކެއް. އެކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ. އޭނާ އަހަރެމެންނާ އެކު ކުޅެން ވަގުތުކޮޅެއް ލިބޭނެ. އެއީ ޔަގީންކަމެއް. އަދި އެކަން ކުރުމުގެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަން ޖެހޭނެ."
ޑައުމަން މިހާރު ވަނީ އާސެނަލްއާ އެކު ސްކޮލާޝިޕް އެއްބަސްވުމަކަށް އާނބަސް ބުނެފަ އެވެ. އެ އެއްބަސްވުން ހަމަވާނެ ކަމަށް ޑައުމަންގެ އާއިލާ އާއި އާސެނަލްގެ މެނޭޖްމެންޓާ އެކު އެއްބަސްވެފައި ވަނީ އޭނާ އަށް 17 އަހަރުފުރޭ ދުވަހު އެވެ.
ސްކޮލާޝިޕްގެ އެއްބަސްވުމުގެދަށުން އޭނާގެ ކިޔެވުމާއި ކުޅިވަރުގެ ހުރިހާ ކަމަކަށް ހަރަދުކުރާނީ އާސެނަލުންނެވެ. ޑައުމަން އާސެނަލްގެ އެކަޑަމީއާ ގުޅުނީ އޭނާގެ އުމުރުން ފަސް އަހަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy