ޕާކިސްތާން ސުޕަ ލީގު (ޕީއެސްއެލް) ގެ އިސްލާމްއާބާދު ޔުނައިޓެޑަށް ކުޅެން އެއްބަސްވުމަށްފަހު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ކޮލްކަޓާ ނައިޓް ރައިޑާސްއާ ގުޅުމުން ޒިމްބާބްވޭގެ ބާރު އުކުންތެރިޔާ ބްލެސިން މުޒަރަބާނީ ދެ އަހަރަށް ޕީއެސްއެލްއިން ސަސްޕެންޑްކޮށްފި އެވެ.
ކްރިކެޓްގެ ވާދަވެރި ލީގުތައް ކަމަށްވާ އައިޕީއެލް އަދި ޕީއެސްއެލް ފެށުމުގެ ކުރިން، މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކެއް އެއްވެ، ކުޅުންތެރިން ގަތުމުގެ ރަސްމިއްޔާތެއް ބާއްވަ އެވެ. މުޒަރަބާނީގެ ނަން މި ދެ ލީގުގެ ނީލަމަށް ވެސް ހުށަހެޅުނެވެ. ނަމަވެސް އެ ރަސްމިއްޔާތު ނިމުނު އިރު ވެސް އެއްވެސް ޓީމަކުން އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގެއް ހުށަހަޅާފައެއް ނުވެ އެވެ.
އެކަމަކު ފަހުން އިސްލާމްއާބާދުން ވަނީ އުމުރުން 29 އަހަރުގެ މުޒަރަބާނީ ސޮއިކުރުވި އެވެ. މުޒަރަބާނީއަށް ފުރަތަމަ ހުށަހެޅުން ލިބުނީ ޕާކިސްތާނުގެ އިސްލާމްއާބާދު ޔުނައިޓެޑުންނެވެ. އެއީ އެ ޓީމުގެ ކުޅުންތެރިއެއްގެ ބަދަލުގައި އެ މަގާމަށެވެ. އޭނާ އެ ހުށަހެޅުން ގަބޫލުކޮށް، އެ ޓީމަށް ކުޅެދޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ނަމަވެސް، ހަމަ އެ ދުވަސްވަރު އިންޑިއާގެ ކޮލްކަޓާ ނައިޓް ރައިޑާސްއިން ވެސް އޭނާ އަށް ހުށަހެޅި އެވެ. އެއީ އެ ޓީމުގައި ހުރި ބަންގްލަދޭޝްގެ މުސްތަފިޒުއްރަހްމާން ވަކިވުމުން އޭނާގެ ބަދަލުގަ އެވެ. އައިޕީއެލްއިން ބޮޑު މުސާރައެއް ލިބޭތީ، މުޒަރަބާނީ ނިންމީ ކުރިން ޕާކިސްތާނުގެ ޓީމަށް ދީފައިވާ ޔަގީންކަން އުވާލައި އިންޑިއާގެ ލީގަށް ދިއުމަށެވެ.
މިދިޔަ އަހަރުން ފެށިގެން މި ދެ ލީގު އެއް ދުވަސްވަރެއްގައި ބާއްވަމުންދާތީ، ކުޅުންތެރިންނަށް ދެ ލީގުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ޕާކިސްތާން ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ، އިސްލާމްއާބާދަށް ކުޅެން މުޒަރަބާނީ އެއްބަސްވުމަށް ފަހު އެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ކުޅިވަރުގެ އުސޫލުތަކާ ހިލާފު، ކޮންޓްރެކްޓާ ހިލާފުވުމުގެ އަމަލެއް ކަމަށް ޕީސީބީން ސިފަކުރި އެވެ.
މީގެ ކުރިން ދެކުނު އެފްރިކާގެ ކޯބިން ބޮޝް ވެސް ޕެޝާވަރު ޒަލްމީ ދޫކޮށް މުމްބާއީ އިންޑިއަންސްއާ ގުޅުމުން ވަނީ އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން 2008 ވަނަ އަހަރަށްފަހު ޕާކިސްތާން ކުޅުންތެރިންނަށް އައިޕީއެލްގައި ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ "ދަ ހަންޑްރެޑް" މުބާރާތުގައި އިންޑިއާގެ ވިޔާފާރިވެރިން ހިންގާ ކްލަބްތަކަށް ޕާކިސްތާން ކުޅުންތެރިން ނުނަގާނެ ކަމަށް ދެކެވުނު ވާހަކަތައް މިހާރު ވަނީ ބަދަލުވެފަ އެވެ.
ޕާކިސްތާނުގެ އަބްރާރު އަހުމަދު ވަނީ އިނގިރޭސިވިލާތުގައި އިންޑިއާގެ ވިޔާފާރިވެރިންތަކެއް ހިންގާ ސަންރައިޒާސް ލީޑްސްއަށް ސޮއިކޮށްފަ އެވެ.