ފަސް ގައުމެއްގައި ކިޔަވަން ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

ސްކޮލާޝިޕްތަކަށް ހުޅުވާލާފައި ވަނީ އިންޑިއާ، މިސްރު، ޕާކިސްތާނު، ތައިލެންޑް އަދި މޮރޮކޯގައި ކިޔެވުމަށެވެ.

ދިވެހި ދަރިވަރުންނަށް ހާއްސަކޮށް "ސްކޮލާޝިޕް އިންޑިއާ 2026"ގެ ނަމުގައި ދޭ ސްކޮލަޝިޕްތަކުގައި އިންޑިއާގެ ގުޖަރާތުގެ މަރްވާޑީ ޔުނިވާސިޓީގައި ޑިޕްލޮމާ، ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 31ގެ ނިޔަލަށެވެ.

މިސްރުގެ އަޒްހަރު ޔުނިވާސިޓީން ވަނީ ޝަރިއާ އެންޑް ލޯގެ ދާއިރާއިން ކިޔެވުމުގެ ފަސް ފުރުސަތުގެ އިތުރުން ނެޗުރަލް ސައިންސް މެތަމެޓިކްސް އެންޑް ސްޓެޓިސްޓިކްގެ ދާއިރާއިން ކިޔެވުމުގެ 17 ފުރުސަތެއް ހުޅުވާލައިފަ އެވެ.

އަޒްހަރު ޔުނިވާސިޓީގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ގެ ނިޔަލަށް ވަނީ ދީފަ އެވެ.

ޕާކިސްތާނު ހައިކޮމިޝަނުން، އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީގައި ކިޔެވުމަށް ހަތް ދާއިރާއަކުން ފުރުސަތު ހުޅުވާލާފައިވެ އެވެ. އެއީ އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ބިޒްނަސް އެންޑް އިކޮނޮމީ އާއި ފުޑް ސެކިއުރިޓީ އެންޑް އިންޓަނޭޝަނަލް ރިލޭޝަނާއި ކޮމްޕިއުޓާ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެލައިޑް ހެލްތު ސައިންސާއި މީޑިއާ އެންޑް ލޭންގުއޭޖުގެ އިތުރުން އެގްރިކަލްޗާ އެންޑް ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދީފައިވާ އެ ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މޮރޮކޯއިން 20 ސްކޮލަޝިޕް ދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ 10 ފުރުސަތާއި މާސްޓާސްއަށް ކިޔަވަންދޭ ފަސް ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔަވަންދޭ ފަސް ސްކޮލާޝިޕެވެ. އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އޭގެ އިތުރުން ދެން ސްކޮލާޝިޕަށް ހުޅުވާލާފައި ވަނީ ތައިލެންޑުގައި ކިޔެވުމަށެވެ. އެ ގައުމުގައި މާސްޓާސް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.

ސްކޮލަޝިޕަށް އެދޭ ފަރާތްތަކުން ފޯމާ އެކީ، އެމްކިއުއޭގެ ތައްގަނޑު ޖަހައިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއަކާއި އެންމެ ފަހުން ކިޔެވި ސްކޫލަކުން ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީއަކާއި އެޗްއައިވީ އާއި އެއިޑްސް އާއި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދާފައިވާ މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.

އެ ހުރިހާ ސްކޮލާޝިޕްތަކަށް ވެސް ހަޔާ އެޑިޔުކޭޝަންގެ ކުރި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.