މެދުއިރުމަތީގެ ހަނގުރާމައާ ހެދި ސަރަހައްދު އަމާންކަން ގެއްލިފައި ވަނިކޮށް، ސަރަހައްދީ ބައިވެރިންނާ އެކު ހެދި ދިފާއީ އެއްބަސްވުމުގައި މިސްރު ވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކައިރި ގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ހޮރްމޫޒް ކަނޑުއޮޅި އާއި ރަތްކަނޑުގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައި، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ހުކުރު ދުވަހު ވަނީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އީރާނާއި ޔަމަންގައި އުޅޭ، އީރާންގެ އެހީ ލިބޭ ހޫތީ ހަނގުރާމަވެރިންނަށް ވަނީ މި ހަނގުރާމައިގެ ސަބަބުން އިތުރު ހިތްވަރެއް ލިބިފަ އެވެ. ހޫތީން ސައޫދީ އަރަބިއްޔާއަށް ހަމަލާތައް ދީފައިވާއިރު، މެޑިޓަރޭނިއަން ކަނޑުގައިވާ މިސްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ބޯޓަކަށް މިދިޔަ މަހު ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ފިދާން، އެ ގައުމުގެ ދައުލަތުގެ ނިއުސް އޭޖެންސީ އަނަދޯލޫއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި މިސްރުން ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، މިސްރަކީ "ހުރިހާ ކަމެއްގައިވެސް ތަބައީ ބައިވެރިއެއް" ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އިއްތިހާދުގެ ދެން އޮތް މަރުހަލާގައި މިސްރު ވެސް އަޅުގަނޑުމެންނާ އެކު ބައިވެރިވާނެ ކަމަށް. އަޅުގަނޑުމެން މިހާރުވެސް އަމަލުކުރަމުން މިގެންދަނީ އިއްތިހާދުގެ މެމްބަރުންގެ ގޮތުގައި،" އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ. "އަދި ބައެއް ފަންނީ މައްސަލަތަކެއް އެބަހުރި. އެކަންކަން ހަމަޖެހުމުން، މިސްރު މި ކަމުގައި ބައިވެރިނުވާންވީ އެއްވެސް ސަބަބެއް ނެތް."

ފިދާން ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ވަކި ހާއްސަ ގައުމަކަށް އަމާޒުކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫނެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނީ، މި އެއްބަސްވުމުގެ ދަށުން، އެއްވެސް މެމްބަރު ގައުމަކަށް ދޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި، މީގެ މަގުސަދަކީ "އިއްތިހާދުގެ ރައްކާތެރިކަން ވަރުގަދަކުރުން" ކަމަށެވެ.

އިންޓަވިއުގައި ފިދާން ވިދާޅުވީ، މި އެއްބަސްވުމަކީ "މި ސަރަހައްދަށް ދާއިމީ ހަމަޖެހުން ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު" ކަމަށާއި، މި އިއްތިހާދު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސްގެ ތަސައްވުރުގެ ދަށުން، އަޅުގަނޑުމެން ތިން ގައުމަކަށް އެކަނި ހާއްސަކޮށްގެން ތިބެގެން ނުވާނެ. އަޅުގަނޑުމެން ޖެހޭނީ ކުރިއަރައި، ބޭނުންވެއްޖެ ހިނދެއްގައި ހުރިހާ ގައުމުތަކެއްވެސް މި ކުޑައިގެ ދަށަށް ގެންނަން،" އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ