އެގޮތުން އެއް ދުވަހެއްގެ ތެރޭގައި އައިޕީއެލްގެ ދެ ޓީމެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުތަކެއްގައި އެމެރިކާގެ ދެ ކޮންސޯޓިއަމަކުން ގެނެފި އެވެ.
މިއީ އައިޕީއެލްގެ ތާރީހުގައި ވެސް ޓީމެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ. މި މުއާމަލާތްތަކުން ދައްކުވައިދެނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ކްރިކެޓް ފޯރިއަށް ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރުކަން އެސޯސިއޭޓެޑް ޕްރެސްއިން ބުންޏެވެ.
ފުރަތަމަ އެއްބަސްވުމަކީ ރާޖަސްތާން ރޯޔަލްސް 1.63 ބިލިއަން ޑޮލަރަށް ގަތުމަށް އެމެރިކާގެ މަހަޖަނުން ކަމަށްވާ ކަލް ސޯމާނީ އާއި ވޯލްމާޓްގެ ކުރީގެ ޗެއާމަން ރޮބް ވޯލްޓަންގެ ކޮންސޯޓިއަމަކުން ހެދި ޑީލެވެ.
ނަމަވެސް މި ރެކޯޑް މާ ގިނަ އިރަކު ދެމިއެއް ނޯތެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އެންމެ ފަހުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) 1.78 ބިލިއަން ޑޮލަރަށް ވިއްކާލިކަން ވަނީ އިއުލާންކޮށްފައެވެ. މި ޓީމު ގަތީ އެމެރިކާގެ ބިލިއަނަރު ޑޭވިޑް ބްލިޓްޒާގެ ބޯލްޓް ވެންޗާސް އާއި އެސެޓް މެނޭޖަރެއް ކަމަށްވާ ބްލެކްސްޓޯން ހިމެނޭ ކޮންސޯޓިއަމަކުންނެވެ.
އައިޕީއެލްގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ބްރޯޑްކާސްޓް ރައިޓްސް އިން ލިބޭ ބޮޑު އާމްދަނީއެވެ. އަންނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ މިހާރުގެ މީޑިއާ ރައިޓްސް ޑީލް ވިއްކާލާފައިވަނީ 6.4 ބިލިއަން ޑޮލަރަށެވެ. އެމެރިކާގެ މާކެޓަށް ކްރިކެޓް ފުޅާވަމުން ދިއުމަކީ ވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާ ސަބަބެކެވެ.