ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ލީޑު ގައި އޮއްވައި، ސްރީ ލަންކާ އަތުން 3-2 އިން ބަލިވި ބަލިވުމަކީ ދިވެހި ޓީމު ފެށި ދަތުރުން ލިބިދިން ފިލާވަޅެއް ކަމަށާއި މިއިން އިބުރަތް ހާސިލް ކޮށްގެން ކުރިއަށް ދިޔުން މުހިއްމު ކަމަށް ހެޑް ކޯޗު އިސްތަވާން އުރުބާނީ ރޭ ބުނެފި އެވެ.
މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު ބުނީ މިއީ ހިތްދަތި ނަތީޖާއެއް ކަމަށް ވިޔަސް ފިލާވަޅު ލިބިގެން ކުރިއަށް ދާން ކުޅުންތެރިންނަށް ބާރު އަޅަންޖެހޭ ކަމަށެވެ.
"މިއީ ހަޔާތުން ފިލާވަޅެއް. ގޯސް ހެދޭ ނަމަ އެ ކަންކަން އަވަހަށް ދަސްކުރެވޭނެތޯ އެއީ އެންމެ މުހިއްމު ސުވާލަކީ،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނި ގޮތުގައި، ލަންކާ އިން ރާއްޖޭގެ ގޯލްގެ ދާގަނޑަށް އަމާޒުކުރި ގޯލުތަކަކީ އާދައިގެ ގޯސްތަކަކުން ވަން ގޯލުތަކެކެވެ.
އޭނާ ދެކޭގޮތުގައި، ލަންކާއާ އެކު ކުޅުނު މެޗުގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ލަންކާގެ ފިޒިކަލް އެޕްރޯޗެވެ.
މެޗުން ނުކުތް ނަތީޖާ އަށް އެކަނި ވިސްނުމުގެ ބަދަލުގައި އަމާޒަކަށް ވާންވީ ކުޅުންތެރިންގެ މުސްތަގުބަލަށް ކަމަށް ކޯޗު ފާހަގަ ކުރި އެވެ. ކުރިމަގަށް އެންމެ ރަނގަޅަށް ކުޅުންތެރިން ބައްޓަން ކުރެވޭނީ އުނދަގޫ ހާލަތްތަކުން އިބުރަތް ލިބިގަނެ، އެ ކުޅުންތެރިންނަށް ހެދޭ ގޯސްތަކުން ކުރިމަތިވާ ޕްރެޝަރާ އެކު ވެސް ކުރިޔަށް ދާން ދަސްކޮށްދީގެން ކަމަށް ކޯޗު ބުންޏެވެ.
މެޗުގެ ފަހު ވަގުތުކޮޅު ދިވެހި ޓީމުން ވަނީ ގޯލެއް ޖަހައި މަދުވެގެން ޕޮއިންޓެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ގޯލުގެ ހުރަސް ދަނޑިއަށް ވެސް ހަމަލާއެއް އަމާޒުވި ނަމަވެސް މެޗު ނިމުނީ އިތުރު ގޯލެއް ނުޖެހި އެވެ.
މި ވަގުތުކޮޅު ކުޅުންތެރިންގެ ފަރާތުން ފެނުނީ ކުޅުންތެރިންގެ ގާބިލް ކަމުގެ ކުޑަ މިންވަރެއް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އެ ވިސްނުމުގައި ކުޅެން އާދަ ވެއްޖެ ނަމަ ޓީމަށް ކުރިއެރުން ލިބޭނެ ކަމަށް އުރުބާނީ ފާހަގަކުރި އެވެ.
އުރުބާނީ ވަނީ ސަޕޯޓަރުން ކިބައިން ވެސް މި ނަތީޖާއިން މާޔޫސް ނުވާން އެދިފަ އެވެ. އޭނާ ބުނީ ކެތްތެރިކަން އިސް ކުރުމަށާއި، މިއީ އުޖާލާ މުސްތަގުބަލެއް އޮތް ޓީމެއްގެ ފެށުން ކަމަށެވެ.