މިދިއަ އާދިއްތަ ދުވަހު ލަންޑަންގައި އޮތް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގައި ޕާކިސްތާނަށް ސަޕޯޓްކުރި އިންޑިއާގެ 15 މީހަކު އިންޑިއާގެ މަދްޔަ ޕްރެދޭޝްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނާ ގޮތުގައި މުސްލިމް އެ އެންމެންގެ މައްޗަށް ދައުލަތާ ދެކޮޅު އަމަލެއް ހިންގުމުގެ ދައުވާ ކުރާނެ އެވެ.
ބޮޑު ލަދެއްގަންނުވާލުމަށް ފަހު އިންޑިއާ ބަލިކޮށް ޕާކިސްތާން ޗެމްޕިއަންކަން ހޯދި ފައިނަލް މެޗު ހިނގަމުން ދިޔަ އިރު އެ މީހުން އިންޑިއާއާ ދެކޮޅު ބަސްތައް އިއްވި ކަމަށް ބުނެ އަވަށްޓެރިން ޝަކުވާކުރި އެވެ. އަދި އުފާފާޅުކުރުމުގެ ގޮތުން ފަޓާސް ޖަހާ ވެސް ހެދި ކަމަށްވެ އެވެ.
ދައުލަތާ ދެކޮޅު އަމަލެއް ހިންގުމުގެ ދައުވާ އަކީ އިންޑިއާގެ ގާނޫނުލް އުގޫބާތުގައި ހިމެނޭ އެންމެ ސީރިއަސް އެއް ކުށެވެ. އެ ދައުވާއާ ކުރިމަތިލާން ޖެހޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާއި ސަރުކާރުގެ ވަޒީފާ ނުލިބުމާއި ޝަރީއަތަށް ހިނގާ ހަރަދު ދިނުން ފަދަ ކަންކަން ބޮލުގައި އަޅަން ޖެހެ އެވެ.
އިންޑިއާގެ މީޑިއާތަކުން ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ އެ މީހުން ހައްޔަރުކުރީ ކޮންމެހެން ޕާކިސްތާނަށް ސަޕޯޓްކޮށްގެން ނޫން ކަމަށެވެ. އިންޑިއާއާ ދެކޮޅަށް އަޑުއުފުލުމަކީ ހައްޔަރުކުރުމުގެ ސަބަބު ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ކުރިން ވެސް ޕާކިސްތާންގެ ކްރިކެޓް ޓީމަށް ސަޕޯޓްކޮށްގެން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން 2014 ގައި އުއްތަރް ޕްރަދޭޝްގެ ޔުނިވަސިޓީއަކުން ކަޝްމީރުގެ 66 މުސްލިމް ދަރިވަރުން ކަނޑާލި އެވެ. އެ ކުދިންނާ ދެކޮޅަށް އެ ފިޔަވަޅު އެޅީ އާންމު މަސްލަހަތު ނަގާލި ކަމަށް ބުނެ އެވެ.
އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރުގެ ޔުނިވަސިޓީގައި ކިޔަވާ އިންޑިއާގެ އެހެން ހިސާބުތަކުގެ ދަރިވަރުންނާއި ކަޝްމީރުގެ ދަރިވަރުންނާ ދެމެދު ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ވަންނަން ޖެހުނެވެ.