ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލައިގައި، ނިއު ދިއްލީގައި ހުންނަވާ ޕާކިސްތާނުގެ އެންމެ އިސް ދިޕްލޮމޭޓް ބުދަ ދުވަހު ހާޒިރުކޮށް އިންޑިއާއިން އިހުތިޖާޖުކޮށްފި އެވެ.
"ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ކަނޑުމަތީގައި އަމަލުކުރި ބަލައިނުގަނެވޭނެ އަދި އަންޕްރޮފެޝަނަލް ގޮތުގެ ސަބަބުން އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ސަފީރު ހާޒިރުކޮށް ވަރުގަދައަށް އިހުތިޖާޖު ކުރިން،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށާއި، މި ކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިންޑިއާގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އަރަބި ކަނޑުގެ އުތުރުގެ ސަރަހައްދުގައި ކަމަށެވެ.
"އާންމުކޮށް ހިންގާ ސަވައިލަންސް މިޝަނެއްގައި އުޅުނު އިންޑިއާގެ ކަނޑުގެ ސިފައިންގެ ފްރަންޓް ލައިން އުޅަނދަކާ ދިމާއަށް ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ވަރަށް ބާރު ދުވެލީގައި ކައިރިވެ، އުސޫލުތަކާ ހިލާފަށް އަދި ނުރައްކާތެރި ގޮތަކަށް އުޅަނދު ދުއްވާފައިވޭ،"އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހާދިސާއެއް ތަކުރާރުވިޔަނުދިނުމަށްޓަކައި، ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ މާއްދާތަކަށް މިލިޓަރީ ހުރިހާ ޔުނިޓްތަކަކުން ވެސް ސަމާލުކަންދީ އިހުތިރާމްކުރުމުގެ މުހިންމުކަން ޕާކިސްތާނަށް އެންގުމަށް ސަފީރަށް އަންގާފައިވާ ކަމަށެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަދި އެއް ގައުމުން އަނެއް ގައުމާ މެދު ބޮޑު ނުތަނަވަސްކަމެއް އޮންނަ އިންޑިއާ އާއި ޕާކިސްތާނުން 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ވަނީ ގިނަ ހަނގުރާމަތަކެއް ކޮށްފަ އެވެ. އެ ހަނގުރާމަތައް މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ދެ ގައުމުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގެ މައްސަލައިގަ އެވެ. އަދި ބަރު ހަތިޔާރުތަކާ އެކު ދެ ގައުމުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ދެ ގައުމުގެ އިމުގެ ކައިރީގައި ރުކުރުވާލައިފަ އެވެ.
މެއި 2025 ގައި ދެ ގައުމުގެ މެދުގައި ނުރައްކާތެރި، ހަތަރު ދުވަހުގެ ހަނގުރާމައެއް ވެސް ހިނގާފައިވެ އެވެ. ކަޝްމީރުގައި ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއެއްގައި ޓޫރިސްޓުންގެ 20 އަށްވުރެ ގިނަ މީހުން މަރާލުމާ ގުޅިގެން އެ ހަނގުރާމަ އިސްވެ ފެށީ އެއީ ޕާކިސްތާނުގެ އެހީގައި ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް އިންޑިއާއިންނެވެ. ނަމަވެސް އެ ތުހުމަތު ޕާކިސްތާނުން ދޮގުކުރެ އެވެ. -- އޭއެފްޕީ